ގިނަ މީހުންނަކީ އުފަލުން، ހިތާމައިން އަދި ބިރުވެރިކަމުން ރޮވޭ ބައެކެވެ. އެފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ރޮވި ލޮލުން ކަރުނަ އައުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. ނަމަވެސް ސުވާލަކީ ﷲ ތަޢާލާ ދެކެ ލޯބިން ނުވަތަ ﷲ ތަޢާލާއަށް ބިރުވެތިވެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓައިލީ ކިތައް މީހުން ހެއްޔެވެ؟
ﷲ ތަޢާލާ ދެކެ ލޯބިން ނުވަތަ ﷲ ތަޢާލާއަށް ބިރުވެތިވެ ލޮލުން ވައްޓައިލެވޭ ކަރުނަ ތިކީގެ އަގު އެނގޭ ހެއްޔެވެ؟
ﷲ އަށްޓަކައި (ލޯބިން ނުވަތަ ބިރުން) މީހެއްގެ ލޮލުން އަޅާ އެންމެ ކަރުނަ ތިއްކެއްގެ އަގު މައްކާގެ ހަރަމްފުޅު، ކަޢުބާޢަށްވުރެ ﷲ ތާޢާލާގެ ހަޟްރަތުގައި މާމަތިވެރި ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. އެބޭފުޅުންގެ ތެރޭގައި އައްޝައުކާނީ ވެސް ހިމެނިވަޑައިގަންނަވައެވެ.
ﷲ ތަޢާލާ ދެއްވެވި ހިޔާވަހިކަމެއް ނޫނީ އެއްވެސް ހިޔަވާވަހިކަމެއް ނެތި މަޙްޝަރުގެ ބިމުގައި އެ ގަދަ ހޫނުގައި ތިބެންޖެހޭ އިރު ހިޔާވަހިކަން ދެއްވަވާނެ 7 މީހުންގެ ތެރޭގައި އެމީހެއްގެ ލޮލުން ﷲ ތަޢާލާއަށްޓަކައި ކަރުނަ އެޅި މީހާ ހިމެނޭކަން އެއީ އެކަމުގެ މުހިންމުކަމުގެ ބޮޑުކަމާއި ކަރުނަ ތިކީގެ އަގުބޮޑުކަން އަނގައިދޭ ކަމެކެވެ.
ﷲ ތަޢާލާއަށް ބިރުން ނުވަތަ ލޯބިން ކަރުނަ އެޅުމަކީ ހަމަ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރެވޭނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އެވަރަށް އުފެއްދިގެންނެވެ. ތަޤްވާވެރިކަން އުފެއްދިގެންނެވެ. ﷲ ތަޢާލާ އަށް ބިރުވެތިވާންޖެހޭ މިންވަރަށް ބިރުވެތި ވެވޭނީވެސް އަދި ލޯބިވެވޭނީވެސް އީމާންކަމާއި ތަޤްވާވެރިކަން އެވަރަށް އިތުރުކުރެވިގެންނެވެ.
ނިކަން ވިސްނައިބަލާށެވެ. ޢަލީގެފާނަކީ ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ބޭކަލެކެވެ. އެހެންކަމާއިއެކުވެސް މުޅި ރޭގަނޑު އަޅުކަން ކުރެއްވެވިއެވެ. މުޅި ރޭގަނޑު ރުކޫޢުގައި އޮންނެވިއެވެ. ހަމަ އެންމެ ބޭނުންފުޅަކު އެވެ. ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންފައިވުމާއިއެކުވެސް ﷲ ތައާލާގެ ރުއްސެވުމާއި ލޯބި ހޯއްދެވުމަށެވެ.
މިއަދު އަހަރެމެންނަށް މިކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ ރޭ އަޅުކަން ކުރެވޭ ހެއްޔެވެ؟ ރޭ އަޅުކަން ނުކުރެވޭއިރު ރަވާތިބް ސުންނަތްތައް ކުރެވޭ ހެއްޔެވެ؟ އެވަރު ނުކުރެވޭއިރު ފަރުޟު 5 ނަމާދު ކުރެވޭ ހެއްޔެވެ؟ މިކަންކަން ތިމާއަށް ކޮށްލެވޭ މިންވަރާއިމެދު އަމިއްލަ ނަފްސާއި ސުވާލުކޮށްލުން ރަނގަޅުވާނެއެވެ.
ދިރިއުޅެން ކުރަން ޖެހޭ މަސައްކަތް ދުވަހަކުވެސް ހުހެއް ނުވާނެއެވެ! ކިތަންމެ ގިނަ ފައިސާ ލިބުނު ނަމަވެސް ހިތެއް ނުފުރޭނެއެވެ. ހިތް ފުރުނު ދުވަހަކުން، ނުވަތަ ހިތް ފުރައިގެން އަޅުކަން ކުރަން ހުންނަ މީހަކަށް ދުވަހަކުވެސް އަޅުކަން ކުރާނެ ވަގުތެއް ނުވާނެއެވެ. ވީމާ ވަގުތު ހޯދައިގެން ވީހައި ގިނަ އަޅުކަމެއް ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! މަރުވުމުގެ ކުރިން އެންމެ ފަހަރަކު، އެންމެ ކަރުނަ ތިއްކެއް ނަމަވެސް ﷲ ތަޢާލާއަށްޓަކައި ލޮލުން ވައްޓައިލެވޭ މީހަކަށްވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން