ﷲ ތަޢާލާގެ ކޯފާއަށް ބިރުގަންނަމުތޯ؟ އަދި ނަރަކައިގެ އަލިފާނަށް ބިރިގަންނަމުތޯ؟ ސުވާލުކޮށްފިނަމަ ސުވާލުކޮށް ނުނިމިގެން އުޅެނިކޮށް ބިރުގަންނަކަމަށް ބުނެ އެބަ ޖަވާބު ދެމުއެވެ. ސުވާލަކީ އެއީ ކުޑައިރުންސުރެ މައިން ބަފައިން ދަސްކޮށްދީފައިވާ ޖަވާބަކަށްވާތީ ބުނަނީ ހެއްޔެވެ؟ ނޫނީ ހަމަ ތިމާގެ ހިތުން ބިރުގަންނާތީ ބުނަނީ ހެއްޔެވެ؟
މީހަކު ކަމަކަށް ބިރުގަންނަ ނަމަ އެމީހެއްގެ ކިބައިން އެކަމުގެ ޢަލާމާތްތައް ފެންނާނެއެވެ. މިސާލަކަށް ފުލުހުން ދެކެ ބިރުގަންނާތީ ފުލުހުންނަށް ފެންނަގޮތަށް އެއްވެސް ކުށެއް ނުކުރާނެއެވެ. ސީސީޓީވީއަށް ރެކޯޑްވެދާނެތީ ސީސީޓީވީގެ ކެމެރާއަށް އަރާ ގޮތަށް އެއްވެސް މީހަކު ޤަޞްދުގައި ކުށެއް ނުކުރާނެއެވެ.
އަހަރެމެން ﷲ ތަޢާލާއަށް ބިރުގަންނަ ކަމަށް ބުނަމުން ﷲ ތަޢާލާ ނަހީ ކުރެއްވެވި ގިނަކަންތައްތަކެއް އެބަ ކުރަމުއެވެ. ކުރަން އެންގެވި ގިނަ ކަންތައްތަކެއް ނުކޮށްވެސް އެބަ ދޫކޮށްލަމުއެވެ. ވީއިރު ބިރުގަނެވިފައި ކޮބައިހެއްޔެވެ؟ ﷲ ތަޢާލާގެ "ސީސީޓީވީ ކެމެރާއަށް" ނުއަރާ ގޮތަށް ސިއްރުން އެއްވެސް ކަމެއް ނުކުރެވޭނެކަން އެނގޭއިރުވެސްމެއެވެ. ކުރި ކޮންމެ އަމަލަކާއި ބުނި ކޮންމެ ބަހެއް ލިޔުއްވަވަން ދެ ކޮނޑުގައި މަލާއިކަތުން ތިއްބަވާކަން އެނގޭއިރުވެސް މެއެވެ. ވީއިރު ﷲ ތަޢާލާގެ ކޯފާ އަށާއި ނަރަކައިގެ އަލިފާނަށް ބިރުގަންނަ ކަމުގެ ހެއްކަކަށް ދެއްކޭނީ ކޮން ކަމެއް ހެއްޔެވެ؟
މިސާލަކަށް ނަމާދަށް ބަންގިގޮވީއެވެ! ތިބާ ނަމާދަކަށް ނުދެއެވެ. އިނީ ކޮފީ ބޮއި މަޖާކުރާށެވެ! ނުވަތަ އެހެންވެސް ކޮންމެވެސް ކަމެއް ކުރުމުގައެވެ. ތިބާގެ އެ އަމަލު ﷲ ތަޢާލާގެ "ސީސީޓީވީ ކެމެރާޢަށް" އަރާ ކަމުގެ ބިރު ހިތަށް ވަދޭހެއްޔެވެ؟ ނުވަންނަ ނަމަ ﷲ ތަޢާލާގެ ކޯފާ އަށާއި ނަރަކައިގެ އަލިފާނަށް ތިބާ ބިރުގަންނަ ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟
އަދިވެސް މިސާލެއް ބުނެފާނަމެވެ! ގެއިން ހަރުފައެއް ފަދަ އެއްޗެއް ފެނިއްޖެނަމަ ބިރުން އެތައް ރެއަކު ނުނިދައި އެބަ ތިބެމުއެވެ. ދިރިއުޅޭ ސަރަހައްދުން އާދައާ ޚިލާފަށް ބިރުވެރިކަމެއް ކުރިމަތިވެއްޖެނަމަ އެތައް ރެއަކު ބިރުން ނުނިދައި އެބަ ތިބެމުއެވެ. އުމުރުން 60 ވެގެން އަންނައިރު އެންމެ ރެއަކުވެސް ﷲ ތަޢާލާގެ ކޯފާ އަށާއި ނަރަކައިގެ ބިރުވެރިކަމާއިމެދު ވިސްނުމަށް އެންމެ ރެއަކުވެސް ހޭލައި ހުރެވިއްޖެ ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަންކަމެވެ. ﷲ ތަޢާލާގެ ކޯފާއަށް އަދި ނަރަކައިގެ އަލިފާނަށް ބިރުގަންނަ ކަމަށް ބުނާއިރު އެއީ ހަމައެކަނި ދުލުން ބުނެލައިގެން ފުއްދައިލެވެން އޮތް ކަމެއް ނޫނެވެ. އެކަން އަމަލުތަކުންވެސް ދައްކަން ޖެހޭނެއެވެ. ދެއްކެން ޖެހޭނެއެވެ! ނޫނީ ބުނާ ބަހުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ!
އަމަލުތަކުން ދެއްކުމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވުމެވެ. އިސްލާމް ދީނަށް އަމަލުކުރުމެވެ. ﷲ ތަޢާލާއަށްވެސް އަދި ނރަކައިގެ އަލިފާނަށްވެސް ތިމާ ހުށަހޮޅިގެންދަނީ ޤ ތަޢާލާގެ އެންގެވުންތަކަށް އަމަލު ނުކުރުމުންކަން އަބަދުވެސް ހިތުގައި ބާއްވައިގެން ނޫނީ ﷲ ތަޢާލާގެ ކޯފާ އާއި ނަރަކައިގެ އަލިފާނުން ސަލާމަތެއް ނުވެވޭނެއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން