މީހަކަށް ފެނުނު ހުވަފެނެކެވެ. ހުވަފެނުގައި އެމީހާ ހުރީ މަރުގެ މަލާއިކަތާ އާއިއެކު އެއްބަސްވުމެއް ހަދައިގެންނެވެ. އެއްބަސްވުމުގައި ވަނީ މަރު ހިއްޕެވުމުގެ ކުރިން އޭނާއަށް ނޯޓިސް ދެއްވުމަށެވެ. އޭނާ ހުރީ އެ ނޯޓިސް ލިބުމުން ތައުބާވެ ހުރިހާ ކަމެއް އިޞްލާޙްކުރަން ނިންމައިގެންނެވެ. ނޯޓިސް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.
އެގޮތުގައި ހުއްޓައި ކުއްލިއަކަށް އެއް ރޭ މަރުގެ މަލާއިކަތާ އޭނާގެ މަރު ހިއްޕަވަން ވަޑައިގަތުމުން އޭނާ ދެންނެވިއެވެ. ނޯޓިސް ވެސް ނުދެއްވަވަމު ނޫންތޯއެވެ! އަޅުގަނޑު މިހުރީ ތައްޔާރުވެސް ނުވެއެވެ.
އެހިނދު މަލާއިކަތާ ވިދާޅުވިއެވެ. "ނޯޓިސް ފޮނުވޭނީ ކިހައި ވަރަކަށް ހެއްޔެވެ؟ ކަލޭގެ ބޮލުގައި ހުރި ކަޅު އިސްތަށުތަކުގެ ކުލަ މިހާރު ނިކަން ބަލާށެވެ! ތިއައީ އެއް ދުވަހުން ވި ކަމެއް ނޫނެއް ނޫން ހެއްޔެވެ؟ އަނގައިގެ ގިނަ ދަތްތައް މިހާރު ތިހިރީ ފައިބައިފައެވެ. މޫނާއި ހަށިގަނޑުގައި ތިއަ ވަނީ ރޫތަކެވެ. މި ހުރިހާ ނޯޓިސްތައް އެތައް އަހަރަކު ލިބެމުން ދިއަ އިރުވެސް ކަލޭ އެކަމަށް ޣާފިލުވީ ނޫން ހެއްޔެވެ؟ ދެން އޮތީ މަރުވުމެވެ."
އެހިސާބުން ނިދީން ހޭލެވުމާއިއެކު ފުންމައިގެން ތެދުވެ ވިސްނަން ފެށިއެވެ. މަރުގާތްވުމުން ތައުބާވެ ހެޔޮ އަމަލުތައް ކުރުން އިތރުކުރަން ހުއްޓައި މިފެނުނީ ކޮން ކަހަލަ ހުވަފެނެއް ހެއްޔެވެ؟ މިއީވާ ވަރުގަދަ އިންޒާރެކެވެ. މިވަގުތުން ފެށިގެން މަރަށް ތައްޔާރުވުމަށް މަސައްކަތް ފަށަންވީއެވެ.
މަރުމަތި އަމާންކޮށް ފެންނަނީ ވަރަށް މަދު މީހެއްގެއެވެ. ހާހަކުން މީހެއްގެވެސް ނުފެންނަ ކަމަށް ބުނެވިދާނެއެވެ. މަރުވާ ވަގުތު ހަމަޖެހިލައިގެން ޝަހާދަތް ކިޔައި ހިނިތުންވެ އޮވެ މަރުވާތަން ފެންނަނީ ވަރަށް މަދު މީހެއް ކަމަށްވާތީއެވެ. ހަޤީޤަތް މޮޅަށް ދެނެވޮޑިގެންވާނީ ﷲ ތަޢާލާއެވެ.
އަހަރެންނަށް ޤަބޫލުކުރެވޭ ގޮތުގައި މިކަން މިގޮތަށް މެދުވެރިމިވަނީ ހަމަ މަރަށް ތައްޔާރު ނުވެވޭތީއެވެ. ފަހުން ތައްޔާރުވާން ނިންމައިގެން ހުއްޓައި މަރާއި ކުރިމަތިލާން ޖެހޭތީއެވެ. އުމުރުން ދުވަސްވާ ވަރަކަށް މަރަށް ތައްޔާރުވުން އިތުރުވުމަށް ގަދައަޅައި މަސައްކަތްކުރަންވީއެވެ. ސަލާމަތް ކަމެއް ލިބޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން