ޢަބްދުﷲ އިބްނު މަސްޢޫދު (ރޢ) އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވަނިކޮށް ޢުޘްމާންގެފާނު ވަޑައިގެން ސުވާލު ކުރެއްވެވިއެވެ.
"އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވަނީ ކޮން ކަމަކާތޯއެވެ؟" ޖަވާބުގައި ވިދާޅުވިއެވެ. "ކުރެއްވެވިފައިވާ ފާފަތަކުގެ ސަބަބުންނެވެ.
ދެން ޢުޘްމާންގެފާނު ސުވާލު ކުރެއްވެވިއެވެ. "އެންމެ ބޮޑަށް ބޭނުންފުޅުވަނީ ކޮން ކަމެއްތޯއެވެ؟" ޖަވާބުގައި ވިދާޅުވިއެވެ. "ﷲ ތަޢާލާގެ ހެޔޮ ރަހްމަތްފުޅެވެ."
ޢުޘްމާންގެފާނު ވިދާޅުވިއެވެ. "މަހުގެ އިނާޔަތް ނުނަންގަވާތާ އަހަރުތަކެއް ވެއްޖެ ނޫންތޯއެވެ؟ ވީމާ ފޮނުވަންތޯއެވެ؟" ޖަވާބުގައި ވިދާޅުވިއެވެ. "އެއިގެ އެއްވެސް ބޭނުމެއް ނެތެވެ."
ޢުޘްމާންގެފާނު ވިދާޅުވިއެވެ. "ތިބާ ނެތް ދުވަހަކުން ތިބާގެ އަންހެން ދަރިންނަށްޓަކައި ބަހައްޓަވާށެވެ." ޖަވާބުގައި ވިދާޅުވިއެވެ. "އަޅުގަނޑުގެ އަންހެންދަރިން ބަނޑަށްޖެހިދާނެ ކަމާއިމެދު ކަންބޮޑުވެވަޑައިގަންނަވަނީތޯއެވެ؟ ކޮންމެ ރެއަކު ވާޤިއަތު ސޫރަތް ކިޔަވަން އެކުދިންނަށް އޮންނާނީ އަންގައިފައެވެ. ކޮންމެ ރެއަކު ވާޤިޢާ ސޫރަތް ކިޔަވާ މީހަކު ހައިހޫނުކަމުގައި އުޅެން ނުޖެހޭނެ ކަމަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވި އަޑު ވަނީ އިވިފައެވެ."
ޢަބްދުﷲ އިބްނު މަސްޢޫދު އަވަހާރަވީ އެރޭގެ ވަގުތެއްގައެވެ.
ޢަބްދުﷲ އިބުނު މަސްއޫދަކީ ވަރަށް ތުއްޕުޅުއިރު އިސްލާމްވަވަޑައިގެންނެވި ޞަހާބީއެކެވެ. ކީރިތި ޤްރްއާނުގެ އަޑު ޤްރައިޝުންނަށް އިއްވަން ބިރުން ތިބެން ޖެހުނު ދުވަސްވަރު އެކަމަށް އަމިއްލަފުޅަށް އިސްނެންގެވި ޢަޒުމް ވަރުގަދަ ބޭކަލެކެވެ. ޤްރައިޝުން ޙަރަމްފުޅުގައި ތިއްބައި ފަތިސް ނަމާދުން ފައިބާ ވަޑައިގެން އެތަނަށް ވަޑައިގެން ކީރިތި ޤްރްއާން ކިޔަވައި ވިދާޅުވެ ޤްރައިޝުންނަށް އަޑު އިއްވެވި ބޭކަލެކެވެ. "އެކިޔަނީ މުޙައްމަދު (ޞޢވ) ގެންނަވައިގެން އުޅުއްވަވާ ތަކެތި" ކަމަށް ބުނެ އެމީހުން ކުރި އަނިޔާއިން މޫނުފުޅުން ލޭ އޮހޮރިއޮހޮރި ހުންނެވި ޙާލުކޮޅުގައިވެސް މާދަމާ ރޭ ވެސް ވަޑައިގެން ކީރިތި ޤްރްއާނުގެ އަޑު އިއްވަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ހިތްވަރުފުޅު ވަރުގަދަ ބޭކަލެކެވެ.
ޢަބްދުﷲ އިބްނު މަސްއޫދަކީ އިސްލާމްވެވަޑައި ނުގަންނަވާއިރުވެސް ތެދުވެރިކަމުގެ ނަމޫނާ ދެއްކެވި ބޭކަލެކެވެ. އެއްދުވަހަކު ބަކަރި ހުއި ހައްޕަވަން މައްކާގެ ރަށްބޭރު ދުރު ސަރަހައްދެއްގައި އުޅުއްވަނިކޮށް ފެން ބޮވައިގެންފައި ތިބި 2 މީހަކު އައިސް ބަކަރި ކިރުކޮޅަކަށް އެދުމުން ވިދާޅުވީ މިއީ އެކަލޭގެފާނުގެ ބަކަރިތަކެއް ނޫން ކަމަށާއި އެކަލޭގެފާނާއި ހަވާލުކުރެވިފައިވަނީ ހަމައެކަނި ބަކަރިތައް ބަލަހައްޓަވަން ކަމަށެވެ. މި ޖަވާބު ދެއްވީ އެއީ ކޮން ދެބޭކަލުންކަން އެނގިވަޑައި ނުގަންނަވާވެސް ޙާލުގައެވެ. (އަދި އެނގިވަޑައިގެންނެވި ނަމަވެސް އެކަމުގެ ހުކުމަކީ އެއީއެވެ.)
ޤްރައިޝުންގެ މުޝްރިކުންނާއި ދުރަށް ވަޑައިގަތުމަށް މައްކާގެ ރަށް ބޭރުގައި އުޅުއްވަވަމުން އެދުވަހު ބަކަރިކިރުފޮދަކަށް އެދިވަޑައިގަތީ ރަސޫލް (ޞޢވ) އާއި އަބޫބަކުރުގެފާނެވެ. ދެބޭކަލުންވެސް ޢަބަދުﷲ އިބްނު މަސްއޫދުގެ އުމުރުފުޅުން ހަގުކަމާއިއެކުވެސް ނިންމެވި ތެދުވެރި ނިންމެވުމަށް ވަނީ ތަޢްރީފް ކުރައްވައިފައެވެ.
ޢަބަދުﷲ އިބްނު މަސްއޫދުގެ މަންމާފުޅަކީ އަޅު އަންހެނެކެވެ. އެހެންކަމުން "އަޅު އަންހެނާގެ ދަރި"ގެ ނަމުން ވެސް އެކަލޭގެފާނަށް ނަން ދެވުނެވެ. މައްސަލައެއް ނެތްތާއެވެ. އަޅު އަންހެނެއްގެ ދަރިއެއް ނަމަވެސް ހިމެނިވަޑައިގަތީ އެންމެ މަތިވެރި ޞަހާބީންގެތެރެއިންނެވެ. ތުއްޕުޅު އިރުންސުރެ ދެއްކެވީ އެންމެ މަތިވެރި އަޚްލާޤެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމުގައި ލާމަސީލު ނަމޫނާއެވެ.