މުއްސަނދިން ދަހިކޮށްފައި ފަޤީރުން ކުރިއަރައިދާނެ ދުވަސް އޮތީ ދާދި ގާތުގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 36ސ
މުއްސަނދިން ދަހިކޮށްފައި ފަޤީރުން ކުރިއަރައިދާނެ ދުވަސް އޮތީ ދާދި ގާތުގައެވެ!

ﷲ ތަޢާލާ މުއްސަނދިކަމެއް ދެއްވެވުމުން ގިނަ ބައަކަށް ހީވަނީ އެދެން ހުރިހައި ކަމެއް ފުރިހަމަވީ ކަމަށެވެ. ފަޤީރުން އެމީހުންގެ ބޭނުންތައް ނުފުއްދިގެން އެހީއަށް އެދުމުން އެމީހުންނަށް ހީވަނީ ތިމަންނަމެން މިތިބީ މާމަތީގައި ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ. މުއްސަނދިން ދަހިވެތިވެ ތަލިން ކުޅު ހިކިފައި ތިއްބައި ފަޤީރުން ކުރިއަރައިދާނެ ދުވަސް އޮތީ ދާދިގާތުގައެވެ. 

ނައިޖީރިއާއިން އަހަރެންނަށް ދެވުނު އެއް އަވަށަކީ އިންތިހާއަށް ފަޤީރު މީހުން ދިރިއުޅޭ އަވަށެކެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟ ފަތިސް ނަމާދަށް ބަންގި ގޮވާއިރު އަވަށުގެ ކުދި ބޮޑު އެންމެން ތިބެނީ މިސްކިތުގައެވެ. މީހަކު މަދުވާނަމަ އެމީހާއަށް ވީގޮތެއް ބަލަން ވެސް މީހުން ދެއެވެ. ފަރުޟު 5 ނަމާދު ނުކުރާ މުސްލިމުން އުޅޭކަމެއް އެމީހުން ނުދަނެއެވެ. 

ދެން އަހަރެމެންގެ ހާލަތަށް ބަލައިލަމާހެއްޔެވެ؟ ތަނަވަސްކަމެއް ﷲ ތަޢާލާ ދެއްވަވައިގެން ފިހާރައެއް ހުޅުވިއްޖަނަމަ ރޭގަނޑު މެންދަން ވެގެން ދިއަ ނަމަވެސް ފިހާރަ ބަންދުކުރުގެ އެއްވެސް ޝައުޤުވެރިކަމެއް ނުހުރެއެވެ. ޖީބުގައި ޑޮލަރެއް އޮތް ނަމަ ރޭގަނޑު މެންދަން ވެގެންދާއިރުވެސް ކޮފީ މޭޒުތަކާއި ރެސްޓޯރަންޓުތަކުން ނުކުމެވޭ ކަމަކަށް ވެސް ނުވެއެވެ. ނަތީޖާއަކީ ފަތިސްވާކަން ނުއެނގުމެވެ. އެމީހުންނަށް އެނގެނީ މެންދަންވާ ކަމާއި ހެނދުނުވާ ކަމެވެ. ފަތިސްވެ އިރުއެރިކަން ނުއެނގި އެނގެނީ އިރު އަރައި ހޫނުވެއްޖެ ކަމަވެ. 

ދެން ނިކަން ބުނެބަލާށެވެ! ކުރިން ސުވަރުގެ ވަންނާނީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންވެ ފަތިހު ހޭލައި ޖަމާއަތުގެ ފަތިސް ނަމާދުން ދުވަސް ފެށި މީހުން ހެއްޔެވެ؟ ނޫނީ ﷲ ތަޢާލާގެ އެންގެވުމަށް ގޮންޖަހައި ނިދާފައި ތިބި މީހުން ހެއްޔެވެ؟  

ﷲ ތައާލާ އެންމެ މާތް ކުރެއްވެވި އަހަރެމެންގެ ލޮބުވެތި ސާހިބާ މުޙައްމަދު (ޞޢވ) ދެއްވަވާފައިވާ އެންމެ މަތިވެރި އިރުޝާދުތަކުގެ ތެރެއިން އެއް އިރުޝާދަކީ ކުރާ ކޮންމެ ކަމެއްވެސް އެމީހަކަށް ކުރެވޭ އެންމެ ފުރިހަމައަށް ކުރުމަށް ދެއްވަވާފައިވާ އިރުޝާދެވެ. އެކަމެއް ކޮށް ނިންމައިލެވުމުން އެން ކުރެވުނު ކަމުގެ ހިތްހަމަޖެހުން ލިބޭ މިންވަރަށް ކޮންމެ ކަމެއްވެސް ކުރުމަށް ދެއްވަވާފައިވާ އިރުޝާދެވެ. 

ނަމަވެސް ހިތާމައަކީ މިއަދު ދުނިޔެއަށް ބެލި ނަމަވެސް އެންމެ ފަރުވާ ކުޑަކޮށް ކަންކަން ކުރާ ބައަކަށް މުސްލިމުން ވެފައިވާ ކަމެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ މިއަދު އެކަން އޮތް ގޮތެވެ. މުސްލިމުންގެ ތެރެއިން އެމީހަކު ކުރާ ކަންކަން އެންމެ ފުރިހަމައަށް ކުރަން މަސައްކަތްކުރަނީ މަދު މީހެކެވެ. ޚާއްޞަކޮށް ޢަރަބިންގެ ކިބައިގައި މި ނިކަމެތި ސިފަ ވަނީ ވަރަށް ބޮޑަށް އަށަގެންފައެވެ. އެހެންކަމުން ކުރާ ކަންކަމުގައި މީސްތަކުންގެ އިތުބާރު ދަނީ ގެއްލެމުންނެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ކޮންމެހެން އިޞްލާޙްކުރަން ޖެހިފައިވާ ކަމެކެވެ. 

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކު ސުވަރުގޭގައި ބޭނުންވާ ކަންކަމުގެ ވާހަކަ ދައްކައެވެ. ކަންކަމަށް އެދުމުގެ ވިސްނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޤަބޫލުކުރަންވީ ކަމަކީ އިންސާނާގެ ބޭނުންތައް އަބަދުވެސް ދާނީ ބަދަލުވަމުންކަމެވެ. އެއް ކަމަކަށްވުރެ ރަނގަޅު ކަމެއް ފެންނައިރަށް ބޭނުންވާނީ ފަހުން ފެނުނު ރަނގަޅު ކަންތަކެވެ. 

ކުޑައިރުންސުރެ މިއަދާއި ހަމައަށް ތިމާގެ ބޭނުންތައް ބަދަލުވަމުން އައި ގޮތާއިމެދު ނިކަން ވިސްނައިލަބަލާށެވެ. ބޮޑުވަމުން އައި ވަރަކަށް ބޭނުންވާ ކަންކަން ބަދަލު ނުވޭހެއްޔެވެ؟ ބޭނުންވާ ތަކެތި ބަދަލު ނުވޭހެއްޔެވެ؟ ވީމާ ސުވަރުގޭގައިވެސް ވާނީ ހަމަ އެފަދަ ގޮތެކެވެ. ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި ﷲ ތަޢާލާ ސުވަރުގޭގައި ލައްވަވާފައިވާ ނިޢްމަތްތައް ފެނުމުން ދުނިޔޭގައި ހުރިއިރު ގެންގުޅުނު ތިމާ ބޭނުންވާ ކަންކަމުގެ ލިސްޓުމަތިން ހަނދާންވެސް ނުހުންނާނެއެވެ. 

ސުވަރުގެ ދިއުމުގެ ވާހަކަ ދައްކާއިރު ނުވަތަ އެކަމަށް ވިސްނާއިރު އެންމެ ބޮޑަށް ވިސްނަން ޖެހޭ އެއްކަމަކީ ކުރާ ކަންކަން އެމީހަކަށް ވެވޭ އެންމެ ފުރިހަމައަކަށް ކުރުމެވެ. އެއީ ދިރިއުޅަށް ކުރާ މަސައްކަތް ނަމަވެސް ޢާއިލީ ޒިންމާ ނަމަވެސް އަދި ކުރާ އަޅުކަން ނަމަވެސްމެއެވެ. މިއިން އެއްވެސް ކަމެއް ފުރިހަމައަށް ނުކުރާ ނަމަ މައްސަލަ އޮންނާނެއެވެ. އެހެނީ ތިމާ ކުރަންޖެހޭ ކަންކަން ފުރިހަމައަށް ނުކުރާ މީހަކަށް ފުރިހަމައަށް އަޅުކަން ކުރުމަކީވެސް ކުރަން ފަސޭހަ ކަމަކަށް ނުވާނެތީއެވެ. ދިރިއުޅުމަށް ކުރަން ޖެހޭ ކަންކަން ފުރިހަމައަށް ކުރާ މީހާ، އަޅުކަން ކުރުމުގައިވެސް ގިނަ ފަހަރު ފަރުވާތެރިވާނެއެވެ. ކަމަށް ކަމޭހިތާނެއެވެ.

ކުރާ ކޮންމެ ކަމެއްވެސް ފުރިހަމައަށް ކުރުމުގެ މަތިވެރިކަމުގެ ވާހަކަ މިވަރަށް މިކިޔައިދިނީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ ކުރާ ކޮންމެ އަޅުކަމެއްވެސް އެންމެ ފުރިހަމައަށް ކުރުމުގެ މުހިންމުކަން ބަޔާން ކުރުމެވެ. އަދި ދުވަހުގެ އަޅުކަން ފަތިސް ނަމާދުން ނުފަށާ މީހަކަށް އެދުވަހުގެ އަޅުކަމުން ބޮޑުބައެއް ގެއްލިލިގެން ދިއައީކަން ބަޔާންކުރުމެވެ. ފުރިހަމަ ގޮތުގައި އަޅުކަން ނުކޮށް ތިބެ ސުވަރުގެއިން ބޭނުންވާ ކަންކަމުގެ ލިސްޓް ހެދުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަން ވެސް ބަޔާން ކުރުމެވެ. 

ރަނގަޅަށް ވިސްނާށެވެ. ކިތަންމެ ގިނަ ބާވަތެއްގެ މުދައު ހުރި ފިހާރައަކަށް ވަދެ ނަމަވެސް ބޭނުންވާ ތަކެތީގެ ލިސްޓު އެކަނި ދިނުމަކުން މުދަލެއް ނުލިބޭ ނޫން ހެއްޔެވެ؟ މުދައު ލިބެނީ އަގު އަގުއަދާކުރުމުން ނޫން ހެއްޔެވެ؟ ސުވަރުގޭގައިވެސް އޮތީ ހަމަ އެފަދަ ގޮތެކެވެ. ބޭނުންވާ ހުރިހާ ނިޢްމަތްތައް ފުނިފުންޏަށް ހުންނާނެއެވެ. ނަމަވެސް ލިބޭނީ އަގު އަދާކުރުމުންނެވެ. އެދުވަހުގެ ފައިސާއަކީ ދުނިޔޭގައި ހުރެ ތިބާ ކުޅަ ހެޔޮ އަމަލުތައް އެކަންޏެވެ. މިދުނިޔޭގައިވެސް ބާޒާރުކުރާނެ ފައިސާ ލިބެނީ މަސައްކަތް ކުރުމުން ނޫންހެއްޔެވެ؟ އާޚިރަތުގައިވެސް އެކަން އޮތީ ހަމަ އެގޮތަށެވެ. އެކޮޅުގެ އެކައުންޓަށް ހެޔޮ އަމަލުތައް ޖަމާ ކުރެވޭނީ ދުނިޔޭގައި ހުރެ ކުރި މަސައްކަތަކުންނެވެ. ވީމާ މި ދަރުސް އިން ޢިބްރަތެއް ޙާޞިލުކުރެވޭނެ ކަމަށް އުންމީދުކުރަމެވެ.

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން