އިސްލާމް ދީން ބުރަނަމަ ކޮންމެ ދުވަހަކު އެތައް ހާސް ކާފަރުން އިސްލާމެއް ނުވާނެ! - ބުރަވަނީ ނަރަކައަށް ބިރު ނުގަންނަ މޮޔައިންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
އިސްލާމް ދީން ބުރަނަމަ ކޮންމެ ދުވަހަކު އެތައް ހާސް ކާފަރުން އިސްލާމެއް ނުވާނެ! - ބުރަވަނީ ނަރަކައަށް ބިރު ނުގަންނަ މޮޔައިންނަށް!

ﷲ ތަޢާލާގެ އެއްކަވަންތަކަން ޤަބޫލުކުރާ ކަމަށާއި ތިމާ މިހިރީ ﷲ ތަޢާލާއަށް އީމާންވެގެން ކަމަށް ބުނަމުން ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަމަށް އަރައިގަންނަމުންދާ މީހުން އެބައުޅެއެވެ. މިބުނަނީ ﷲ ތަޢާލާގެ އެއްކަވަންތަކަން ޤަބޫލުކުރާ ކަމަށާއި ތިމާ މިހިރީ ﷲ ތަޢާލާއަށް އީމާންވެގެން ކަމަށް ބުނަމުން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ ޢަމަލު ނުކުރާ މީހުންގެ ވާހަކައެވެ. 

އަހަރެންގެ ކުރިމަތީގައި އެފަދަ މީހުންނާއި އިބިލީހާއި ހުރި އެއްވެސް ތަފާތެއް ވެސް ނެތެވެ. އިބިލީސް ވެސް ހުރިހާ ނުބައި ކަމެއް ކުރަނީ ހަމަ ﷲ ތަޢާލާގެ އެއްކަވަންތަކަމާއި ކުޅަދުންވަންތަކަން ޤަބޫލުކުރާ ހާލުގައި ކަމަށްވާތީއެވެ. ދުނިޔެ ނިމާނެ ކަމާއި އާޚިރަތް ދުވަހު ހިސާބު ބައްލަވާނެ ކަމާއި ﷲ ތަޢާލާ އަންގަވާފަދައިން އަމަލު ނުކުރުމުން ދާންޖެހޭނީ ނަރަކައަށްކަންވެސް އެނގިހުރެއެވެ. 

އަހަރެމެން ﷲ އަކްބަރު މިކިޔަނީ އެންމެ މަތިވެރި ފަރާތަކީ ﷲ ތަޢާލާ ކަމަށް ޤަބޫލުކޮށްގެންނެވެ. އަދި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވާން ޖެހޭނެ ކަންވެސް ޤަބޫލުކޮށްގެންނެވެ. ވީމާ އެ ކިޔަމަންތެރިކަން އަދާ ނުކުރާނަމަ އެމީހަކު އެބުނަނީ ތިމަން ﷲ ތަޢާލާއަށްވުރެ މާމަތިވެރިކަމަށް ނޫން ހެއްޔެވެ؟ 

ނަރަކައަށް ބިރުގަންކަމަށް އެބަ ބުނެއެވެ. ނަމަވެސް ނަރަކައަށް ދާންޖެހޭ އަމަލުތައް އެބަ ކުރެއެވެ. ސުވަރުގެ ލިބެން ބޭނުން ކަމަށް އެބަ ބުނެއެވެ. ނަމަވެސް ސުވަރުގެ ވަދެވޭނެ އެއްވެސް މަސައްކަތެއް ނުކުރެއެވެ. ވީއިރު ނިކަން ބުނެބަލާށެވެ! ކިޔޭ އެއްޗަކާއި ކުރެވޭ އަމަލާއި އެބަ ދިމާވޭ ހެއްޔެވެ؟ ނަރަކައަށް ވަންނަން ޖެހިދާނެތީ ބިރުގަންނަކަމަށް ބުނަމުން ނަރަކައިން ސަލާމަތް ވުމަށް މަސައްކަތް ނުކުރާނަމަ، އަދި ދާން ބޭނުމީ ސުވަރުގެ ކަމަށް ބުނަމުން ސުވަރުގެދާން މަސައްކަތް ނުކުރާނަމަ އެމީހަކަށްވުރެ ބޮޑު މޮޔައަކީ ކާކުހެއްޔެވެ؟ ނަރަކައިން ސަލާމަތްވެވޭނީވެސް އަދި ސުވަރުގެ ވަދެވޭނީ ވެސް އެކަމަށް ގަދައަޅައި މަސައްކަތްކުރުމުންކަން އެނގޭ ހާލުގައިވެސްމެއެވެ.  

އިސްލާމް ދީނަށް އަމަލުކުރުމަކީ ބުރަކަމެއް ކަމަށް މުސްލިމުންގެ ތެރެއިން ބައަކު ދެކޭއިރު ކާފިރުންނަށް އެކަން ފެންނަނީ އެގޮތަކަށް ނޫނެވެ. މުޅިން ތަފާތު ގޮތަކަށެވެ. އިސްލާމް ދީނުގައި ހުރި ބުރަތައް އެމީހުންނަށް ފެންނަނީ ތަކުލީފްތަކެއްގެ ގޮތަކު ނޫނެވެ. އެމީހުންނަށް ހުރި ފައިދާ ކަމެއްގެ ގޮތުގައެވެ. އިސްލާމް ދީނަށް އުޅުމަކީ މީހަކަށް އެހައި ފަސޭހަކަމެއް ނޫން ކަމަށް ބައަކު ބުނާއިރު އެއީ އެމީހުންނަށް ވިސްނޭ ގޮތް ކަމަށްވެސް ވެދާނެއެވެ. ހަމައެކަނި ކޮންމެ ދުވަހަކު ކުރަން ޖެހޭ 5 ނަމާދަށް ބެލި ނަމަވެސް ފުރިހަމަ އަޤީދާއެއްގެ މަތީގައި ހުރި މީހަކަށް ނޫނީ އެކަން ކުރަން އެހައި ފަސޭހަ ނުވާނެތީއެވެ. 

އެހެން ދީންތަކަށް ބަލައިފި ނަމަ މިފަދަ އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. ކްރިސްޓިއަނުންނަށް ބަލައިފިނަމަ ހަމައެކަނި ޢަދީއްތަ ދުވަހު ގަޑިއެއްހައި އިރަށް ފައްޅިއަށް ގޮސްލުމުން ނިމުނީއެވެ. ނަމަވެސް އެހުރިހާ ލުއި ފަސޭހަ ގޮތްތަކެއް ދޫކޮށް ކޮންމެ ދުވަހަކު ދުނިޔޭގެ ގިނަ ބައަކު އިސްލާމްވަމުން އައުމުން އެކަނިވެސް އިސްލާމް ދީނުގެ މަތިވެރިކަން ނުއެނގެނީ ހަމަ ސިކުނޑީގައި އެއްވެސް ބާރެއް ނެތުމުން ނޫން ހެއްޔެވެ؟

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން