މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު އަމީރުލްމުއްމިނީންގެ ޢިއްޒަތްތެރި ޝަރަފުވެރި މަޤާމުގައި ހުންނަވައި ކޮންމެ ދުވަހަކު ފަތިސް ނަމާދުން ނިމިވަޑައިގެން ލޮލަށް ނުފެންނަ ނިކަމެތި އަންހެނެއްގެ ގެއަށް ވަޑައިގެން އަންހެންމީހާއަށް އެހީތެރިވެދެއްވައި ޚިދުމަތް ކުރެއްވެވިއެވެ. އަމިއްލަފުޅު އަތްޕުޅުން އޭނާގެ ދަރިންނަށާއި ގޭގައި ގެންގުޅޭ ޖަނަވާރުތަކަށް ޚިދުމަތްކުރެއްވެވިއެވެ. ގޭތެރެ ސާފުކޮށް ދެއްވަވައި ހެއްދެވިއެވެ.
ނިކަން ވިސްނައިބަލާށެވެ. އެކަންކަން އޭނާއަށް ކޮށްދެނީ ކާކުކަންވެސް އޭނާއަކަށް ނުއެނގެއެވެ. އެނގެނީ މީހަކު އައިސް ކަންކަން ކޮށްދޭ ކަމެވެ. އަބޫބަކުރުގެފާނު އޭނާއަށް މިކަން ކޮށްދެއްވީ ކީއްވެގެން ހެއްޔެވެ؟ ފައިސާއަށް ބޭނުންފުޅުވެގެން ހެއްޔެވެ؟ ޢަބޫބަކުރުގެފާނަކީ ތަނަވަސްކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މަތީ މަޤާމެއްގެ ބޭނުންފުޅުގައި ހެއްޔެވެ؟ ހުންނެވީ އެންމެ މަތީ މަޤާމުގައެވެ. އިސްލާމީ އުންމަތުގެ އަމީރުގެ މަޤާމުގައެވެ.
އަބޫބަކުރުގެފާނު އޭނާއަށް މިކަންކަން ކޮށްދެއްވެވީ ހިތްޕުޅުގައި ﷲ ތަޢާލާއަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. މުސްކުޅިންނަށާއި އެފަދަ ނިކަމެތި ހާލުގައިވާ މީހުންނަށް އެހީތެރިވުމަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމަކަށްވާތީއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވެވުމުގެ ގޮތުންނެވެ.
ނިކަން ވިސްނައިބަލާށެވެ! މައިންބަފައިންނަށް އެހީތެރިވެދިނުމަކީ އަހަރެމެން ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވަރަށް މަތިވެރިވާޖިބެކެވެ. މައިންބަފައިންނަށް، ޚާއްޞަކޮށް އެމީހުން މުސްކުޅިވާ ދުވަހު އަޅާލައި ޚިދުމަތް ކުރުމަކީ ކޮންމެ ކޮންމެ މުސްލިމެއްގެ މައްޗަށް ކޮންމެހެން ކުރަން ލާޒިމުކުރައްވަވާފައިވާ ކަމެކެވެ. އެކަމަށް އަމުރުފުޅު ކުރައްވަވައި ﷲ ތަޢާލާ ވަނީ ކީރިތި ޤްރްއާނުގައި އާޔަތް ބާވައިލައްވަވައިފައެވެ.
އެހެން ކަމާއިއެކުވެސް ވިސްނައިލަން ޖެހޭ ކަމަކީ އަބޫބަކުރުގެފާނު އެ ނިކަމެތި ލޮލަލަށް ނުފެންނަ އަންހެން މީހާއަށް ކުރެއްވެވި ފަދަ އެއްވެސް ޚިދުމަތެއް އަހަރެމެންނަށް އަހަރެމެންގެ މައިން ބަފައިންނަށް އެބަ ކޮށްދެވޭ ކަމާއިމެދުގައެވެ. އަބޫބަކުރުގެފާނު ބޭނުންފުޅުވިނަމަ މީހަކަށް އުޖޫރަ ދެއްވައިގެންވެސް އެކަންކަން ކޮށްދެއްވިދާނެއެވެ. އަދި އަބޫބަކުރުގެފާނު އެދިވަޑައިގެންނެވިނަމަ ހިލޭ ސާބަހަށް އެކަންކަން ކޮށްދޭނެ އެތައް ބައަކުވެސް ތިބޭނެއެވެ. ނަމަވެސް ހުރިހާ ކަމެއް އެ ކޮށް ދެއްވެވީ އަމިއްލަފުޅު ދެއަތްޕުޅުންނެވެ. އަމިއްލަ އަތްޕުޅުން ކުރައްވައިގެން އެކަމުގެ ސަވާބާއި ދަރުމަ އިތުރަށް ހޯއްދެވުމުގެ ބޭނުންފުޅުގައެވެ. ވީއިރު އަހަރެމެންގެ ދެއަތުން އަހަރެމެންގެ މައިންބަފައިންނަށް ޚިދުމަތް ކުރުމުން ލިބޭނެ މަތިވެރި ސަވާބާއި ދަރުމަ އާއިމެދު ވިސްނައިލަނީވެސް ކިތައް މީހުންބާވައެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މައިންބަފައިންނަށް އޯގާތެރިކޮށް ހިތައި އަޅައިލުމަކީ ﷲ ތަޢާލާގެ ލޯބިފުޅުވެވޮޑިގަތުމާއި ރުހިވޮޑިގަތުން ލިބުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. އެކަމަށް އޮތް ވަރަށް ފަސޭހަ މަގެކެވެ. ވީމާ ލިބެން އޮތް އެ ބޮޑު ނިޢްމަތް ދޫކޮށް ނުލާށެވެ. ﷲ ތަޢާލާގެ ލޯބިފުޅުވެވޮޑިގަތުމާއި ރުހިވޮޑިގަތުން ލިބިއްޖެ މީހަކަށް މަދުވާނީ ކޮން ނިޢްމަތެއް ހެއްޔެވެ؟ ވީމާ ކޮންމެ މީހަކުވެސް މިކަންކަމަށް އިތުރަށް ވިސްނައިލާށެވެ! ލިބެން އޮތް މަތިވެރި ނިޢްމަތުގެ ބޭނުން ހިފުމަށް އަވަސްވެގަންނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން