"ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާއަތުގައި ކުރުމުން މުޅި ރޭ އަޅުކަން ކުރުން ފަދަ" ކަމަށް އޮތުމަކީ ދަމު ނަމާދު ނުކުރަންވީ ސަބަބެއް ނޫނެވެ.
މިމައްސަލައިގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "ޢިޝާ ނަމާދު ޖަމާއަތުގައި ކުރުމުން ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އަޅުކަން ކުރި ފަދަ" ކަމަށާއި އަދި "ފަތިސް ނަމާދު ޖަމާއަތުގައި ކުރުމުން މުޅި ރޭއަޅުކަން ކުރި ފަދަ" ކަމަށް އޮތް އޮތުމުގެ މާނައަކީ ދަމު ނަމާދުކޮށް އިތުރު ބޯނަސް ހޯދަން މަސައްކަތް ނުކުރުމެއް ނޫން" ކަމަށާއި ހެޔޮ ކަމުގެ ފަތަށް ވީހައި ގިނަ ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަންވާނެ ކަމަށެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އަޅުގަނޑުމެން ނަމާދު ކުރި ނަމަވެސް އެ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި ކުރެވުނުކަމާއިމެދު އަބަދުވެސް ބިރުގަންނަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އަބަދުވެސް ތިބެން ޖެހޭނީ ކުރި ނަމާދު ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމުގެ ބިރުމަތީގައި ކަމަށެވެ. ވީމާ މިސާލަކަށް ޢިޝާ ނަމާދުކުރުމަށްފަހު ރޭގެ އެއްބައިގައި އަޅުކަން ކުރެވުނީ ކަމަށާއި އަދި ފަތިސް ނަމާދުވެސް ކުރެވިއްޖެ ނަމަ މުޅި ރޭ އަޅުކަންކުރެވުނީ ކަމަށް ބަލައި ނިންމާލައިގެން ނުވާނެ ކަމަށާއި ރަވާތިބު ސުންނަތާއި ވިތުރި އާއި ދަމުނަމާދު ކުރަން ޖެހޭނެ ކަމަށެވެ.
އެކަމުގެ ބައެއް ފައިދާ ބަޔާން ކުރައްވަމުން ބައެއް ޢިލްމްވެރިން ވިދާޅުވެފައިވަނީ ޢިޝާ ނަމާދު ކުރުމުގައި ފެއިލްވެފަވާނަމަ ރަވާތިބު ސުންނަތާއި ދަމު ނަމާދާއި ވިތުރި ވެސް ކޮށްފައިވާނަމަ އެންމެ ކުޑަމިނުން ކޮންމެވެސް އެއް ނަމާދެއް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި ކުރެވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. ވީމާ ވީހައި ގިނައިން ސުންނަތް ނަމާދުތައް ކުރަން ޖެހޭނެ ކަމަށެވެ. ﷲ ތަޢާލާ އިރާދަފުޅު ކުރައްވަވައިފި އަޅެއްގެ ފަރުޟު ނަމާދުން މަދުވާބައި ސުންނަތް ނަމާދުތަކުން ލައްވަވައިދެއްވަވާނެ ކަމުގެ އުންމީދު އޮތުމުންނެވެ.