ރުޅި ވަގުތުން ބޭރުކޮށްލަން ޖެހޭނެ! ފިތުނައަކަށްވަނީ ރުޅި ހިފަހައްޓާތީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރުޅި ވަގުތުން ބޭރުކޮށްލަން ޖެހޭނެ! ފިތުނައަކަށްވަނީ ރުޅި ހިފަހައްޓާތީ!: މުފްތީ މެންކް

ރުޅި އަންނަން ޖެހޭ އެއްވެސް ޙާލަތެއް ކުރިމަތިވެއްޖެ ނަމަ އެކަން ވީހައި އަވަހަށް ހާމަކުރާށެވެ! ރިވެތި ބަހުރުވައިން އެއީ ނަފްރަތުކުރާ ކަމެއް ކަމަށް ބުނާށެވެ. ދުލުން ބުނި ނަމަވެސް ލިޔުމަކުން ސޯޝަލް މީޑިއާގައި ހާމަކުރި ނަމަވެސް ރިވެތި ބަހުރުވައިން މުޢާމަލާތުކުރާށެވެ! އެހެން ނޫނީ ބުނެވޭ ހުތުރު ބަސްތަކުގެ ޒިންމާ އުފުލަން ޖެހޭނެއެވެ.

ރުޅި ހިފަހައްޓާނަމަ ހަސަދައަށް ބަދަލުވާނެއެވެ. ފހަސަދަވެރިވެވެނީ ރުޅި ހިފަހައްޓާތީއެވެ. ރުޅި އައުމުން އެކަން ހާމަނުކުރާތީ އެވެ. ހަސަދަ އުފެދޭނެ އެއްވެސް ހާލަތެއް މެދުވެރިވިއަ ދީގެން ނުވާނެއެވެ. ފިތުނަވެރިކަން އުފެދިދާނެ އެއްވެސް ކަމެއް ނުކުރާށެވެ. އެއީ ވަރަށް ނުބައި ކަންކަމެވެ. ހަސަދަ ވެރިކަމާއި ފިތުނަ އާއި ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. ހަސަދަވެރިކަމަކީ އެމީހާގެ ހެޔޮ އަމަލުތައް، އަލިފާން ދަރު އަންދާ ފަދައިން އަންދައިލާ ކަމެކެވެ.

ކޮންމެ މީހަކަށްވެސް ހިތް ހަމަ ނުޖެހޭނެ ކަންތައްތައް މެދުވެރިވާނެއެވެ. ރުޅި އަންނަ ކަންކަންވެސް މެދުވެރިވާނެއެވެ. ހިތްހަމަނުޖެހުން ރުޅިއަށް ބަދަލުކުރުވަނީ ޝައިޠާނާއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެ ފުރުޞަތު ޝައިޠާނާއަށް ނުދިނުމެވެ. ރުޅި އަމުން ކުރެވޭ ކަންކަމުގެ ގެއްލުން މިދުނިޔޭގައިވެސް ލިބޭނެއެވެ. ތިމާގެ ޞިއްހަތަށްވެސް އެކަމުން ގެއްލުންވާނެއެވެ. އަދި ރުޅި އައިސް ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން އާޚިރަތުގައިވެސް ހިތާމަކުރަން ޖެހިދާނެއެވެ.

ޢާއިލީ ދިރިއުޅުމުގައިވެސް ހިތްހަމަ ނުޖެހޭ ކަމެއް މެދުވެރިވެއްޖެނަމަ ރުޅި އާއި ހަމައަށް ނުދާށެވެ! ރުޅި އާއި ހަމައަށް ދިއުމުގެ ކުރިން އެކަމަކަށް ހިތްހަމަ ނުޖެހޭކަން ހާމަކުރާށެވެ! މައްސަލައަށް ހައްލު ހޯދަން މަސައްކަތްކުރާށެވެ! ރުޅި ކޮންޓްރޯލް ނުކުރެވޭނަމަ އަވަހަށް ޑޮކްޓަރަކަށް ދައްކާށެވެ. ޢިލްމުވެރިންގެ ލަފާ ހޯދާށެވެ. ބައްޔަކުންނަމަ ބޭސްކުރާށެވެ! ހަމަ އެއާއިއެކު ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ! ނޫނީ އަނބިދަރިންނާއި މައިންބަފައިންނާއިވެސް ވަކިވާން ޖެހިދާނެއެވެ! ފަހުން ކަރުނަ އަޅައި ހިތާމަކުރަންވެސް ޖެހިދާނެއެވެ.

މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން