ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍‍ 12

މިއަދު
ކިޔުމަށް ހޭދަވާނީ 10މ 50ސ
ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍‍ 12

(واصبر نفسك مع الذين يدعون ربهم بالغداوة والعشي يريدون وجهه)

(واصبر نفسك) އެބައިމީހުންގެ ރައްބަށް ދުޢާކުރާ އަޅުތަކުންނާއި އެކު ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ. އަދި އެމީހުންނަށް ހިތްވަރު ދެއްވާށެވެ.

(بالغداوة) ދުވާލުގެ ކުރީކޮޅު

(والعشي) ދުވާލުގެ ފަހުކޮޅު
(
يريدون وجهه) ދުނިޔަވީ އެދުމެއްނެތި، ﷲ ގެ ވަޖްހުފުޅު އެދި، އިޚްލާޞްތެރިކަމާއި އެކު ދުޢާ ކުރާ،

މި އާޔަތުގައި މިވަނީ ﷲ ސުބްޙަނަހޫ ވަތަޢާލާ އަށް ވަޖްހުފުޅެއް ނުވަތަ މޫނު ފުޅެއް ވާކަން ޘާބިތުކޮށްދެއްވާފައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ވަޖްހުފުޅެއްވާ ކަމަށް ގުރްއާނާއި ސުންނަތުން ޘާބިތުވެއެވެ. އަދި އުއްމަތުގެ އިޖްމާޢިންވެސް އެކަން ޘާބިތުވެއެވެ. ސޫރަތުއް ރަޙްމާންގެ 27 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ ﴿٢٧﴾ ) މާނައަކީ: "  އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ذاتފުޅު ދެމިވޮޑިގެންވެއެވެ.  "

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ދުޢާގައި ވިދާޅުވެފައިވެއެވެ. (أَعُوذُ بِوَجْهِكَ) މާނައަކީ: "އިބަ ﷲ ގެ ވަޖްހުފުޅު މެދުވެރި ކުރައްވާ އެކަމުން އެއްކިބާ ކުރެއްވުމަށް ދަންނަވަމެވެ."

މިއުއްމަތުގެ ސަލަފުން ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ވަތަޢާލާ އަށް ވަޖްހުފުޅެއްވާ ކަމަށް ވަނީ އިޖްމާޢުވެފައެވެ.

ނަމަވެސް، ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ލިބިވޮޑިގެންވާ ވަޖްހުފުޅު ނުވަތަ މޫނުފުޅަކީ އެއްވެސް މަޚްލޫގެއްގެ މޫނާއި އެއްފަދަ މޫނެއް ނޫނެވެ. ސޫރަތުއް ޝޫރާގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَيْسَ كَمِثْلِهِ شَيْءٌ ۖوَهُوَ السَّمِيعُ الْبَصِيرُ ﴿١١﴾  ) މާނައަކީ: "އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ،މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

"ސޫރަތު މަރްޔަމްގެ 65 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ ۚهَلْ تَعْلَمُ لَهُ سَمِيًّا ﴿٦٥﴾) މާނައަކީ: "(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެވެރިރަސްކަލާނގެއެވެ. ފަހެ، ކަލޭގެފާނު، އެކަލާނގެއަށްއަޅުކަންކުރައްވާށެވެ! އަދި އެކަލާނގެއަށް އަޅުކަން ކުރެއްވުމުގައިދެމިހުންނަވައި، ކެތްތެރިވެވަޑައިގަންނަވާށެވެ! އެކަލާނގެއާ އެއްފަދައެކައްޗެއްވެސް ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟  "
(
يريدون وجهه) މިއިން އެނގެނީ އެބައިމީހުން އަޅުކަން ކުރަނީ އިޚްލާޞްތެރިކަމާއި އެކުގައި ކަމެވެ.

(وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا)"އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ! އަދކިއެއްތަ، ކަލޭގެފާނުގެ ނަޡަރު އަބަދުވެސް އެބޭފުޅުންނާއި އެކު ބަހައްޓަވާށެވެ. އަދި އެބޭފުޅުންނާއި އެކު އުޅުއްވާށެވެ."

(تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا) " ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން" މިހެން އޮތުމުން ދޭހަވަނީ ދީނީ މަޞްލަޙަތަކަށް ޓަކައި އެކަލޭގެފާނުގެ ނަޡަރު އެހެން ދިމާލަކަށް ގެންދެވިނަމަވެސް މި ނަހީގެ ތެރެއަށް ނުވަންނާނެ ކަމެވެ.

(وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَاوَاتَّبَعَ هَوَاهُوَكَانَ أَمْرُهُ فُرُطًا) "އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافلކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبعވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!"

މި އާޔަތުން ދޭހަވަނީ ﷲ ޛިކްރުކުރާ ހިނދުގައި ހަމައެކަނި ދުލުކޮޅުން ޛިކްރު ތައް ކިޔާލުމުގެ ބަދަލުގައި އެކިޔޭ އެއްޗަކާއި މެދުގައި އެމީހަކު ވިސްނަންވާނެ ކަމެވެ. ނޫންނަމަ، އެކަމުން އެމީހަކަށް ލިބެންވާ ބަރަކާތާއި ޘަވާބު ނުލިބޭނެ ކަމެވެ.

(وَقُلِ الْحَقُّ مِن رَّبِّكُمْ)

(قُلِ) މުޚާޠަބު ކުރައްވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. މާނައަކީ ކަލޭގެފާނު ފާޅުގައި ވިދާޅުވާށެވެ.

(الْحَقُّ مِن رَّبِّكُمْ) " (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން އައިސްފައިވާ حقތެދެވެ." ﷲ ގެ ޙަޟްރަތުން ފިޔަވާ އެހެން ފަރާތަކުން ޙައްގު ހޯދަން ނޫޅޭށެވެ. ސަބަބަކީ ޙައްގު ގޮތްވަނީ ﷲ ގެ އެންގެވުންތަކަށް ބޯލެނމުގައެވެ.

(فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ ۚ ) " ފަހެ، ބޭނުންމީހަކު إيمانވާށެވެ! އަދި ބޭނުންމީހަކު كافرވާށެވެ!"

މިއީ އިންޛާރުގެ ބަސްފުޅެކެވެ. ފަހަރެއްގައިވެސް އިޚްތިޔާރެއް ނޫނެވެ. އިންސާނުން ބުނެއުޅޭ ފަދައިންނެވެ. "ތިބާ ތިޔަ ހަދަނީ ތެދު ކަމުގައިވާނަމަ މިވެނި ކަމެއް ކޮށްބަލާށެވެ." މިއީ އިންޛާރެއްކަން ދޭހަވަނީ ފަހަތުގައި މިވާބައިންނެވެ.

(إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا  ) " ހަމަކަށަވަރުން، كافرވެ، އަނިޔާވެރިވެގަތް މީހުންނަށް، ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރެއްވީމެވެ.އެ ނަރަކައިގެ (އަލިފާނުގެ) ފާރުތައް އެއުރެން ވަށާލައިގެންވެއެވެ. "

ﷲ ގެ އާޔަތްތަކަށް ކާފިރު ވުމަކީ އަމިއްލަ ނަފްސަށް ވެވޭ އަނިޔާ އެކެވެ. ސޫރަތުލް ބަގަރާގެ 254 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالْكَافِرُونَ هُمُ الظَّالِمُونَ) މާނައަކީ: "كافرންނަކީ ހަމަ އަނިޔާވެރިންނެވެ."

(وَإِن يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ ۚ بِئْسَ الشَّرَابُ وَسَاءَتْ مُرْتَفَقًا  ) " އެއުރެން ފެނަށްއެދި ގޮވާލައިފިނަމަ، އެއުރެންނަށް ދެއްވާނީ، ތެޔޮކުނޑިފަދަ (ހޫނުކަންގަދަ) ފެނެކެވެ. (އެއިން) މޫނުތައް ފިއްސައިލާނެތެވެ. (އެއުރެންނަށްލިބޭ) ބުއިމުގެ ނުބައިކަމާއެވެ! އަދި ތިބޭތަނެއްގެ ގޮތުން އެ ނަރަކައިގެ ނުބައިކަމާއެވެ!"

ސޫރަތު މުޙައްމަދުގެ 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ  ) މާނައަކީ: " އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟"

ސޫރަތުއް ނިސާގެ 56 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ) މާނައަކީ: " އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ، އެއުރެން عذابގެ ރަހަ ލިބިގަތުމަށްޓަކައެވެ."

(إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا ﴿٣٠﴾)

ކީރިތި ޤުރުއާނަކީ މަޘާނީގެ ނަމުންނަންދެވިފައިވާ ފޮތެކެވެ. އެފަދައިން ނަން ދެވުނީ ކަމެއްގެވާހަކަދެއްކުމަށްފަހު އޭގެ އަނެއްކޮޅުގެ ވާހަކަވެސް ބަޔާންކުރައްވާތީއެވެ. ނަރަކައިގެ އަހަލުވެރިންގެ ވާހަކަދެއްކެވުމަށްފަހު ސުވަރުގޭގެއަހަލުވެރިންގެ ވާހަކަ ބަޔާންކުރައްވައެވެ. ބިރުވެރިކަމުގެ އާޔަތްތައް ބަޔާންކުރެއްވުމަށްފަހު އުންމީދުގެ އާޔަތްތައްވެސް ބަޔާންކުރައްވައެވެ. އެހެނިހެން ކަންކަމުގައިވެސް މިފަދައިންނެވެ. އެކަމުގެ ބޭނުމަކީ އުންމީދާބިރުވެރިކަމުގެ މަތީގައި ﷲ ގެ ޙަޟްރަތަށް އިންސާނާ ދަތުރުކުރުމެވެ. އޭގެސަބަބަކީ އިންސާނާ ފޫހިނުވުމެވެ. ފަހެ ހަމަކަށަވަރުން އުސްލޫބުތަފާތުވެއެކިތަންތަނުގައި ތަފާތު ގޮތްތަކަށް ގެނައުމަކީ ނަފްސަށް ބާރާއި އާރޯކަންލިއްބައިދޭނެ ކަމެކެވެ. އެއާ ޚިލާފަށް އެއްހަމައެއްގައި އަބަދުވާހަކަދެއްކޭނަމަ އޭގެ ސަބަބުން އިންސާނާ ފޫހިވެސް ވެދާނެއެވެ. އަދި އޭނާގެނަފްސަށް އޭގެ ސަބަބުން އެއްވެސް އަޘަރެއް ނުކޮށްފާނެއެވެ.

ފަހެ އަޅުތަކުންކުރެ އެންމެ ހެޔޮމީހުންނަކީ އީމާންވެ ޞާލިޙު ޢަމަލުކުރި މީހުންނެވެ. އެބައިމީހުންވަނީހަތަރު ދަރަޖައެއްގައެވެ. އެކަންވަނީ ﷲ ތަޢާލާ ބަޔާންކުރައްވާފައެވެ. ސޫރަތުއް ނިސާގެ 169 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

- ނުނިމޭ -

މިއަދު އޮންލައިން