ދީނުގަ އޮންނާނީ އެއް ޙުކުމް! ޒައްރެއްގެ މިންވަރުވެސް ޝައްކުކުރާނަމަ އެމީހަކަށް ސުވަރުގެ ދައްކާނީ ރަތްކާޑު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 42ސ
ދީނުގަ އޮންނާނީ އެއް ޙުކުމް! ޒައްރެއްގެ މިންވަރުވެސް ޝައްކުކުރާނަމަ އެމީހަކަށް ސުވަރުގެ ދައްކާނީ ރަތްކާޑު: މުފްތީ މެންކް

އިސްލާމީ ޝަރީޢަތަށް ބަލައިފިނަމަ ކިބުރުވެރިކަމުގެ މާނައިގައި ދެ ދަރަޖައެއް ވެއެވެ. ފުރަތަމަ ދަރަޖައަކީ ޙަޤީޤަތް ޤަބޫލު ނުކުރުމާއި އިންޞާފް ޤަބޫލު ނުކުރުމެވެ. ޖުމުލަ ގޮތެއްގައި ބަލާނަމަ ބޮޑާކަމުގެ މާނައަކީ ރަނގަޅު ހުރިހާ ކަމެއް ބަލައި ނުގަތުމެވެ. 

ކިބުރުވެރިކަމުގެ ދެވަނަ ދަރަޖައަކީ އެހެން މީހުންނަކީ އެއްވެސް އަގެއް ނެތް ބައެއް ކަމުގައި ޤަބޫލުކުރުމެވެ. 

ވިސްނާށެވެ. ޙަޤީޤަތަކީ އިސްލާމް ދީނުގައި ކަންކަން ބަޔާންވެގެންވާ ގޮތެވެ. އެކަން އެންމެންނަށްވެސް އެނގެއެވެ. އަދި އިސްލާމް ދީނުގައި ބަޔާންވެގްންވާ ކަންކަން ވެސް އެންމެންނަށް އެނގެއެވެ. އިސްލާމް ދީނުގެ އެއްވެސް ކަމަކީ ހޯދައި ބަލަން ބޭނުންވާ އެއްވެސް މީޙަކަށް ފޮރުވިގެންވާ ކަންކަމެއް ނޫނެވެ. އެންމެންނަށް އެނގެން އޮންނާނީ ވެސް އެއް ގޮތަކަށެވެ. އެއީ ކީރިތި ޤްރުއާނުގަ ޢާއި ރަސޫލް (ޞޢވ)ގެ ސުންނަތުގައި އޮތް ގޮތެވެ. ދޮގުކުރާ މީހުން ދޮގުކުރަނީ ވެސް އަދި ބަލައި ނުގަންނަ މީހުން ބަލައި ނުގަންނަނީވެސް މިކަންކަން ރަނގަޅަށް އެނގިތިބެއެވެ. 

ﷲ ތާޢާލާ ވަޙީ ކުރައްވަވާފައިވަނީ އިސްލާމްދީނުގައި ބަޔާންވެ އެނގެން އޮތް އެއްވެސް ކަމަކާއިމެދު ޒައްރެއްގެ މިންވަރު ނަމަވެސް ޝައްކު ކުރާ މީހަކަށް ސުވަރުގެއިން އެއްވެސް ޖާގައެއް ނެތް ކަމަށެވެ. 

އަހަރެމެން މިކުރާ މަސައްކަތަކީ ދީނަށް އިތުރު ކަންތައްތަކެއް ވެއްދުމެއް ނޫނެވެ. ދީނުގައި ހުރި ކަންކަން ހަނދާންކޮށް ދިނުމެވެ. އެއީ އަހަރެމެން އެންމެންވެސް ކުރަން ޖެހޭ ކަމެކެވެ. ހަމައެކަނި ދީނީ ޢިލްމުވެރިންގެ މަސްއޫލިއްޔަތެއްވެސް ނޫނެވެ. ކޮންމެ މުސްލިމަކުވެސް އޭނާގެ އަޚާޢަށް ރަނގަޅު ކަންކަން ކުރަން ހަނދާންކޮށްދޭންވާނެއެވެ. ރަނގަޅު ގޮތް ބުނެދޭންވާނެ އެވެ. ކިތަންމެ ގިނައިން ހަނދާންކޮށްދިން ނަމަވެސް ޝަކުވާ ކޮށްގެން ނުވާނެއެވެ. އެހެނީ ކޮންމެ ދުވަހަކު ގަޑި ނުޖެހި ސްކޫލަށް ދިއުމަށްވެސް މައިން ބަފައިން ހަނދާންކޮށްދޭ ނޫން ހެއްޔެވެ؟ 

ހެޔޮ އަމަލުކުރުމަށާއި ތަޤްވާވެރިވުމަށް ގިނަގިނައިން ހަނދާންކޮށްދޭން ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. ވީމާ ކިތަންމެ ގިނައިން ހަނދާންކޮށްދިން ނަމަވެސް ޝަކުވާކޮށްގެން ނުވާނެއެވެ. ހަނދާންކޮށް އެދެނީ ތިބާއަށް ރަނގަޅަކަށެވެ. ހަނދާންކޮށް ދިނުމުން އެއިގެ މާނައަކީ ތިބާ ނުބައި މަގުގައި ހުރުމެއް ނޫނެވެ. އެއީ ރަނގަޅު މަގުން ކިރިޔާވެސް ކަސިޔާރުވެދާނެ ކަމުގެ ބިރަށް ކުރާ ކަމެކެވެ. 

ރަނގަޅަށް ވިސްނާށެވެ. އެންމެ ފުރަތަމަ ކުށެއް ކުރީ ކާކު ހެއްޔެވެ؟ ކުރީ ކޮން ކުށެއް ހެއްޔެވެ؟ ޖަވާބަކީ އެންމެ ފުރަތަމަ ކުށެއް ކުރީ އިބިލީހެވެ. އޭނާ ކުރި ކުށަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމެވެ. އެ ކުށް ކުރީ ކީވެގެން ހެއްޔެވެ؟ އޭނާގެ ހިތުގައިވާ ކިބުރުވެރިކަމުންނެވެ. އެހެން މީހުންނަކީ މާދަށުދަރަޖައިގެ މީހުން ކަމަށް ޤަބޫލުކުރެވިގެންނެވެ. 

މީސްތަކުންނަކީ ފުނަލެއްގެ ދަތްތައް ފަދައިން އެއްވަރު ނުވަތަ ހަމަ ބައެކެވެ. ފުނަލުން ފުނާ އެޅޭނީ ދަތްތައް އެއްވަރަށް ހުރެގެންނެވެ. ހަމަ އެފަދައިން އިންސާނުންނަށް ކުރިއަރައި ދެވޭނީ އެންމެންނަކީ ވެސް އިންސާނުންގެ ހައިޞިއްޔަތުން ހަމަހަމަ ބައެއް ކަމަށް ޤަބޫލުކޮށްގެންނެވެ. އެކަން އެގޮތަށް ޤަބޫލު ނުކުރާނަމަ ތިބާ ހިމެނޭނީ ކިބުރުވެރިންގެ ތެރޭގައެވެ. ތިބާގެ ހިތުގައި އެވަނީ އިބިލީހުގެ ގޮތެވެ. 

ކިތަންމެ މަތީ މަޤާމެއްގައި ހުރި ނަމަވެސް ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް އަދި ކިތަންމެ ބޮޑެތި ބާރުތަކެއް ލިބިފައިވީނަމަވެސް އިންސާނުންނާއި މެދު ދެކެން ޖެހޭނީ ހަމަ އަޚުންގެ ގޮތުގައެވެ. ވާހަކަ ދައްކަން ޖެހޭނީ މަޑުމައިތިރިކަމާއިއެކުގައެވެ. އަމަލުކުރަން ޖެހޭނީ އޯގާތެރިކަމާއިއެކުގައެވެ. އަމުރެއް ކުރާނަމަ އެކަންވެސް ކުރަން ޖެހޭނީ ވަރަށް އޯގާތެރިކަމާއިއެކުގައެވެ.

ކަނުލައި އަޑުއަހައިބަލާށެވެ! އެންމެހައި އިންސާނުންގެ ތެރެއިން އެންމެ މާތް ކުރެއްވެވީ އަހަރެމެންގެ އިތުރު ޞާޙިބާ މުޙައްމަދު (ޞޢވ) އެވެ. ދެން ނޫހްގެފާނާއި އިބްރާހީމްގެފާނާއި މޫސާގެފާނާއި ޢީސާގެފާނެވެ. ﷲ ތާޢާލާ އެބޭކަލުންނަށް މިހައި މަތިވެރި ދަރަޖަ ދެއްވެވުމުންވެސް އެއިން އެއްވެސް ބޭކަލަކީ އެބޭކަލެއްގެ ކިބައިގައި ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހުރި ބޭކަލުންނެއް ނޫނެވެ. 

ޔަޤީންކުރާށެވެ! އެއްވެސް އިންސާނަކީ ﷲ ތަޢާލާ ދެއްވެވި މަތިވެރިކަމެއް މެނުވީ ލިބިގެންވާ މީހެއް ނޫނެވެ. އެންމެންނަކީ ހަމަ ﷲ ތަޢާލާގެ އަޅުންނެވެ. ވީއިރު ބޮޑާވެ ކިބުރުވެރިވަނީ ކޮން މަތިވެރިކަމެއް ލިބިގެންހެއްޔެވެ؟ ބޮޑާކަމާއި ކިބުރުވެރިކަމުން ހިތް ޠޯހިރުކޮށްގެން މެނުވީ ސުވަރުގެއިން އެއްވެސް ޖާގައެއް ލިބުމެއް ނެތެވެ. އެހެނީ ބޮޑާކަމާއި ކިބުރުވެރިކަމަކީ ﷲ ތަޢާލާ އެންމެ ރުހިވޮޑި ނުގަންނަވާ ސިފަތަކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން