މިހާރަކަށް އައިސް ގިނަ ބައަކަށް ޖެހޭ އެންމެ ޢާންމު އެއް ބައްޔަކީ ނަފްސާނީ ބަލިކަމަށް ބުނެވެއެވެ. ހަޤީޤަތުގައި އެބައްޔަށް ކިޔަންޖެހޭނެ ނަމަކީ ކަންބޮޑުވުން އިތުރުވާ ބައްޔެވެ. އެހެނީ އެބަލި ޖެހޭ ކަމަށްވަނީ ކަންބޮޑުވުން އިތުރުވުމުން ކަމުގައިވާތީއެވެ.
ދެން ބަލައިލަންވީ ކަންބޮޑުވުން އިތުރުވާ ސަބަބަށެވެ. އަހަރެންނަށް ލިބިފައިވާ މައުލޫމާތުން އެނގުނު ގޮތުގައި ގިނަ ބައަކަށް މި ބަލި ޖެހެނީ އެމީހެއްގެ އަނބިން، ފިރިން، ލޯބިވެރިން ނުވަތަ ދަރިން ފަދަ އެމީހަކު ކޮންމެހެން ގުޅުން ބާއްވަން ބޭނުންވާ އަދި އެކުގައި އުޅެން ބޭނުންވާ ކޮންމެވެސް މީހަކު އެމީހަކާއި އަޅާނުލައި ދޫކޮށްލުމުންނެވެ.

ޞުޙާ ސޫރަތަކީ މިކަމަށް އޮތް އެންމެ ރަނގަޅު ޝިފާއެވެ. ނަމަވެސް މާނަ އާއިއެކު ކިޔުމުންނެވެ. މާނަ ހިތަށް ގެނައުމުންނެވެ. އެސޫރަތް ބާވައިލެއްވުނީ އަހަރެމެންގެ ލޮބުވެތި ސާޙިބާ މުޙައްމަދު (ޞޢވ) ނުހަނު ކަންބޮޑުވެވަޑައިގަތުމުގައި ހުންނަވަނިކޮށެވެ. ވަޙީ މެދުކެނޑި 6 މަސް ދުވަސް ދިއުމުންނެވެ. ޖިބްރީލްގެފާނާއި ވެސް އެ މުއްދަތުގައި ބައްދަލުވެވަޑައި ނުގަތުމުންނެވެ. އަދި ހުވަފެންފުޅެއްވެސް ފެނިވަޑައިނުގަތުމުންނެވެ. މިހުރިހާ ސަބަބުތަކަށްޓަކައި ﷲ ތަޢާލާ އެކަލޭގެފާނު ދޫކޮށްލެއްވެވީ ކަމުގެ ކަންބޮޑުވުމުގައި ހުންނަވަނިކޮށެވެ.
ސޫރަތުގެ 3، 4، 5، ވަނަ އާޔަތް ކިޔައިބަލާށެވެ. "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަލޭގެފާނު ދޫކޮށެއް ނުލައްވަވައެވެ. އަދި ނުރުހުންވެ ވޮޑިއެއް ނުގަންނަވައެވެ. އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، އާޚިރަތުގެ ހެޔޮކަން މާބޮޑުކަން ކަށަވަރެވެ. އަދި ނިކަން ހުރެ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެއެވެ."
ރަނގަޅަށް ވިސްނައިލާށެވެ. ތިބާ އާއި އަޅައި ނުލައި، ލޯބިނުވެ ބާކީކޮށް ދޫކޮށްލީ ހަމަ ތިބާފަދަ އިންސާނެއް ނޫން ހެއްޔެވެ؟ ﷲ ތަޢާލާ ތިބާ ދޫކޮށެއް ނުލައްވަވާނެތެވެ. ވީއިރު ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ. ހަމައެއާއިއެކު ވިސްނަންވީ ދުނިޔޭގައި ކުރިމަތިވީ ހިތާމައަށްވުރެ ޢާޚިރަތުގައި ލިބެން އޮތް ނިޢްމަތްތައް މާގިނަކަމެވެ. އަދި އެ ނިޢްމަތްތައް ލިބުމުން ތިބާ އުފާކުރާނެ މިންވަރުވެސް މާބޮޑުވާނެ ކަމެވެ. ވީމާ، އެއްވެސް މީހަކު އަޅައިނުލައި ދޫކޮށްލި ނަމަވެސް، ލޯބި ނުވި ނަމަވެސް ކަންބޮޑުނުވާށެވެ! ކެތްތެރިވާށެވެ! އަޅައި ނުލައި ދޫކޮށްލި މީހުންގެ މަތިން ވިސްނުމުގެ ބަދަލުގައި ﷲ ތަޢާލާ ހަނދުމަކުރުން އިތުރުކުރާށެވެ. ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ.
މިކަންކަން ބަޔާން ކުރައްވަވައި ވަޙީ ކުރައްވަވާފައިވަނީވެސް އާދައިގެ ގޮތަކަށް ނޫނެވެ. ފުރަތަމަ އާޔަތާއި ދެވަނަ ޢާޔަތް ކިޔާށެވެ! "ދުވާލުގެ އަލިކަން ފެތުރި ހަމަޖެހޭ ވަގުތު ގަންދެއްވަމެވެ. އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ." ﷲ ތަޢާލާ ދެ ފަހަރުމަތިން ގަންދެއްވަވައި ވަހީ ކުރެއްވެވުމުން މި ސޫރަތުގެ މަތިވެރިކަން އިންތިހާއަށް އިތުރުވެގެންދެއެވެ. ހަމަ އެކަނި މިކަމަށް ވިސްނައިލި ނަމަވެސް އެ ލިބިގެންދަނީ ކިހައި މަތިވެރި ހިތްވަރެއް ހެއްޔެވެ؟
މިސޫރަތުގެ ކޮންމެ އާޔަތަކީވެސް ހިތުގެ ބަލިކަށިކަމަށް ޝިފާއެކެވެ. ހިތްވަރެކެވެ. ޔަޤީންކަމެކެވެ. ހަމައެކަނި ކުރަން ޖެހޭ ކަމަކީ މާނައަށް ވިސްނައިގެން ގިނަގިނައިން ކިޔުމެވެ. އަހަރެމެން އެންމެ ނިކަމެތި ހާލުގައި ވަނިކޮށް ނިޢްމަތްތައް މިންވަރުކުރައްވަވަނީ ﷲ ތަޢާލާކަން އެނގިގެންދާނެއެވެ. ވީމާ ތިއުޅެނީ ކާކުގެ އެހީތެރިކަމާއި ލޯބި ނުލިބިގެން ހެއްޔެވެ؟
ވަގުތު ހޯދާށެވެ. ތަފްސީރުވެސް ކިޔައި އޮޅުންފިލުވާށެވެ. ހުރިހާ ހާސްކަމެއް ކެނޑިގެންދާނެއެވެ. ކުރިމަތިވެފައިވާ ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެންދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން