އިމާމް އަޙްމަދުގެ މިވާހަކަފުޅުން މިއަދުގެ ގިނަ މައިންބަފައިން ލަދެއް ނުގަނޭތަ؟ ﷲ އަށް ދައްކާނީ ކޮން މޫނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
އިމާމް އަޙްމަދުގެ މިވާހަކަފުޅުން މިއަދުގެ ގިނަ މައިންބަފައިން ލަދެއް ނުގަނޭތަ؟ ﷲ އަށް ދައްކާނީ ކޮން މޫނެއް؟

ޔަތީމް ހާލުކޮޅުގައި ބޮޑުފުޅުވެ ފަހުން އުންމަތުގެ އިމާމުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އިމާމް އަޙްމްދުގެ މިވާހަކަކޮޅު މިއަދުގެ އަޑުއައްސަވައި ލައްވާށެވެ! އަދި ތިމާމެންނަށް ދަރިން މިބޮޑުކުރެވެނީ ކިހިނެއް ކަމާއިމެދު ވިސްނައިލާށެވެ! ހަމައެކަނި މައިންނެއް ނޫނެވެ! ބައްޕައިންވެސް ވިސްނައިލާށެވެ! ދަރިން ތަރުބިއްޔަތުކުރުމަކީ ބައްޕަގެ ޒިންމާއެކެވެ. ބައްޕައަކީ ހަމަ އެކަނި "މަމީ ބޮޑު މީހާ ކަމަށް" ހެދި ދެ ޖީބަށް އަތް ޖަހައިގެން އަމުރުކުރަން ހުންނަން ޖެހޭ މީހެއް ނޫނެވެ. އަދި ދަރިން ބޮޑެތިވުމުން އެ ދަރިންނަށް ލިބޭ އާމްދަނީ އަތުލަމުން ދުވަން ހުންނަން ޖެހޭ މީހެއްވެސް ނޫނެވެ!

އިސްކަންދަރު މިސްކިތަށް ބަލައިފިނަމަ ފަތިސް ނަމާދަށް ދަރިން ގެންދާތަން ފެންނަނީ އެންމެ 5 ވަރަކަށް ބައްޕައިންނެވެ. އެއިގެ ތެރެއިންވެސް ޤަވާއިދުން ގެންދަނީ 3 ބައްޕައިންނެވެ.

އެކަލޭގެފާނާއިގެން މަންމާފުޅު އާލާސްވެ އިންނަވަނިކޮށް، ބައްޕާފުޅު ނިޔާވެއްޖެއެވެ. ފަޤީރު ހާލުކޮޅުގައިވެސް މަންމާފުޅު އެކަލޭގެފާނު ބެއްލެވީ، ވަރަށް ވަރަށް ފުރިހަމައަށް، ވަރަށް ރަނގަޅަށެވެ. އެވާހަކަތައް ސިފަކުރައްވަމުން އިމާމް އަހްމަދު ވިދާޅުވެފައިވެއެވެ.

 

"ފަތިސްވުމުގެ އެތައް އިރެއް ކުރިން މަންމާފުޅު ތިމަން ކަލޭގެފާނަށް ގޮވައި ނަގައެވެ. (ހޭލައްވައެވެ.) އެއިރު ތިމް ކަލޭގެފާނުގެ އުމުރުން 10 އަހަރެވެ. ފިނި މޫސުމުގައި ފެން ހޫނުކޮށްދެއެވެ. ދެން މަންއާއިއެކު ތިމަން ކަލޭގެފާނު ތަހައްޖުދު ނަމާދު ކުރައްވަމެވެ!އެއަށްފަހު ތިމަން ކަލޭގެފާނާއިގެން މަންމާފުޅު މިސްކިތަށް ނުކުންނަވައެވެ. އެއީ ވަރަށް ދުރުގައި ހުންނަ މިސްކިތެކެވެ. ވަރަށް އަނދިރީގައި ހިނގާފައި ދަމެވެ.

 

ދެން މިސްކިތުގައި ފަތިސްނަމާދުކޮށްގެން ދުވާލުގެ މެދަކާއި ހަމައަށް މަންމާފުޅު ތިމަން ކަލޭގެފާނުގެ އިންތިޒާރުގައި މިސްކިތުގައި މަޑުކުރައްވައެވެ. އެއީ ތިމަން ކަލޭގެފާނު ޤްރްއާން ހިތުދަސްކުރުމާއި ޢިލްމު އުނގެނުމުގެ ކްލާސްތައް ނިންމާލަންދެކަށެވެ."

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

ތައުލީމު ދިނުމުގެ ނިޒާމަށް އައިސްފައިވާ ބަދަލާއިއެކު ހެނދު 7 ޖެހުމުގެ ކުރިން ދަރިން ސްކޫލަށް ގެންދަން ޖެހޭތީ އާއި މިސްކިތުގައި އެ ވަގުތު ކްލާސްތައް މިހާރު ނުހިންގާތީ އަދި ތިމާވެސް ހެނދުނު މަސައްކަތު ދާން ޖެހޭތީ ކޮންމެހެން މެންދުރާއި ކައިރިވަންދެން މިސްކިތުގައި ދަރިން ގޮވައިގެން މަޑުކުރުމުގެ ބޭނުމެއް މިހާރު ނެތް ނަމަވެސް ފަތިސް ވުމުގެ ކުރިއަށް ދަރިން ހޭލެއްވުމާއި އުމުރާއި ގުޅޭ ގޮތުން ތަހައްޖުދު ނަމާދަށް ފަރިތަ ކުރުވުމާއި ކޮންމެހާލެއްގައި ނަމަވެސް ފަތިސް ނަމާދު ޖަމާއަތުގައި ކުރުވުމަކީ މައިން ބަފައިންގެ ކިބައިން ނައްޓުވައިލެވޭނެ ޒިންމާތަކެއް ނޫނެވެ.

އިމާމް އަހްމަދު އެ ވިދާޅުވަނީ ފިނި މޫސުމުގައި އެހައި ފަތިހާ މަންމާފުޅު ދަރު އުދުނުގައި ފެން ހޫނުކޮށްދެއްވާ ވާހަކައެވެ. މިއަދު ކަރަންޓް ކުރައާއި ކަރަންޓުން ފެން ކައްކާ ޖަގު ހުރިއިރު ދަރިން ހެނދުނު ސްކޫލަށް ދާންވާއިރަށް ސައިތަށްޓެއް ގިރާލަ ނުދެވޭތީ ކޮންމެވެސް ޕެކެޓެއް ގަނެގެން ބޯންދެނީ ކިތައް މައިން ހެއްޔެވެ؟ އެހެން އެވަނީ ފަތިސް ނަމާދަށް ނުހޭލާތަނުގައި އިރު އަރާއިރުވެސް ނުހޭލާތީ ނޫން ހެއްޔެވެ؟

މިއަދު އޮންލައިން