ނިޔުޒީލަންޑުގެ މުސްލިމުންނަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި މިއަދުގެ ހުކުރު ޚުޠުބާގައި ފަޟީޅަތުއްޝައިޚް އިލްޔާސް ޙުސައިން ދުޢާ ކުރައްވައިފިއެވެ. އަމިއްލަފުޅު ޚުޠުބާއެއް ވިދާޅުވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ނިޔުޒީލަންޑުގައި ކުރި ހުކުރު ދުވަހު ޝަހީދުކޮށްލެވުނީ އަދި އަނިޔާކުރެވިގެން ދިއައީ އެއްވެސް ކުށެއް ނެތް މުސްލިމުންނަށް ކަމަށެވެ.
ޝައިޚް އިލްޔާސް ވަނީ ޝަހީދުވި އެންމެންނަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް ދެއްވުން އެދި އާއި އަނިޔާލިބިފައިވާ އެންމެންނަށް އަވަސް ޝިފާއަކަށް އަދި ޙާލުގައި ޖެހިފައިވާ ހުރިހާ އެންމެންނަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާ ކުރައްވައިފައެވެ.
ޝައިޚް އިލްޔާސް ކުރެއްވެވި ދުޢާގައި ޢާންމުކޮށް ޚުޠުބާތަކުގައި ކިޔާ "އަޅަމެންގެ ވެރިންނަށް ނަޞްރު ދެއްވަވާނދޭވެ" އަށް ވެސް ބަދަލުތަކެއް ގެންނަވައިފައެވެ. ޝައިޚް އިލްޔާސް ދުޢާ ކުރެއްވެވީ އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ކަންކަން ކުރިއަށް ގެންދެވުމުގެ ތައުފީޤް ދެއްވެވުން އެދިއެވެ. ވެރިން ކުރާހައި ކަމަކަށް ނަޞްރު ދެއްވެވުން އެދިއެއް ނޫނެވެ. "އަދި އެގޮތުގެ މަތިން ކުރިއަށް ވަޑައިގަންނަވާހައި ހިނދަކު އިނބަ އިލާހުގެ ނަޞްރާއި މަދަދު މިންވަރުކޮށްދެއްވެވުން އެދިއެވެ.