ސައުދީ އަރަބިއާގައި އިސްލާމިކް ސައިންސް ކިޔަވަމުން ދިޔަ، ލަންޑަނަށް އުފަން އިސްމާއިލް އަބްދުﷲ އަށް ދިމާވި ހާދިސާއެއްގެ ވާހަކައެކެވެ.
ޗުއްޓީއަށް އޭނާގެ މާމަ އަށް ޒިޔާރަތް ކޮށްލުމަށް ލަންޑަނަށް ގޮސް އުޅުނު ދުވަސްކޮޅު، ހުކުރު ދުވަހެއްގެ މެންދުރުވާން ކައިރިވެފައި ހުރި ވަގުތަކު، އިސްމާއިލް އިނީ ހުކުރު ނަމާދު ކުރަން މިސްކިތަށް ދާން ބަހަށް އަރައެވެ. އައު ކުރުތާއެއް ލައިގެން ބޮލުގައި ތާކިހަލެއް އަޅައިގެން ބަހުގައި އިން އިރު އޭނާ އިނީ ކަހްފް ސޫރަތް ކިޔަވާށެވެ.
އިސްމާއިލް ބަހަށް އެރުމަށްފަހު ފުރަތަމަ ބަސް ހުއްޓިއަށް މަޑުކުރުމުން އުމުރުން ވަރަށް ދުވަސްވީ އަންހެނަކު މަޑު މަޑުން އެބަހަށް އެރިއެވެ. ބަހުގައި މީހުން ފުރާ ތިބުމުން، އިށީންނާނެ ތަނެއް ހޯދުމަށް އެއަންހެން މީހާ ދެކޮޅަށް ބަލަން ފެށި މަންޒަރު އޭނާއަށް ފެނުނެވެ. ހުސް ގޮނޑިއެއް ނެތް އިރު، އިށީންދެގެން އިން އެއްވެސް މީހަކު ވެސް އެއަންހެން މީހާ އިށީންނަން ގޮނޑިއެއް ނުދިނެވެ. އެއަންހެން މީހާ މާޔޫސްވީވަރު ފެނުމުން އިސްމާއިލްގެ ހިތައް ވަރަށް ފުން އަސަރުތަކެއްކޮށް، އޭނާ އިށީންދެގެން އިން ގޮނޑި ދިނެވެ. އަދި އޭނާގެ ކައިރީގައި ކޮޅަށް ހުއްޓެވެ.
އިސްމާއިލް އަށް ޝުކުރު އަދާ ކުރަމުން ހީލާފައި، އަތުގައި އޮތް މުސްޙަފަށް އިޝާރާތް ކޮށްލަމުން އެއީ ކޮން އެއްޗެއްތޯ އެއަންހެން މީހާ އެއްސެވެ. ނަމަވެސް އިސްމާއިލް އަށް ޖަވާބު ދެވުމުގެ ކުރިން، އެއީ ކީރިތި ޤުރްއާން ދޯ އޭ އެއަންހެން މީހާ ބުންޏެވެ. އުމުރުން ދުވަސްވީ އެއަންހެން މީހާއާއި އިތުރަށް ވާހަކަ ދައްކާހިތް ވެގެން، އޭނާއަށް އެއީ ކީރިތި ޤުރްއާންކަން އެނގުނީ ކިހިނެއްތޯ އިސްމާއިލް އެއްސެވެ.
"އިސްލާމްދީނާއި ބެހޭ ގޮތުން އަހަރެން ވަރަށް ފޮތްތައް ކިޔާ މައުލޫމާތު އެއްކުރަން. ހަޤީޤަތުގައި އަހަންނަށް މުސްލިމުން ވަރަށް ރަނގަޅު. ވަރަށް އޯގާތެރި. އެހެން ދީންތައް ވަނީ މުޅިން އޮޅުން ބޮޅުން ވެފަ. އެކަމަކު އިސްލާމްދީން އެކަނި އެހުރި ސާބިތުކަންމަތީ، އެއްވެސް އުނި އިތުރުކަމެއް ނެތި ހުރީ. އަހަރެން އަބަދުވެސް ޤުރްއާން ކިޔަވާ ހިތްވޭ" އެއަންހެން މީހާ ބުންޏެވެ.
އުމުރުން ދުވަސްވީ އެމީހާ ކައިރީގައި އިން ގޮނޑި އެވަގުތު ހުސްވުމުން، އިސްމާއިލް އަވަހަށް އެގޮނޑީގައި އިށީނެވެ. ލިބެމުންދިޔަ ފުރުސަތުގެ ބޭނުން ހިފުމަށެވެ. އަދި އެއަންހެން މީހާއާއި ބެހޭ ގޮތުން އިތުރަށް އެނގުމަށެވެ.
"މިއީ މާތް ﷲ ގެ ކަލާމްފުޅު. އެކަލާނގެ ވަޙީ ބަސްފުޅު. ކީރިތި ޤުރްއާންގެ ސަބަބުން އެންމެހާ މީސްތަކުންނަށް އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ފުރިހަމައަށް އެނގެން ފަށާނެ. އަދި މިފޮތުގެ ސަބަބުން އަހަރުމެންނަށް ސީދާވެގެންވާ ތެދުމަގު ލިބޭނެ" އިސްމާއިލް އެއަންހެން މީހާއަށް ކިޔައިދޭން ފެށިއެވެ.
އޭނާގެ ވާހަކަތަކަށް އެއަންހެން މީހާގެ އިތުރުން އެހެން މީހުން ވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ފެށިއެވެ.
"އަހަރެންގެ އުމުރުން މިހަރު 81 އަހަރު ފުރިއްޖެ. ކެތޮލިކް ޗާރޗުގައި ތިބި މީހުން މިހާރު ދައްކާ ވާހަކަ ހަމައެއް ނުޖެހޭ. އަހަންނަށް އެންމެ ކަމުދަނީ އިސްލާމްދީނުގެ ވާހަކަތައް. މުސްލިމުން އުނގަންނައިދޭ ގޮތް ވަރަށް ވެސް ފުރިހަމަ" އެއަންހެން މީހާ ބުންޏެވެ.
އެއަންހެން މީހާގެ އެބުނަނީ އިސްލާމްދީނާއި ބެހޭގޮތުން އިތުރަށް އުނގަންނައިދޭށޭކަން އިސްމާއީލަށް ވިސްނުނެވެ. އުމުރުން އެހާ ދުވަސްވީ މީހެއްކަން އެނގުމުން، ނަރަކައިގެ އަޒާބުން އެއަންހެން މީހާ ސަލާމަތް ކުރުމަށް މާތް ﷲ މިންވަރު ކުރައްވަނީ ކަމަށް ވަރަށް ބޮޑަށް ޔަގީންވެ، އެފުރުސަތުގެ ބޭނުން ހިފުމަށް އަވަހަށް އިސްމާއިލް އެއަންހެން މީހާއަށް އިސްލާމް ދީނުގެ މައުލޫމާތު ދޭން ފަށަައެވެ. އިސްލާމް ދީނަކީ އެންމެ ރިވެތި ދީން ކަމަށާއި މާތް ﷲ އަކީ އަހަރެމެން އެންމެން ހެއްދެވި އިލާހު ކަމުގައި ކިޔައި ދިނެވެ. އަދި އެކަލާނގެއަށް އަޅުކަންކޮށް އެކަލާނގެ އެންގެވި މަގުން އުޅުމުން ހުރިހާ އުފަލާއި ހިތްހަމަ ޖެހުމަކާއި ފައިދާއެއް އޮތީ އަހަރުމެންނަށް ކަމަށް ވެސް ކިޔައިދިނެވެ. ސުވަރުގެއާއި ނަރަކައާއި ބެހޭ ގޮތުން ވެސް ކިޔައި ދިނެވެ. މާތް ނަބިއްޔާ (ޞޢޥ) ގެ ޙަދީޘްފުޅުތައް ވެސް ކިޔައިދީ، އެހެނިހެން ސޫރަތްތައް ވެސް މާނައާއެކު ކިޔައިދޭން ފެށިއެވެ. އޭނާގެ އަޑު ދަށުން އެއަންހެން މީހާ ވަރަށް ޝައުޤުވެރިކަމާއެކު އެސޫރަތްތައް ކިޔެވެ.
މިސްކިތާއި ކައިރި ބަސް ހުއްޓިއާއި ކައިރިވަމުން ދިޔުމުން، އެއަންހެން މީހާގެ ދެލޮލުން ކަރުނަ ފޫދޭ ހާލުގައި އިނދެ ބުންޏެެވެ. "ތިފަދަ މާތް މީހަކާއި ބައްދަލުވުމުން ވަރަށް އުފާވެއްޖެ. މިތާ ކައިރީގައި އިނދޭ ދޯ ވަރަށް ބޮޑު މިސްކިތެއް. އެތަނަށް މިދަނީ. އެކަމަކު މިދެވެނީ ރަނގަޅަށް ތައްޔާރުވެގެން ކަމެއް ނޭނގެ" އެއަންހެން މީހާ ލައިގެން ހުރި ހެދުމާއި ދިމާލަށް ބަލާލަމުން އެހެން ބުނުމުން، އޭނާ ބޭނުންވަނީ ޝަހާދަތުގެ ދެ ކަލިމަ ކިޔައި، އިސްލާމް ވާން ކަން އިސްމާއިލަށް އެނގުނެވެ. އެކަމަކު ދީން ބަދަލު ކުރާއިރު ކްރިސްޓިއަނުން އެކަން ކުރާ ގޮތާއި މުސްލިމުން ކަންތައް ކުރާގޮތް އޮޅިފައި ހުރިކަން އެނގުމުން އިސްމާއިލް ކިޔައިދިނެވެ.
"ތިހުރީ ހަމަ ރަނގަޅަށެވެ. އިސްލާމްދީން ޤަބޫލު ކުރުމަށް ބޮޑު ޚަފްލާއެއް ބޭއްވުމެއް ނެތެވެ. އަނގަބަހުން ޝަހާދަތުގެ ދެކަލިމަ ކިޔައި އޭގެ މާނަ ހިތާއި ސިކުނޑިން ޤަބޫލު ކުރެވުމުން އިސްލާމް ވެވުނީއެވެ."
ލިބުނު އުފާވެރި ޚަބަރުން، ޝަހާދަތުގެ ދެ ކަލިމަ ކިޔައިދޭން އެއަންހެން މީހާ އަވަހަށް އެދުނެވެ. އަދި އިސްމާއިލް ގެ އަޑު ދަށުން ކިޔައި އޭނާ އިސްލާމްވިއެވެ.
އެދުވަހަށްފަހު އިސްމާއިލް އަންނަނީ އެއަންހެން މީހާއާއި އަބަދުވެސް މުއާމަލާތްކޮށް، އިތުރަށް އިސްލާމްދީނާއި ބެހޭގޮތުން އުނގަންނައި ދެމުންެނެވެ. އަދި އޭނާއަށް މުސްޙަފެއް ހަދިޔާކޮށް ކީރިތި ޤުރްއާން ކިޔަވަން ވެސް އިސްމާއިލް ދަސްކޮށްދިނެވެ.