އާމިނަތަކީ ޢާއިލީ ގޮތުން ކޮންމެވެސް ވަރެއްގެ ގާތްކަމެއް ވެސް އޮތް ކުއްޖެކެވެ. އެގެއަށްވެސް ގޮސް އުޅެމެވެ. އަގު ބޮޑު ހަދިޔާ ވެސް ގެންގޮސް ދެމެވެ. ނަމަވެސް ދުވަހަކުވެސް އެއްވެސް ހަދިޔާއެއްގައިވެސް ނުހިފާނެއެވެ. ބުނާނީ އެބާވަތުގެ އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށެވެ. ކޮންމެވެސް އެހެން ކުއްޖަކަށް ނޫނީ މަންމައަށް ދިނުމަށެވެ. ކެއުމަކަށް ތަނަކަށް ދާން ދައުވަތު ދިން ނަމަވެސް އަދި ދަތުރެއް ހުށަހެޅި ނަމަވެސް ޤަބޫލެއް ނުކުރާނެއެވެ.
އަހަރެންގެ ޝިކާރައަކަށް އާމިނަތު ހަދައިލެވޭތޯ މަސައްކަތްކުރަމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. އަބަދުވެސް ސުވާލު އުފެދެއެވެ. އެހެން ކުދިން ލިބެއެވެ. އާމިނަތު ނުލިބިގެން މިއުޅެނީ ކީއްވެގެންބާވައެވެ.
އެއް ރެއެއްގެ 10 ޖަހައި އެހައިކަންހާއިރެވެ. މަގުމަތީގައި މީހުންވެސް ވަރަށް މަދެވެ. ކާރުގައި ދަނިކޮށް އާމިނަތު ފެނިއްޖެއެވެ. އަވަށުގެ އެންމެ ބޮޑު އެއް މިސްކިތް ކައިރިން ހިނގާފައި ދަނިކޮށެވެ. އަވަސް އަވަހަށް ކާރު މަޑުކޮށްލާފައި އަރަން ބުނީމެވެ. ނަމަވެސް އައިމިނަތު އެދުނީ ވާހަކަ ދައްކަން ބޭނުން ނަމަ އަހަރެން ކާރުން ފޭބުމަށެވެ.
ކުރިމަގެއް ލިބިދާނެކަމުގެ އުންމީދުގައި އަހަރެން ކާރުން ފޭބީމެވެ. ފައިބައި ވާހަކަ ދައްކަމުން ގޮސް ގެއަށް ގެންގޮސް ދީފާނެ ކަމަށް ވެސް ބުނީމެވެ. ވަރަށް ގިނަ ވާހަކަތައް ދެކިފަހުން ފުރަތަމަވެސް ކުރީ ސުވާލެކެވެ. "ތިއުޅެނީ ކޮން ކަމެއް ބޭނުންވެގެންތޯއެވެ؟ އެކަމެއް ސީދާ ބުނުން ރަނގަޅުވާނެ ކަމަށެވެ."
ދެން އަހަރެން ބުނީމެވެ. އަހަރެން އެންމެ ބޭނުމީ އައިމިނަތާއި ގުޅި، ކައިވެނި ކުރުމަށް ކަމަށެވެ. ޖަވާބުގައި އައިމިނަތު ބުނީ އަހަރެން ހަދަނީ ކަނޑައެޅިގެން ދޮގު ކަމަށެވެ. އަދި އަހަރެންގެ ހަޤީޤަތް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އަހަރެން ބޭނުންވަނީ ޖިންސީ ގުޅުން ހިންގަން ކަމަށެވެ. އެކަން ރީތިކޮށް ބުނުމުން އެކަން ކޮށްދީފާނެ ކަމަށްވެސް ބުންޏެވެ.
އަހަރެން ވީ އުފަލުން އެވާހަކައަށް އެއްބަސްވެ ކާރަށް އަރަން އަނެއްކާވެސް ދައުވަތު ދިނީމެވެ. ނަމަވެސް އާމިނަތު ބޭނުންވީ އޭނާގެ ފަހަތުން ހިނގާފައި ދިއުމަށެވެ. އެކަންވެސް ޤަބޫލުކޮށް ފަހަތުން ހިނގަން ފެށީމެވެ. ހިނގަމުން ގޮސް މިސްކިތު ދޮރުން އެތެރެއަށް ވަންނަން އުޅެން ފެށުމުން މިސްކިތަށް ވަންނަނީ ކީއްކުރަންތޯ ސުވާލުކުރީމެވެ.
ޖަވާބުގައި ބުނީ އެކަން ކުރަން ކަމަށެވެ. މިސްކިތުގެ އަންހެނުން ފަޅީގައި ބައަކު ނުތިބޭނެ ކަމަށެވެ.
އެހިސާބުން އަހަރެން ގަތީ އަމަށަކު ބިރެއް ނޫނެވެ. އަހަރެންނަކީ ކުށްތަކެއް ކުރެވޭ މީހެއް ނަމަވެސް ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުގައި އެފަދަ ކަމެއް ކުރަން ހިތަށްވެސް އަރުވަން ނުކެރުމުން ގައިން ހީބިހި ނަގައިގަތެވެ. އަދި މިސްކިތުގައި އެފަދަ ކަމެއް ކުރަން ނުކެރޭނެ ކަމަށްވެސް ބުނީމެވެ.
"ބަލަ ނުކެރެންވީ ކީއްވެގެން ހެއްޔެވެ؟ ބަލަ ކައިވެނީގެ ބޭރުން ފާހިޝް އަމަލު ކުރުން ނަހީ ކުރައްވަވައި އެފަދަ ކަމެއް ނުކުރަން އަމުރުފުޅު ކުރެއްވެވީ ހަމަ ﷲ ތަޢާލާ ނޫން ހެއްޔެވެ؟ ބަލަ މިސްކިތުގައި ކުރި ނަމަވެސް ކޮޓަރިއެއްގައި ތަޅުލައި ވަށައިގެން ސެކިޔުރިޓީން ބައިތިއްބައިގެން ކުރި ނަމަވެސް ﷲ ތަޢާލާ 7 އުޑުމަތިން ބައްލަވައިވޮޑިގެން ނުވަނީ ހެއްޔެވެ؟ ކޮޓަރިއެއްގައި ކުރީމައި ﷲ ތަޢާލާގެ ކޯފާއިން ސަލާމަތް ވެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ މަރުވުމުން އަޒާބު ނުލިބޭނެ ކަމަށް ހީޚުރަނީ ހެއްޔެވެ؟ ދެންވެސް އަވަހަށް މިތަނުން ދާށެވެ! ނައިޓް ކްލަބަކަށް ވަދެ ސިކުނޑި ގޮއްވައިލުމުގެ ބަދަލުގައި ގެއަށް ގޮސް ފެންވަރައި ހިނައި ޠޯހިރުވެ ހަމަ ޖެހިލައިގެން މި ދިން ފިލާވަޅުން ޢިބްރަތެއް ޙާޞިލުކުރެވޭތޯ މަސައްކަތް ކުރާށެވެ! ތިއަ ޖަންގަލީ އުޅުން ދޫކޮށްލައި ތައުބާވެގެން ހުރެ ނޫނީ އަހަރެމެން ގެއަށް އަތުވެއްޖެ ނަމަ އެންމެން ކުރިމަތީ ފަޟީޙަތް ކޮށްލާނެކަން ހަނދާން ކުރާށެވެ!"
އެހެން ބުނުމާއިއެކު މަގުން ދިއަ ޓެކްސީ އެއް ހުއްޓުވައި އަރައިގެން އެދިއައީއެވެ. އަހަރެންނަށް ބަލައިވެސް ނުލައެވެ.
ކޮންމެ އަކަސް އާމިނަތު ދެއްކި ވާހަކަތަކުން ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. އަދި އަހަރެން ކަންތައް ކުރީ ޢާމިނަތު ބުނި ގޮތަށެވެ. ގެއަށް ގޮސް ފެންވަރައި ހިނައި ޠޯހިރުވެ ޢިޝާ ނަމާދުކުރީމެވެ. އަދި ހަމަ އެވަގުތުން ފެށިގެން އުޅުން އިޞްލާޙްކޮށް މުޅިން އެހެން މީހަކަށް ބަދަލުވީމެވެ.
އެއަށްފަހު އަހަރެން ޢާމިނަތާއި ބައްދަލުކުރީމެވެ. އަދި އަހަރެން ކަންތައް ކުރި ގޮތް ކިޔައިދިނީމެވެ. އަދި ޢާމިނަތު ގާތަށް މިއައީ އަހަރެން މަގުފުރެދިފައި ވަނިކޮށް ތެދު މަގު ދައްކައިދިނީތީ ޝުކުރު އަދާ ކުރުމަށާއި އަދި އާމިނަތުގެ ކައިވެންޏަށް އެދި ކަމަށްވެސް ބުނީމެވެ.
"ތަންކޮޅެއް ލަސްވެއްޖެއެވެ. މަންމަމެން ހަމަ ޖެއްސުމުން ކުރީ ރޭ ބައްދަލުވި ތަނުގައި ހުރި މިސްކިތުގެ އިމާމްގެ ދަރިފުޅާއި ކައިވެނިކުރަން ރޭ ރަން ކިޔައިފީމެވެ. ހުކުރު ވިލޭރޭ ކައިވެނި ކުރެވޭނެއެވެ. ނަމަވެސް އަހަރެންގެ ހެޔޮ ދުޢާ ތިބާ އާއިއެކުގައި ވެއެވެ. އަދިވެސް ހެޔޮ ނަޞޭޙަތެއް ދެން ހެއްޔެވެ؟ ތިބާގެ ދިރިއުޅުން ނުއނގޭ އަންހެނަކު މިއަވަށަކު ނެތެވެ. އެހެންވެ ކިރިޔާވެސް ގޮތެއް ހުރި އަންހެނަކު ތިބާއަކާއި ކައިވެންޏެއްނުކުރާނެއެވެ! ފަހަރެއްގައި ތިބާގެ ތަނަވަސްކަމާއި ކައިވެނިކޮށްފާނެއެވެ! އެކަމުން ތިބާއަށް ލިބޭނެ ހިތްހަމަޖެހުމެއް އަދި ކުރާނެ ފައިދާއެއްވެސް ނުއޮންނާނެއެވެ. ވީމާ ދުރު އަވަށަކަށް ގޮސް ތަޤްވާވެރި އަންހެން ކުއްޖަކާއި ކައިވެނިކުރާށެވެ! ގޮވައިގެން އައިސް ﷲ އަނގަވާފައިވާ ގޮތުގައި ރީތި ގޮތުގައި ދިރިއުޅެވޭތޯ ބަލާށެވެ! ރަހްމަތްތެރިއެއްގެ ގޮތުން އަބަދުވެސް އެހީވާނަމެވެ!"
އަހަރެން އެގެއިން ނުކުތީ އައިމިނަތު ދިން ނަޞޭޙަތް ޤަބޫލުކޮށްގެންނެވެ. ހަމަ ހަޤީޤަތުގައިވެސް އައިމިނަތު އެދެއްކީ ހަމަ ރަނގަޅު ވާހަކަތަކެއް ކަމަށް ޤަބޫލުކޮށްގެންނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކިޔައިދިނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. "ތިބާވީ ކޮންމެ ތަނެއްގައި ﷲ ތަޢާލާއަށް ތަޤްވާވެރިވުމަށް އޮންނަނީ މި ސަބަބަށްޓަކައެވެ. ކޮޓަރި ތަޅުލުމުން މީސްތަކުންނަށް ސިއްރު ކުރެވިދާނެއެވެ. ނަމަވެސް 7 އުޑުމަތިން ﷲ ތަޢާލާ ބައްލަވައިވޮޑިގަތުމެއް ނުހުއްޓުވޭނެއެވެ. އެކަމަށް ކުރެވޭނެ އެއްވެސް ފަރުދާއެއް ނުއޮންނާނެއެވެ!
ﷲ ތަޢާލާގެ މަތިން ހަނދާންކުރަންވީ މިސްކިތް ފެނުމަކުން ނޫނެވެ! އެގޮތަށް ﷲ ތަޢާލާގެ މަތިން ހަނދާންކުރާ މީހުންނަށް މިސްކިތް ފެނުމަކުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއްވެސް ނުއޮންނާނެއެވެ! ވީމާ މިފަދަ ހާދިސާތަކުން ޢިބްރަތް ލިބިގަނެ އަމަލުތައް އިޞްލާޙްކުރަން ގަދައަޅައި މަސައްކަތްކުރާ ބައަކަށްވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން