އަހަރެމެންގެ ގެތައް ބުރިބުރިއަށް އަޅައި ނިންމާއިރު ފުރަތަމަ ކަމެއްގެ ގޮތުން ކުރާ އެއް ކަމަކީ ގޭގައި ހޮނު ދަގަނޑު ހަރުކުރުމެވެ. ހޮނު އެޅުމުން ސަލާމަތްވުމަށެވެ. ނަމަވެސް އެހައި ފުރިހަމައަށް ގެ އުޅޭނެ ގޮތް ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވުމުންވެސް ގޭގައި ނަމާދެއް ނުކުރެއެވެ. އެހެންކަމަށްވާނަމަ މިކުރެވެނީ ކީއްހެއްޔެވެ؟
ނިކަން ވިސްނައިލަބަލާށެވެ! ހޮނު އެޅުމަކީ އެއްވެސް މީހަކަށް ހުއްޓުވޭނެ ކަމެއް ނޫނެވެ. އެވަރުގެ ބާރެއް އެއްވެސް މީހަކަށް އަދި ބައަކަށްވެސް ލިބިގެނެއް ނުވެއެވެ. އެއީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި ޤްދްރަތްތެރިކަމުގެ ތެރެއިން ހިނގާ ކަންކަމެވެ. ކިތަންމެ ވަރުގަދަ ދަގަނޑުތަކެއް ކިތަންމެ މޮޅަށް ޖަހާފައި ހުރި ނަމަވެސް ﷲ ތަޢާލާ އިރާދަ ކުރައްވަވައިފިނަމަ ހޮނުގެ މުޞީބާތަކުން ސަލާމަތެއް ނުވެވޭނެއެވެ.
ހޮނު އެޅުން މިންވަރު ކުރައްވަވަނީ ﷲ ތަޢާލާއެވެ! ﷲ ތަޢާލާ އަނގަވާފައި މިވަނީ ނަމާދު ކުރުމަށެވެ. އަންހެނުންނަކީ ގޭގައި ނަމާދުކުރަން ޖެހޭ ބައެކެވެ. ފިރިހެނުން ވެސް ސުންނަތް ނަމާދުތައް ކުރުން ރަނގަޅީ ގޭގައެވެ. އެހެންކަމާއިއެކުވެސް ގޭގައި ނަމާދު ނުކުރާނަމަ ﷲ ތަޢާލާގެ އެންގެވުމަށް އަމަލުކުރެވޭ ކަމަށްވާނެ ހެއްޔެވެ؟
މީސްތަކުންނޭވެ! ހޮނުން ސަލާމަތްވުމަށް ދަގަނޑުވެސް ޖަހާށެވެ! ކުރެވެން ހުރި ކޮންމެ ކަމެއް ކުރާށެވެ! ރައްކައުތެރިވެ ތިބުމަށް އިސްލާމް ދީން ބާރުއަޅައެވެ. ނަމަވެސް ޤަބޫލުކުރަންވީ ކަމަކީ ހޮނު އުޅުން ފަދަ މުޞީބާތްތަކުން ސަލާމަތް ކޮށް ދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާ ކަމެވެ. އެ ދަގަނޑުތައް ނޫން ކަމެވެ. ވީމާ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް އަމަލުކުރުން ކަމެވެ. ޚާއްޞަކޮށް ނަމާދު ކުރުމެވެ.
ދިރިއުޅުމުގައި ކުއްލި ޙާލަތުތައް ކުރިމަތިވުމަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ ކަންކަމެވެ. މިސާލަކަށް ވަރަށް ގާތް މީހެއް ނުވަތަ ޢާއިލާގެ މީހަކު ކުއްލިއަކަށް މަރުވުން، އެފަދަ މީހަކު ނުވަތަ ޚުދު ތިމާ ބަލިވުން، ނުވަތަ ވަޒީފާ ގެއްލުން ފަދަ ކަންތައްތައް ކޮންމެ ދުވަހަކުވެސް އަދި ކޮންމެ ވަގުތަކުވެސް ކުރިމަތިވެދާނެއެވެ.
މުސްލިމުންނަކީ ޤްދްރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ފިޔަވަޅު އަޅާފަދައިން ކުރިމަތިވެދާނެ ހާލަތަށް ރައްކާތެރިވާންޖެހޭ ބައެކެވެ. މިފަދަ ކޮންމެ ކަމަކުން ސަލާމަތްވެ ތިބެވޭނީ އެކަންކަމަށް ރައްކައުތެރިވެ ތިބި ވަރަކުންނެވެ. ރައްކައުތެރިވުމަށް ކުރަން އޮތް ކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުތައް ބެހެއްޓުމެވެ. އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކުރުމެވެ. ކުރިމަތިވާ ކުއްލި ހާލަތްތަކުން މިންޖުވެވި ހަމަޖެހިލައިގެން ތިބެވޭނީ އިސްލާމް ދީނަށް އަމަލުކުރާ ބައަކަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން