ދަރިން ލައްވައި ވައްކަން ކުރުވުމާ ފާހިޝް އަމަލުތައް ކުރުވާ މައިން ބަފައިންނަކީ ޝައިޠާނުންގެތެރެއިންވާ ބައަކަށްވުމުގެ ބިރު ވަރަށް ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
ދަރިން ލައްވައި ވައްކަން ކުރުވުމާ ފާހިޝް އަމަލުތައް ކުރުވާ މައިން ބަފައިންނަކީ ޝައިޠާނުންގެތެރެއިންވާ ބައަކަށްވުމުގެ ބިރު ވަރަށް ބޮޑު!

ޝައިޠާނާއެވެ ބުނެވިއްޖެ ނަމަ ޢާންމުގޮތެއްގައި ބެލެވޭނީ އެއީ އިބިލީސް ކަމަށެވެ. ނަމަވެސް "ޝައިޠާނާ" މިބަހުގެ މާނައަށް ބަލައިފިނަމަ އެއީ ކޮންމެހެން އިބިލީހަށް ވާކަށް ނުޖެހެއެވެ. ޝައިޠާނާގެ މާނަތަކަށް ބަލާއިރު ހަޤީޤަތުން އިންތިހާއަށް ދުރުހެލިވުމާއި ތެދުމަގާއި އިންތިހާއަށް ދުރުވެފައިވުން ހިމެނެއެވެ. އަދި ނުބައި ކަންކަމުގައި ހައްދުފަހަނައަޅައި ދިއުމާއި އިންތިހާއަށް ހައްދު ފަހަނައަޅައި ގޮސް ހައްދުފަހަނައަޅައި ދިއުމުގައި ހައްދުފަހަނައަޅައި ދިއުން ވެސް ހިމެނެއެވެ.  

ވީމާ ޖިންނިންނާއި އިންސީންގެ ތެރެއިން ﷲ ތަޢާލާއަށް އުރެދި ނުކިޔަމަންތެރިކަމުގައި ހައްދުފަހަނައަޅައިގޮސްފައިވާ ކޮންމެ ޖިންނިއަކީވެސް އަދި އިންސިއަކީ ވެސް ޝައިޠާނެއް ކަމަށް ބުނެވެން އެބައޮތެވެ. ކީރިތި ޤްރްއާނުގައި "ޖިންނީންނާއި އިންސީންގެ ތެރެއިންވާ ޝައިޠާނުން" ބަޔާން ކުރައްވަވާފައި އޮތް އޮތުން މިކަމުގެ ދަލީލަކަށް ފުދެއެވެ.  

"ހަމައެފަދައިން، ތިމަން ރަސްކަލާނގެ، ކޮންމެ ނަބީބޭކަލަކަށް އިންސިންނާއި ޖިންނީންގެ ޝައިޠާނުން ޢަދާވާތްތެރިން ކަމުގައި ލެއްވެވީމެވެ. އެއިގެ އެއްބައަކު އަނެއް ބައަކަށް ހެއްލުންތެރި ކުރުމަށް މަތި އޮމާންކޮށްފައިވާ ބާޠިލު ބަސްތަކުން ވަސްވާސްދީ އުޅެތެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިރާދަ ކުރެއްވެވި ނަމަ، އެއުރެން އެކަންތަކެއް ނުކުރީހެވެ. ފަހެ، އެއުރެން ހަދާ ދޮގުތަކާއިއެކު ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!"  (އަލްއަންޢާމް ސޫރަތުގެ 112)  

މިއާޔަތަށް ބެލުމުން އިންސާނުންގެ ތެރޭގައި ޝައިޠާނުން ހިމެނޭކަން އެބަ އެނގެއެވެ. އަދި އެފަދަ ޝައިޠާނުން ކުރާނެ މަސައްކަތަކީ ބާޠިލު ބަސްތަކުން މަތި އޮމާންކޮށް މީސްތަކުން ހައްދައި މަގުފުރައްދުވައި ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ކުރުވުންކަން ވެސް އެބަ އެނގެއެވެ.  

ވީމާ ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަމަށް އަރައިގަތުމަށް ހިތްވަރުދޭ ކޮންމެ މީހަކީވެސް އަދި އެފަދަ ކަންކަމަށް މަގުފަހިކޮށްދޭ ކޮންމެ މީހަކީވެސް ޝައިޠާނުންގެ ތެރޭގައި ހިމެނޭ މީހެއް ކަމުގައި ބެލުން މުހިންމެވެ. ޝައިޠާނުންގެ ވެސް ދަރަޖަ ތަކެއް ހުންނާނެއެވެ. ވީމާ ޝައިޠާނުން ކުރާ އަމަލުތަކުގައިވެސް ދަރަޖަތަކެއް ހުންނާނެއެވެ. ﷲ ތައާލާ ނަހީ ކުރެއްވެވި ކަމެއް ކުރަން ހިތްވަރުދޭ، ވަސްވާސްދޭ، ވާގިވެރިވާ އެއްވެސް މީހަކާއި އެއްވެސް ގުޅުމެއް ނުބާއްވާށެވެ! އެމީހަކީ ތިބާގެ ބުރަކަށީގައި އަތް އަޅައި ނަރަކައަށް ކޮށްޕާ މީހެއް ކަމަށް ބަލައި އެމީހަކާއި މުޅިން ދުރުހެލިވާށެވެ! އެއީ ކިތަންމެ ގާތް ތިމާގެ މީހަކު ނަމަވެސް މެއެވެ. ކިތަންމެ ގާތް ރަޙްމަތްތެރިއަކު ނަމަވެސް މެއެވެ. އެއީ ހަމަ ޝައިޠާނުން ކަމަށްވާތީއެވެ. ކުރިން ބަޔާންކުރި ފަދައިން އެފަދަ މީހުން އެވަނީ ﷲ ތަޢާލާއަށް އުރެދުމުގައި ހައްދުފަހަނައަޅައިގޮސްފައެވެ. ހައްދުފަހަނައަޅައި މާދުރަށް ދަތުރުކޮށްފައެވެ.

ވަރަށް ހިތާމަ ޢާއިއެކު ބުނަމެވެ. ދަރިން ދެކެ އެންމެ ލޯބިވާން ޖެހޭނެ ބައަކީ މައިން ބަފައިންނެވެ. މައިންބަފައިންގެ ތެރެއިން ބައެއް މީހުންނަކީ ނުވަތަ ބައެއް މައިން ބަފައިންނަކީ ދަރިން ލައްވައި ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންކަން ކުރުވާ ބައެކެވެ. އެފަދަ ކަންކަން ކުރުމަށް ހިތްވަރުދޭ ބައެކެވެ. މިހެން ބުނަން މިޖެހެނީ ބައެއް މައިން ބަފައިން ދަރިން ލައްވައި ފާހިޝް އަމަލުތައް ހިންގުވާތީއެވެ. އެކަންކަމުން ނަފާވެސް ހޯދާތީއެވެ. ދުނިޔަވީ މަންފާއަށްޓަކައި އެފަދަ ކަންކަން ކުރަން ދަރިންނަށް މަގުފަހިކޮށްދޭތީއެވެ. ދަރިން ވައްކަން ކުރުމުން އަޅައި ނުލާ މައިން ބަފައިން އެބަތިބެއެވެ. ދަރިން ލައްވައި ވައްކަން ކުރުވާ މައިން ބަފައިން އެބަ ތިއްބެވެ. ވައްކަންކޮށްގެން ދަރިން ހޯދާ ތަކެތި ބޭނުންކުރާ މައިން ބަފައިން އެބަ ތިއްބެވެ. މިފަދަ ކަންކަމަކީ ވަރަށް ހިތާމަ ހުރި ކަންކަމެވެ. މިފަދަ ކޮންމެ ކަމަކީ ޝައިޠާނީ އަމަލުތަކެވެ. އާދޭސްކޮށްފައި ބުނަމެވެ! ދުނިޔަވީ މަންފާއެއް ލިބިގަތުމުގެ ބޭނުމުގައި ޝައިޠާނުންގެ ތެރޭގައި ނުހިމެނޭށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! މިފަދަ ނުބައި އަމަލުތަކަކީ ކުދިކުދި ކަންކަން ކަމުގައި ބަލައި އެކަންކަމަށް އަޅައިނުލައި ދޫކޮށް ނުލާށެވެ!  

ކޮންމެ މީހަކީވެސް ނަރަކައިން ސަލާމަތްވާން މަސައްކަތްކުރަން ޖެހޭނެ މީހެކެވެ. އަދި އެމީހާގެ އަނބިދަރިން ވެސް ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރަން ޖެހޭނެ މީހެކެވެ. ދަރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތް ކުރަންޖެހޭ މައިން ބަފައިންނަކީ ދަރިން ނަރަކައަށް ކޮށްޕާ ބައަކަށް ވެގެން އާޚިރަތް ދުވަހުން ސަލާމަތް ވެވޭނީ ކިހިނަކުން ހެއްޔެވެ؟  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން