ނަމާދުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރެވޭ ނަމަ، ތިމާގެ ހިތްމައްޗަށް ﷲ ތަޢާލާ ގެނެސް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ނުކުރެވޭނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުގެ ބަދަލުގައި ﷲ ތަޢާލާގެ ކޯފާ ލިބުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.
ނިކަން ވިސްނައިލަބަލާށެވެ! ތިބާ ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާ އާއި ލޯބިން ކަމަށް ހެދިގެން ހުރެ ވާހަކަތަކެއް ދައްކަނީއެވެ. މުޢާމަލާތުތަކެއް ކުރަނީއެވެ. އެކަކު އަނެކަކަށް އެހީތެރިވެދެނީއެވެ. އެކަމުގެ ވަގުތުގައި ވެސް ތިބާގެ ހިތުގައި ހިނގަމުން ދަނީ އެހެން އަންހެނެއް ނުވަތަ ފިރިހެނެއްގެ ނުވަތަ އެހެން ކަންތައްތަކެއްގެ އިޙްޞާޞްކަން އަނެކާއަށް އެނގޭނަމަ ރުޅި އަންނާނެ ވަރާއިމެދުގައެވެ. މިޒަމާނުގެ ބަހުރުވައިންނަމަ މޫނުމަތީގައި ބާރުގަދަ އެތިފަހަރެއް ނުޖަހައި ހުންނާނެ ހެއްޔެވެ؟
ޔަޤީންކުރަންވީ ކަމަކީ އިންސާނާގެ ހިތުގައި ހިނގާ ހުރިހާ ކަމެއް، ހިތަށް އަރާހައި ކަމެއް ﷲ ތަޢާލާ އަބަދުވެސް ދެކެދެނެވޮޑިގެންވާކަމެވެ. ނަމާދަށް ހުންނައިރުގައިވެސް މެއެވެ. ވީއިރު ހަމައެކަނި ހަރަކާތެއް ކޮށްލުމުން ނަމާދުކޮށްލެވުނުކަމަށްވެ ފުދޭނެ ކަމަށް އަމިއްލަ ބުއްދިއަށްވެސް ޤަބޫލު ނުކުރެވޭ ނޫން ހެއްޔެވެ؟ ނަމާދަށް ހުރިއިރު ތިބާގެ ހިތަށް ﷲ ތަޢާލާ ނުގެނެވޭކަމާއި ހިތުގައި ގެންގުޅުނީ އަމިއްލަ މައްސަލަތަކެއްކަން ވަގުތުން ﷲ ތަޢާލާ ދެނެވޮޑިގެންވާއިރު ވަގުތުން ކޯފާއެއް ނުފޮނުއްވަވަނީ ތިބާ އިޞްލާޙްވުމަށް ފުރުޞަތު ދެއްވެވުމަށެވެ. އެކަލާނގެ އީ ރަޙްމާންވަންތަ ރަހީމްވަންތަ އިލާހްކަމުގައި ވާތީއެވެ.
ބައެއް މީހުންނަށް ހީވެފައި އޮންނަނީ ނަމާދަކީ ގުނަވަންތަކުން ކޮށްލާ ކަސްރަތެއް ކަމަށެވެ. ރަނގަޅެވެ. ނަމާދުކުރުމުގައި ކަސްރަތުގެ މުހިންމު ބައިތަކެއްވެސް ހިމެނެއެވެ. ނަމާދުކުރުމުން ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ ކަސްރަތުތައް ލިބިގެންދާނެއެވެ. ފަރުޟު ނަމާދާއި ސުންނަތް ނަމާދުތައް ކުރާ މީހަކަށް އަބަދުވެސް ހުންނާނީ އެކަމުގެ ފައިދާ ވެސް ލިބިލިބިއެވެ.
ނަމަވެސް ނަމާދުކުރަނީ ކަސްރަތު ކުރާކަށް ނޫނެވެ. ނަމާދު ކުރުމުގެ މުޅި މަޤްޞަދަކީ ﷲ ތަޢާލާ ހަނދާން ކުރުމެވެ. އަހަރެމެން މިތިބީ ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެ އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވެގެންކަން އަމަލުން ދައްކައިދިނުމެވެ. ކޮންމެ ދުވަހަކު 5 ވަގުތު މިސްކިތަށް އަރައި އަހަރެމެން މިކުރަނީ އެ މަސައްކަތެވެ. އަންހެނުން ގޭގައި ތިބެގެންވެސްމެއެވެ.
އެހެންކަމަށްވާއިރު ނަމާދެއްކޮށް ނިންމައިލާއިރު ﷲ ތަޢާލާގެ މަތިން ހަނދުމަ ކުރަން ޖެހޭ ވަރަށް ހަނދުމަ ނުކުރެވި އޮވެއްޖެ ނަމަ އެއީ ނަމާދު ކުރެވުން ކަމަކަށް ނުވާނެއެވެ! ކޮންމެ ކަމެއްވެސް ކުރަނީ މަޤްޞަދެއް ޙާޞިލުކުރުމަށެވެ. އެކަމެއް ކުރުމުން އެކަމެއް ކުރި މަޤްޞަދު ޙާޞިލު ނުވާނަމަ އެކަމަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
މީސްތަކުންނޭވެ! ނަމާދު ކުރުމަކީ ތިމާގެ ނިކަމެތިކަން ހިތް މައްޗަށް ގެނެސް މަޑުމޮޅިވެ ހުރެ ﷲ ތައާލާގެ ޙަޟްރަތުގައި ދަންނަވާ ދެންނެވުންތަކެކެވެ. ކުރާ އާދޭސް ތަކެކެވެ. ހަމަ އެއާއިއެކު ﷲ ތަޢާލާ މަތިވެރިކޮށް ﷲ ތަޢާލާއަށްވުރެ މަތިވެރި އެހެން ފަރާތެއް ނުވާކަން ތިމާގެ ދުލުން ބަޔާންކުރާ ބަޔާންކުރުން ތަކެކެވެ. ނަމާދުގައި އެއް ރުކުނުން އަނެއް ރުކުނަށް ނަޤްލްވާ ކޮންމެ ފަހަރަކު "ﷲއަކްބަރު" މިކިޔަނީ އެސަބަބަށްޓަކައެވެ. އެންމެހައި މަތިވެރިކަމެއް ލިބިވޮޑިގެންވާ އެންމެ މަތިވެރި ފަރާތަކީ ﷲ ތަޢާލާކަން ހާމަކުރުމެވެ. އެކަމަށް ދުލުން އިޤްރާރްވުމެވެ
ނަމާދު ނަމާދަކަށްވެ ސަވާބު ލިބިގެންދަނީ ނަމާދުގައި ޚުޝޫޢަތްތެރިވީ ވަރަކުންނެވެ. ޚުޝޫޢަތްތެރި ވެވޭނީ ހިތް ޠޯހިރުކުރިވަރަކުންނެވެ. ހިތް ޠޯހިރު ކުރެވޭނީ ހިތް ސާފުކުރިވަރަކުންނެވެ. ހިތް ސާފުކުރުމަށްޓަކައި ހިތުން ބޭކާރު ކަންކަން ފުހެލަން ޖެހޭނެއެވެ. ޚާއްޞަކޮށް ވާދަވެރިކަމާއި ހަސަދަވެރިކަން ފުހެލަން ޖެހޭނެއެވެ.
ނިކަން ވިސްނައިލަބަލާށެވެ! ރެއާއި ދުވާލުގެ 24 ގަޑިއިރުގެ ތެރެއިން އަހަރެމެން ނަމާދުކޮށްލުމަށްޓަކައި ﷲ ތައާލާއަށް ޚާއްޞަ މިކުރަނީ ވަރަށް މަދު ވަގުތު ކޮޅެކެވެ. މަދު މިނިޓްކޮޅެކެވެ. 5 ނަމާދުކުރަން ގިނަވެގެން ބައިގަޑިއެއްހައި އިރެވެ. އެ މަދު މިނިޓްކޮޅު ﷲ ތަޢާލާއަށް ޚާއްޞަކޮށް ނުލެވޭނަމަ އަހަރެމެންނަށް މިކުރެވެނީ ކީއް ހެއްޔެވެ؟ ނިކަން ބުނެބަލާށެވެ. ލަދުގަންނަން ނުޖެހޭ ހެއްޔެވެ؟
މީސްތަކުންނޭވެ! ނަމާދު ކުރުމަކީ ހަމައެކަނި ކުރާ ހަރަކާތްތަކަކަށް ހަދައި ނިންމައި ނުލާށެވެ! އެއީ އެއަށްވުރެ މާމަތިވެރި މަޤްޞަދެއް ޙާޞިލުކުރަން ކުރަން ޖެހޭ ކަމެކެވެ. އެ މަޤްޞަދު ޙާޞިލު ނުކުރެވިއްޖެ ނަމަ ކުރާ ނަމާދުން ލިބޭނެ އެއްވެސް ފައިދާއެއް ނެތެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން