ނިދުމަށް ﷲ ކަނޑައެޅުއްވެވި ގަޑީގައި ނުނިދާނަމަ ދިރިއުޅުމުގަ އާ ޞިއްޙަތަށް ގިނަ މައްސަލަތައް ކުރިމަތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 22ސ
ނިދުމަށް ﷲ ކަނޑައެޅުއްވެވި ގަޑީގައި ނުނިދާނަމަ ދިރިއުޅުމުގަ އާ ޞިއްޙަތަށް ގިނަ މައްސަލަތައް ކުރިމަތިވޭ!

ނިދުމަކީ އިންސާނާއަށް ކޮންމެހެން ބޭނުންވާ ކަމެކެވެ. ހަމަ އެހެންމެ ނިދުމަކީވެސް ﷲ ތަޢާލާ ދެއްވަވާ މަތިވެރި ނިޢްމަތެކެވެ. އެ ނިޢްމަތް ލިބިގަތުމުގެ މުހިންމުކަން ބޮޑުކަމުން އެ ނިޢްމަތް ލިބިގަންނަން ޖެހޭ ގޮތްވެސް ﷲ ތަޢާލާ ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ކީރިތި ޤްރްއާނުގެ އެތައް އާޔަތެއްގައެވެ. ޔޫނުސް ސޫރަތުގެ 67 ވަނަ އާޔަތް ކިޔައި ވިސްނައި ފިކުރުކޮށްބަލާށެވެ! 

"އެކަލާނގެއީ، ތިއަބައި މީހުން (އަރާމުކޮށް) ހަމަހިމޭންވުމަށް ތިއަބައިމީހުންނަށްޓަކައި، ރޭގަނޑު ލެއްވެވި ރަސްކަލާނގެއެވެ. އަދި (ތިއަބައި މީހުން ދިރިއުޅުމުގެ މަސައްކަތް ކުރުމަށް) ދުވާލު އަލިކޮށް ދެއްވެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަންތައްތަކުގައި، އަޑު އަހާ ބައަކަށް ހެކިތަކެއްވާކަން ކަށަވަރެވެ!."

ވީމާ ނިންޖަކީ އެމީހަކު ބޭނުންހައި ގޮތަކަށް ބޭނުންހައި ވަގުތަކު ކުރަން އޮތްކަމެއް ނޫންކަން މިވަނީ ކީރިތި ޤްރްއާނުގައި ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވަވައިފައެވެ. ކީރިތި ޤްރްއާނުގައި ކަމެއް ކުރަންވީ ގޮތް ބަޔާން ކުރެއްވެވުމުން ދެން އަލުން އެކަމަކަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ! އެހެނީ އިންސާނާއަށް އެންމެ ފައިދާ ކުރާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެގޮތް ބަދަލުކުރަން ކުރާ ކޮންމެ ކަމަކުން ލިބޭނީ އަނިޔާއެވެ. 

ނިކަން ވިސްނައިބަލާށެވެ! މިޒަމާނުގައި ޖަލުތަކުގައި ކުށްވެރިންގެ ގައިގައި ތަޅައި އަނިޔާ ކުރުމުން ޤާނޫނީ މައްސަލަތައް ކުރިމަތިވާތީ ހަށިގަނޑުގައި ތަޅައި އަނިޔާ ކުރުން މަދުވެދާނެއެވެ. ނަމަވެސް ގޮތް ދޫނުކުރަން، ހަޤީޤަތް ހާމަ ނުކުރަން ހިތްވަރުކުރާ ކުށްވެރިން ބަލިކަށިކޮށްލަން ބޭނުން ކުރާ އެންމެ ޢާންމު އެއް ހަތިޔާރަކީ ނިދިއަ ނުދިނުމެވެ. ނިދިއަ ނުދިނުމުން އެންމެ ހިތްވަރުގަދަ މީހާގެ ހިތްވަރުވެސް އެލިގެންދެއެވެ. ނިދިއަ ނުދިނުމުން ގައިގެ ހަކަތަ ގޮސް ކިޔޭ ނުކިޔޭ އެއްޗެއް ނުއެނގޭ ހާލަތަށް ދެއެވެ. ކޮންމެ ގޮތަކުން ނަމަވެސް ނިދަން ހަށިގަނޑު ބޭނުންވުމުން ކޮންޓްރޯލް ނުކުރެވިގެން ފުލުހުން ބޭނުންވާ މައުލޫމާތު ހާމަކުރެވެއެވެ. 

ވީމާ ނިދަންވާ ވަގުތު ނުނިދައި އަމިއްލައަށް އަމިއްލަ ހަށިގަނޑަށް އަނިޔާ ލިބިގަތުމަކީ ބުއްދި ސަލާމަތުން ހުރި މީހަކުވެސް ކުރާނެ ކަމެއް ނޫނެވެ. 

ނިދަންވީ ކޮން ވަގުތަކު ހެއްޔެވެ؟ ކުރަންޖެހެނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ 

ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ޢިޝާ ނަމާދުގެ ކުރިން (ޢިޝާ ނަމާދު ނުކޮށް) ނިދުމެއް ނެތެވެ. ހަމައެފަދައިން ކޮންމެހެން ހޭލައި ހުންނަން ޖެހިގެން ނޫނީ ޢިޝާ ނަމާދަށްފަހު ހޭލައި ހުރުމެއްވެސް ނެތެވެ. އޮތީ ޢިޝާ ނަމާދަށްފަހު ވީހައި އަވަހަކަށް ނިދުމާއި ވީހައި އަވަހަކަށް ހޭލުމެވެ. 

ނިދަން އޮށޯތުމުގެ ކުރިން އެނދު ރަނގަޅަށް ފޮޅައި ތަންމަތި އެޅުމަކީ ކުރަންޖެހޭ ކަމެއްކަން ޞަޙީހް މުސްލިމުގައި ބަޔާންވެގެންވާ ޙަދީޘްފުޅުން އެނގެން އެބައޮތެވެ. މިކަމަކީ މިއަދުގެ ޑޮކްޓަރުންވެސް ބާރުއަޅާ ކަމެކެވެ. އެނދުގައި ހުރެދާނެ ހިރަފުހާއި ފަނިފަކުސައިން ސަލާމަތްވުމަށެވެ. 

އޮށޯތުމަށްފަހު ނިދުމުގެ ކުރިން ކިޔަން ޖެހޭ ޛިކްރްތައް ކިޔަވަންވާނެއެވެ. ނިދުމުގެ ކުރިން ޢާޔަތުލްކުރުސި ކިޔެވުމަކީ ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އެހެނީ އެއިރުން އެމީހަކު ނިދީން ހޭލަންދެން އެމީހާގެ ހިމާވަތުގައި ﷲ ތަޢާލާ ބެލެނިވެރިއަކު ބަހައްޓަވައި ދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ. ހަމަ އެއާއިއެކު ނިދުމުގެ ކުރިން ވުޟޫ ކޮށްފިނަމަ އެމީހާއަށްޓަކައި ހެޔޮ ދުޢާ ކުރައްވަވާނެ މަލާއިކަތަކު ބަހައްޓަވައި ދެއްވަވާނެތެވެ.   

އަދި ނިދުމުގެ ކުރިން އިޚްލާޞް ފަލަޤް، ނާސް 3 ސޫރަތް ކިޔަވައި އަތަށް ފުމެލައި ގައިގެ ވީހައި ގިނަ ތަނެއްގައި އަތް އުނގުޅައިލަންވާނެއެވެ. 3 ފަހަރު އެކަން ކުރަންވާނެއެވެ. ފަށާނީ ބޮލުންނާއި ކުރިމަތިންނެވެ. މިއީ ސުންނަތުން ސާބިތުވާ ކަންކަމެވެ. 

ނިދުމުގެ ކުރިން އަލިމަޑުކުރުމާއި ކާބޯތަކެތީގެ މަތި ޖެހުމަކީވެސް އަދި ދޮރުތައް ލައްޕައި ބަންދުކުރުމަކީވެސް ކުރަންޖެހޭ ކަންކަމެވެ. ނިދިން ހޭލެވުމާއިއެކު ޛިކްރް ކުރަން ހަނދާންކުރާށެވެ. 

ބައެއް ފަހަރު ބިރުވެރި ހުވަފެން ފެނުން ފަދަ ކަންކަން މެދުވެރިވެގެން ކުއްލިއަކަށްވެސް ހޭލެވޭ ނޫން ހެއްޔެވެ؟ އެއީ ޝައިޠާނާގެ ކިބައިން މެދުވެރިވާ ކަމެކެވެ. އެހާލަތުގައި ވައަތް ފަރާތަށް 3 ފަހަރު ހިކިކޮށް ކުޅުޖަހާށެވެ. އަދި އަޢޫޛް ކިޔާށެވެ. ޝައިޠާނާގެ ކިބައިން ސަލާމަތްވެވޭނެއެވެ.

މިއަދު އޮންލައިން