ނަމާދުގައި އަވަސްވެގަތުމަކީ ނަމާދު ނުކުރުނަ ފަދަ ކަމެކެވެ. އެކަން އެނގެނީ އެގޮތަށް ޞަހާބީއަކު ނަމާދުކުރެއްވުމުން ޞަޙާބީ ނަމާދު ނުކުރައްވާ ކަމަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާތީއެވެ. ޞަޙާބީ ނަމާދުކުރެއްވެވުމަށްފަހު ވަޑައިގެން ރަސޫލް (ޞޢވ) އާއި ސަލާމް ކުރެއްވެވުމުން ސަލާމް ބަލައިގެންނެވުމަށްފަހު ޙަދީޘްފުޅު ކުރެއްވެވީ ޞަހާބީ ނަމާދު ނުކުރައްވަވާ ކަމަށާއި އަލުން ނަމާދު ކުރެއްވެވުމަށެވެ. އެ ގޮތަށް 3 ފަހަރު ތަކުރާރު ކުރެއްވެވިއެވެ. ޞަހާބީގެ މައްސަލައަކަށްވީ އަވަސްއަރުއްވައިލައްވައިގެން ނަމާދު ކުރެއްވެވުމެވެ.
ވިސްނައިލާށެވެ. މަސްތުގެ ހާލުގައި ހުރުން މަނާ ކުރެއްވެވީވެސް ކިޔޭ ނުކިޔޭ އެއްޗެއް ނުއެނގޭ ހާލުގައި ނަމާދުކުރެވޭތީއެވެ. ވީމާ މަސްތު ނުވެ ހުރެގެން ނަމަވެސް ކިޔޭ ނުކިޔޭ އެއްޗެއް ނުއެނގޭ ހާލުގައި ނަމާދުކުރުމެއް ނެތެވެ. އެހެންކަމުން މަސައްކަތް ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ނަމާދުގައި ކިޔާ ތަކެތީގެ އިތުރުން ނަމާދުގައި ކިޔަވާ ސޫރަތްތަކުގެ މާނަ ހިތުދަސްކުރުމަށެވެ. ހިތުން މާނަ ނުއެނގޭ ތަނެއް ކިޔަވާނަމަ ކިޔަވާ ކިޔެވުން ހިތްމައްޗަށް ގެންނާށެވެ. އިތުރު އެއްވެސް ކަމެއް ހިތްމައްޗަށް ނުގެނެސް ނަމާދުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ.
އަހަރެންގެ ތަޖުރިބާއަށް ބަލައި ބުނަން އޮތީ ނަމާދުގައި ކިޔެވޭ ތަކެތި ހިތްމައްޗަށް ނުގެނެސް ކުރާ ނަމާދު ނަމާދަކަށް ނުވެދާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމަށެވެ. ކުރިން ބުނި ފަދައިން ނަމާދުގައި ކިޔާތަކެތި ހިތްމައްޗަށް ގެނެވޭނީ އެކަން ކުރެވޭ ވަރަށް ލަސްލަހުން ނަމާދުކޮށްގެންނެވެ. ލަސްލަހުން ޙަރަކާތްތައް ކޮށްގެންނެވެ. ކިތަންމެ ފަރިތަ އަދި ކިތަންމެ މޮޅަށް އެނގޭ މީހަކު ނަމަވެސް އަވަސްއަރުވާލައިގެން ނަމާދުކުރާނަމަ ކިޔާ ތަކެތި ހިތްމައްޗަށް ގެނައުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ.
ވިސްނައިލާށެވެ. ތިބާ ގެއަށް ދިއައީ ތިބާ އާއި ގޭގެ މީހުން ކައި އިތުރުވާވަރަށް ކުކުޅު ބިސްތަކެއް ގަނެގެންނެވެ. ގެންގޮސް ބޭނުންކުރަން ބެލިއިރު ހުރިހާ ބިހެއް ހުރީ ކުނިވެފައެވެ. އެހެންކަމަށް ވެއްޖެނަމަ އެ ބިސްތަކުން ތިބާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ކުނިވަސް ދުވުމާއި އެކައިލަން ޖެހުމާއި ފައިސާތަކެއް އަތުން ގެއްލިގެން ދިއުން ނޫން ކަމެއް އެކަމުންވާނެ ހެއްޔެވެ؟ މިއީ ހަމަ މިސާލެކެވެ.
ތިބާ ދުނިޔޭގައި ނަމާދު ކުރިއެވެ. ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމުގެ ވަގުތުގައި ބެލިއިރު ކަމުދާ ގޮތަށް، ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ގޮތަށް ކޮށްފައިވާ އެންމެ ނަމާދެއްވެސް ނެތް ނަމަ މެދުވެރިވާނީ މިބުނި ގޮތް ނޫންހެއްޔެވެ؟ އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެ ތަނުގައި ގާތީ ތިބާ ނަމާދަށް ދަރަނިވެރިވެ ބިރުވެރިކަމުގެ ތެރެއަށް ދާން ޖެހުން ނޫންހެއްޔެވެ؟ އެހިސާބުން ދެން ތިބާ ކުރި ހުރިހާ ހެޔޮ އަމަލުތައްވެސް ގެއްލިގެން ދާނީ ނޫން ހެއްޔެވެ؟ މިކަންކަމަކީ ވިސްނައިލުމުން ހަމަ ކޮންމެ މީހަކަށް ވެސް ވިސްނޭނެ ކަންތައްތަކެވެ!
ވީމާ ނަމާދުކޮށް، ޤިޔާމަތް ދުވަހު ހިސާބު ބެލެވޭއިރު ނަމާދު ނުކުރި މީހަކަށްވުމުގެ ފުރުޞަތުން ސަލާމަތްވާށެވެ. މިހެން ބުނުމުން ބައެއް މީހުން އެބަ ބުނެއެވެ. ތިމަންނާ ނަމާދުކުރިކަން ﷲ ތަޢާލާ ދެނެވޮޑިގެންވާނެއެވެ. އެފަދަ މީހުން ވިސްނައިލާށެވެ! ނަމާދު ކުރިކަން ﷲ ތަޢާލާ ދެނެވޮޑިގެންވާނީ ނަމާދު ކުރުމުން ނޫން ހެއްޔެވެ؟ ނަމާދު، ނަމާދަކަށް ނުވާ ގޮތަށް ކިތަންމެ ގިނައިން ކުރި ނަމަވެސް ނަމާދުކުރި ކަމަކަށް ނުވާނެ ނޫން ހެއްޔެވެ؟ ވީމާ ނަމާދު، ނަމާދަކަށްވާ ގޮތަށް ނަމާދުކުރާ މީހަކަށް ވުމަށް ގަދައަޅައި މަސައްކަތްކުޜާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން