ނަމާދަށް ތިއްބާ ޝަހީދުކޮށްފާނެ ކަމަށް ބިރުގަތުމެއް ނެތް! ޝަހީދުވި އެންމެން އެދަތުރުކުރީ އެންމެ މަތިވެރި މަޤާމަށް!: ޝައިޚް ޒާހިރު މަޙްމޫދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ނަމާދަށް ތިއްބާ ޝަހީދުކޮށްފާނެ ކަމަށް ބިރުގަތުމެއް ނެތް! ޝަހީދުވި އެންމެން އެދަތުރުކުރީ އެންމެ މަތިވެރި މަޤާމަށް!: ޝައިޚް ޒާހިރު މަޙްމޫދު

ވިސްނާށެވެ! ނަމާދަށް ހުއްޓައި ޝަހީދުކުރުމަކީ ދުނިޔޭގައި ކިތަންމެ ދިގު އުމުރެއްގައި ދިރިހުރުމަށްވުރެ މާމަތިވެރި ނިޢްމަތެކެވެ. އެއީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢްމަތެވެ. އެހެނީ ﷲ ތަޢާލާގެ މަގުގައި ކުރިއަށް ދަނިކޮށް ޝަހީދުވި މީހާއަކީ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައިގައިވާ މީހެކެވެ. އެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ. 

ހަމަ އެއާއިއެކު އެ ޓެރަރިސްޓް މީހާ އެންމެން އެ ޝަހީދު ކުރީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތްވެގެންވާ ދުވަހުގައެވެ. ވީއިރު އެދުވަހު ކުރެވޭ ހުކުރު ނަމާދަށްވުރެ އިތރުކަން ބޮޑުވެގެންވަނީ ކޮން ނަމާދެއްގެ ހެއްޔެވެ؟ އާނއެކެވެ. އަހަރެމެންގެ ކުރިމަތީގައި އެމީހުން މަރުވެއްޖެއެވެ. ޝަހީދުވެއްޖެއެވެ. ނަމަވެސް އެމީހުންނަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހަމަ ދިރި ތިބި ބައެކެވެ. އެމީހުން މަރުވެފައިވަނީ ހަމައެކަނި އަހަރެމެންގެ ކުރިމަތީގައެވެ. ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅާއިއެކު އެ އެންމެން ވާހުށީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައެވެ. ޖަންނަތުލް ފިރްދައުސްގައެވެ. 

ނިޔުޒީލަންޑުގެ 2 މިސްކިތުގައި ހުކުރު ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި އެންމެން މާތް ﷲ ގެ އިރާދަފުޅާއިއެކު އެ ދަތުރު ކުރީ އެންމެ މަތިވެރި މަޤާމަށެވެ! އެހެނީ ނަމާދަށް ގޮސް ނަމާދުގެ އިންތިޒާރުގައި ތިބުމަކީ ނަމާދުގައި ތިބުން ފަދަ ކަމެއްކަން ހަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ މީގެ ތެރޭގައި ހުކުރަށް މިސްކިތަށް ގޮސް ތިބި މީހުންނާއި ހުކުރަށް ދާން ދިއަ މީހުންގެ ތެރެއިން ޝަހީދުކުރި އެންމެން ވެސް ހިމެނެއެވެ. 

ޓެރަރިސްޓް ހަމަލާތައް ދިންއިރު ވީޑިއޯ ލައިވްކުރީ ކީއްކުރަން ހެއްޔެވެ؟ އެ ފަތުރައި އެފަދަ ކަންކަން ކުރަން އެހެން މީހުންނަށް ހިތްވަރު ދިނުމަށެވެ. އެ މަޅީގައި ނުޖެހޭށެވެ. އެއްވެސް ނުބައި ކަމެއްގައި ވާގިވެރި ނުވުމަށް ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. މިފަދަ ކަންކަން ކުރުމުގެ ކުރިން ވިސްނައިލާށެވެ! 

ނިކަން ބުނެބަލާށެވެ! ތިބާގެ ޢާއިލާގެ ބައެއްގެ ގައަށް ބަޑި ޖަހައި މާރާލާފައިވާއިރު އެކަމުގެ ވީޑިއޯ ތިބާ ޢާންމުކުރާނަން ހެއްޔެވެ؟ ނުކުރާނެއެވެ! ވީއިރު ބައަކު ދެރަވާނެ ކަމެއް ތިބާ ކުރަންވީ ކީއްވެގެން ހެއްޔެވެ؟ އެއިރުން އީމާންކަން ފުރިހަމައެއް ނުވާނެއެވެ. 

މުސްލިމުންނަކީ އަބަދުވެސް ވަރަށް ހިތްވަރުގަދަ ބައެކެވެ. ބަޑިޖަހަން ފެށުމުން އެކަކު ވަނީ ހުސްއަތާ ގޮސް އޭނާގެ ގައިގައި ހިފައިގެންފައެވެ. އޭނާ ވަނީ ޝަހީދުކޮށްލާފައެވެ. ދެވަނަ މީހާ ވަނީ އޭނާ ފަހައި ދުވެފައެވެ. އެމީހުންގެ ހުރި ހިތްވަރު ނިކަން ދެކިބަލާށެވެ! 

ދުނިޔަވީ ކަމެއްގައި މަރުވެ ދިއުމުން އެމީހެއްގެ ވާހަކަ ދެކެވޭނީ ދާދިމަދު ދުވަސްކޮޅެއްގައެވެ. ނަމަވެސް ﷲ ތަޢާލާގެ މަގުގައި މިފަދަ ޤްރްބާނީ ވުމުން އެމީހަކަށް ލިބެން ހުރި ނިޢްމަތްތަކުގައި ނިމުމެއް ނުވެއެވެ. ދުނިޔެ ނިމިދާނެއެވެ. ޢާޚިރަތަކީ ނިމިދިއުން އޮތް ތަނެއް ނޫނެވެ. ވީމާ ހިތްވަރާއި ށާބިތުކަމާއިއެކު ﷲ ތަޢާލާގެ މަގުގައި ކުރިއަށް ދާން ފަސް ނުޖެހޭށެވެ! 

- ޝައިޚް ޒާހިރު މަޙްމޫދު

މިއަދު އޮންލައިން