ދެމަފިރިން އެކަކު އަނެކަކަށް ޝުކުރުވެރިނުވެ އުފާވެރިކަމެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ދެމަފިރިން އެކަކު އަނެކަކަށް ޝުކުރުވެރިނުވެ އުފާވެރިކަމެއް ނުލިބޭނެ!

ކާމިޔާބު ދިރިއުޅުމެއް އުޅެން ބޭނުންނަމަ ޝުކުރުވެރިވާން ޖެހޭ ކަމަށް ބުނަނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. ކާފިރުންވެސް އެކަން ޤަބޫލުކުރެއެވެ. އެއީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުން އެކަން ތަޖުރިބާ ކުރެވޭތީއެވެ. 

ވަޒީފާ އަދާކުރާ މީހުން ވިސްނައިބަލާށެވެ! އެތަނެއްގައި ކުރިއަށް ދެވެނީ އެތަނެއްގެ އުޞޫލުތައް ޤަބޫލުކޮށް އެތަނަކުން މުވައްޒިފުންނަށް ފޯރުކޮށްދޭ ކަންކަމަށް ޝުކުރުވެރިވާ މީހުންނަށް ނޫން ހެއްޔެވެ؟ އިސް މަޤާމްތަކުގައި ތިބެނީ އެފަދަ މީހުން ނޫނެ ހެއްޔެވެ؟ 

އަމިއްލަ ޢާއިލާއަށް ބަލާށެވެ! ދެމަފިރިން ގުޅިގެން އެކުގައި ލޯބިން އުޅެވެނީ އެކަކު އަނެކަކަށް ކޮށްދޭ ކަންކަން ފާހަގަކޮށް އެކަކު އަނެކަކަށް ޝުކުރުވެރިވާ މީހުންނެވެ. ޗުކުރުވެރި ނުވާނަމަ އަބަދު ވެސް އުލެން ޖެހޭނީ ހިތްހަމަނުޖެހުމުގައެވެ. ތަޅާ ފޮޅުމާއި ޒުވާބު ކުރުމުގައެވެ. އެފަދަ ދެމަފިރިއަކަށް ހަމަޖެހިލައިގެން ތިބެ ނިދައިލެވޭނެ ރެއެއްވެސް ވަރަށް މަދުވާނެއެވެ. 

އިސްލާމް ދީނަށް ބަލައިފިނަމަ އަހަރެމެން ﷲ ތަޢާލާއަށް އަޅުކަން ކުރަނީ ވެސް އެސަބަބަށްޓަކައެވެ. ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވުމަށެވެ. އަދި ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ހަމަ އެކަނި ﷲ ތަޢާލާއަށް އަޅުކަން ކުރަނީ ވެސް ހުރިހާ ނިޢްމަތްތަކެއްވެސް މިންވަރުފުޅު ކުރައްވަވާފަރާތަކީ ހަމައެކަނި ﷲ ތަޢާލާ ކަމަށްވާތީއެވެ. 

މިކަންކަން ޤަބޫލުނުކުރާ މީހުންނަށް އަބަދުވެސް އުޅެން ޖެހޭނީ ކޮންމެވެސް ކަމެއް ޙާޞިލު ނުވެގެން ޝަކުވާ ކުރުމުގައެވެ. އެންމެ ފަހުން ހަޔާތް ނިމި މަރުވާން ޖެހެނީވެސް އެކަމެއް ނުވަތަ ކަންތައްތަކެއް ހާޞިލުނުކުރެވިގެން ތެޅިފޮޅި ހުއްޓައެވެ. 

ﷲ ތަޢާލާ އެމީހަކަށް ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވާން ނުއެނގޭ މީހަކަށް އެހެން ފަރާތަކަށް ޝުކުރުވެރިވާކަށް ނުއެނގޭނެއެވެ! ވީމާ މިދުނިޔެވެސް އާޚިރަތްވެސް ކާމިޔާބުކުރަން އެދޭނަމަ ޝުކުރުވެރިވާން ދަސްކުރާށެވެ! 

ނަމަވެސް އިންސާނުންނަށް ކަންކަން މިހާރަކަށް އައިސް މިވިސްނެނީ މުޅިންތަފާތު ގޮތަކަށެވެ. އަނބިމީހާ އަކީ ހެޔޮލަފާ ޚިދުމަތްތެރިއަކު ކަމުގައިވެއްޖެ ނަމަ ޝުކުރުވެރިވާން އެއްގޮތަކަސް ވެސް ހަނދާނެއް ނުހުރެއެވެ. އަނބިމީހާއަށް ޝުކުރުވެރިވާން ހަނދާން ހުންނާނީ ކިހިނަކުން ހެއްޔެވެ؟ ﷲ ތަޢާލާ އެމީހަކަށް ދެއްވަވާ ނިޢްމަތްތައް އިތުރުކުރައްވަވައިފިނަމަ ﷲ ތަޢާލާއަށްވެސް ޝުކުރުވެރިވާން ހަނދާނެއް ނުހުރެއެވެ. 5 އިރަށް ގޮވާ ބަނގީގެ އަޑު އިވޭ ކަމަކަށްވެސް ނުވެއެވެ. 

ވީމާ ދެދުނިޔެ ލިބުންވެސް މިއޮތީ ހަމަ ޝުކުރުވެރިވީ ވަރަކުންނެވެ! މިދުނިޔެއާއި އާޚިރަތްވެސް ޙާޞިލުކުރެވޭނީ ޝުކުރުވެރިވާން އެނގިގެންނެވެ. އެންމެ ފުރަތަމަ ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކަށެވެ. އެއަށްފަހު ދެމަފިރިން އެކަކު އަނެކަކަށެވެ! އެމީހަކު ޝުކުރު އަދާކުރަން ޖެހޭ ކޮންމެ ފަރާތަކަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން