ކަރަންޓް ހިނގައްޖެނަމަ އަނދިރިވެއެވެ. އެކަމުން ސަލާމަތްވުމަށް އިމަރޖެންސީ ލައިޓް އެބަ ބޭނުން ކުރަމުއެވެ. އެކަމުންވެސް އެނގެނީ ކަރަންޓަ ދާނެ ކަމާއި ކަރަންޓް ދިއުމުން އަނދިރިވާނެކަން ޤަބޫލުކުރެވޭ ކަމެވެ. ނަމަވެސް ޤަބޫލު ނުކުރެވިގެން މިއުޅެނީ އެންމެ އަނދިރި ރޭ އޮތީ ކުރިއަށް ކަމެވެ. އެންމެ އަނދިރި ދުވަސް ވެސް އޮތީ ކުރިއަށް ކަމެވެ!
ކޮންމެ މީހަކުވެސް މަރުވެ ކައްވަޅަށް ދާން ޖެހޭނެއެވެ. ކައްވަޅަކީ ކަރަންޓުން އަލިކުރެވޭނެ ތަނެއް ނޫނެވެ. އަދި އިރުގެ އަލިފަދަ އެއްވެސް އަލިކަމެއް ލިބޭނެ ތަނެއް ނޫނެވެ. ކައްވަޅުގައި އެމީހަކަށް ފެންނާނީ ހަމައެކަނި ﷲ ތަޢާލާ އެމީހަކަށް ދެއްކެވި ތަނެކެވެ. ފެންނާނީވެސް ﷲ ތަޢާލާ އެމީހަކަށް ދެއްކެވި އެއްޗެކެވެ. އެމީހަކު އަމިއްލައަށް ކިތަންމެ ބޭނުންވިޔަސް ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވި ކަމެއް ނޫން އެއްވެސް ކަމެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ.
އަހަރެމެން މަސައްކަތް ކުރަންވީ ކައްވަޅު އަލިކުރެވޭތޯއެވެ! އާޚިރަތް ދުވަހުގެ ގަދަކަންބޮޑު އަނދިރިކަމުން ސަލާމަތް ވެވޭނެ ފަދަ އަލިކަމެއް ލިބޭނީ ހަމަ ކައްވަޅުގައިވެސް އަލިކަން ލިބުނު މީހަކަށެވެ. އެމީހަކަށް ﷲ ތަޢާލާގެ ނޫރުފުޅުން އަލިކަން ދެއްވެވި މީހަކަށެވެ. ދުނިޔޭގައި ތިބެ ގަދައަޅައި މަސައްކަތްކުރަންވީ އެކަމަށެވެ. ޞީރާޠް މަގު ހުރަސް ކުރެވޭނީ ﷲ ތަޢާލާގެ ނޫރުފުޅުން އަލިކަން ލިބުނު މީހަކަށެވެ. ވީއިރު އެއަށްވުރެ މުހިންމު އަލިކަމަކީ ކޮބައިހެއްޔެވެ؟
އެއްވެސް މީހަކީ މަރުވާން ބޭނުންވާނެ މީހެއް ނޫނެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ ވީހައި ގިނަ ދުވަހަކު ދުނިޔޭގައި ހުންނާށެވެ. އެމީހެއްގެ ޢާއިލާގެ މީހުންނާއިއެކު ހުންނާށެވެ. ނަމަވެސް އެއީ އެއްވެސް މީހަކަށް ލިބޭނެ ފުރުޞަތެއް ނޫނެވެ. ފަހުގެ ތާރީޚަށް ބަލައިފިނަމަ ދުނިޔޭގެ ރެކޯޑް ފޮތްތަކުން އެނގެން އޮތް ގޮތުގައި އެންމެ ގިނަ ދުވަހު ދުނިޔޭގައި އުޅުނު ކަމަށް ބެލެވެނީ ފްރާންސްގެ މީހެކެވެ. އޭނާ ދުނިޔޭގައި އުޅުނު ކަމަށް ބެލެވެނީ 1875 އިން 1997 އަށެވެ. އެހެންކަމަށްވާނަމަ އޭނާ އެވަނީ 122 އަހަރާއި 164 ދުވަހު ދުނިޔޭގައި އުޅެފައެވެ.
މީހުން މަރުވާ އެވްރެޖް އުމުރު އެކި ޤައުމުތަކުގައި ހުރީ އެކިވަރަށެވެ. ކޮންމެއަކަސް އެނގި ޔަޤީންވާ ކަމަކީ މަރު ނުވެ ހަމަ އެކަކަށްވެސް ނުހުރެވޭނެ ކަމެވެ. މަރުވާނެ ކަމެވެ. މަރުވުމުން އެފެށެނީ ނިމުމެއް ނެތް ހަޔާތެއް ކަމެވެ. އެ ހަޔާތުގައި ކަންކަން ކުރިމަތިވާނީ އެމީހަކު ދުނިޔޭގައި އުޅުނު ގޮތެއްގެ މައްޗަށް ކަމެވެ. ކައްވަޅުގައި ހޭދަކުރާ ބަރުޒަޚްގެ ޢާލަމްގެ ދުވަސްތަކާއި ޤިޔާމަތް ދުވަހު އަލިކަމެއް ނުލިބުނު މީހާ ވެގެންދާނީ އަބާއްޖަވެރިނެގެ ތެރެއިން ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން