ހަޔާތުގެ ބައިވެރިޔާއަށް އިންޞާފުވެރިނުވުމަކީ އަދުލަށް ޙުކުމް ނުކުރުމަށްވުރެ ކުޑަ ކުށެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
ހަޔާތުގެ ބައިވެރިޔާއަށް އިންޞާފުވެރިނުވުމަކީ އަދުލަށް ޙުކުމް ނުކުރުމަށްވުރެ ކުޑަ ކުށެއް ނޫން!

"ކުށްވެރިން ޤިޔާމަތް ދުވަހު ތިބޭނީ ބިރުން ވިރިވިރިއެވެ. ގަނެފައިވާ ބިރުގެ ބޮޑުކަމުން އެންމެ ކުޑަމިނުން ލޮލުގެ އެސްފިޔަވެސް ޖަހައިނުލެވޭނެއެވެ. ތިބޭނީ ދެލޯ އިންތިހާއަށް ބޮޑުކޮށްގެންނެވެ. ދެން ވާނީ ކިހިނެއްތޯ ހިތަށް އަރައަރައެވެ. ނަރަކައަށް ބަންޑުން ވެއްޓިގަންނަން ޖެހޭނީ ކޮން ވަގުތަކު ކަމާއިމެދު ކަންބޮޑުވެ އަނގަ ހުޅުވެފައެވެ. ތަލިން ކުޅު ހިކިފައެވެ.

މިޙާލަތަށް މިދަނީ ހަމަ ކޮންމެ މީހަކުވެސް އަމިއްލައަށް ކުރި ކަންކަމުގެ ސަބަބުންނެވެ. އިންޞާފަކީ އަމިއްލައަށް ވިސްނޭ ގޮތް ކަމަށް ބަލައި ކުރި އަމަލުތަކުގެ ސަބަބުންނެވެ. އަމިއްލައަށް އިންޞާފު ކަނޑައެޅުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އެއީ ހަމަ އެކަނި ﷲ ތަޢާލާއަށް ލިބިވޮޑިގެންވާ ބާރެކެވެ. އަހަރެމެންނަށް އޮތީ ބަލައިގަނެ ކިޔަމަންވެ އަމަލުކުރުމެވެ.|" މި ކުރު ތަޢާރަފާއިއެކު މިރޭ މިފަށަނީ ކުރިމަތިވެފައިވާ ވަރަށް ނުރައްކައުތެރި ކަންތައްތަކެއްގެ ވާހަކައެވެ. 

އިންޞާފުގެ ވާހަކަ ދެކެވޭ ކޮންމެ ހިނދެއްގައި މީސްތަކުންގެ ވިސްނުމަށް ގިނަ ފަހަރު އަންނާނީ ފަނޑިޔާރުންނާއި ފަނޑިޔާރުގެތަކެވެ. ޙުކުމް ކުރަން ތިބޭ ފަނޑިޔާރުން ފަދައިން އެމީހާއަކީ ނުވަތަ ކޮންމެ މީހަކީ ވެސް އަދުލުވެރިވާން ޖެހޭ މީހެއްކަން ހަނދާން ކުރަނީ މަދު މީހެކެވެ. އެހެންކަމުން މުޖުތަމައުތަކުން މިދަނީ ދުވަހެއް ދުވަހަކަށް އިންޞާފު ގެއްލެމުންނެވެ. އަދުލުވެރިކަން ނެތެމުންނެވެ. އިންޞާފާއި އަދުލުވެރިކަމުގެ ވާހަކަ ދައްކާނަމަ ފުރަތަމަވެސް ވިސްނަންވީ ތިމާގެ އަމުލުނަފްސާއިމެދުގައެވެ. ތިމާއަށް އަދުލުވެރި ވެވޭ މިންވަރާއިމެދުގައެވެ. ތިމާގެ ފިރިމީހާއަށް، އަނބިމީހާއަށް، ދަރިންނަށް، މައިން ބަފައިންނަށް އިންޞާފުވެރިވެވޭ މިންވަރަށެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަނބިން ފިރިންނަށް، ފިރިން އަނބިންނަށް އަދުލުވެރި ނުވުމުގައި މިހާރު މިވަނީ ހައްދުން ނައްޓާލައިފައެވެ. ލޮލަށް ފެންނަން ނެތްނަމަ ބޭވަފާތެރިވާންވީއެވެ. އެންމެ ފަހަރަކުވެސް ހިތަށް ނާރާ ކަމެއްވެއެވެ. އެއީ ތިމާ މިކުރާ ކަންކަން އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ސިއްރުން ކުރެވުނު ނަމަވެސް ﷲ ތަޢާލާ ހަމަ ވަގުތުން އެކަން ބައްލަވައިވޮޑިގެންވާ ކަމެވެ. މިދުނިޔޭގައި ކޯފާއެއް ނުލެއްވެވި ނަމަވެސް ޤިޔާމަތް ދުވަހު ސަލާމަތް ނުވެވޭނެ ކަމެވެ. މީޒާނުގައި ހިސާބު ބެލެވޭހިނދު ތިމާގެ ހެޔޮ އަމަލުތަކުން އުނިކުރެވިގެންދާނެ ކަމެވެ.

އަހަރެމެން އިންޞާފުވެރިވެ އަދުލުވެރިވާންވީ މީހަކަށްޓަކައެއް ނޫނެވެ. ތިމާގެ އަމިއްލަ ނަފްސަށްޓަކައެވެ. އާޚިރަތް ދުވަހަށްޓަކައެވެ. ވަރަށް ފަހުން އަހަރެންގެ ރައްޓެއްސަކު ބުނީ އޭނާގެ އަނބިމީހާގެ ކިބައިން ބަދު އަޚްލާޤީ ގިނަ މައްސަލަތަކެއް ފަޅައި އެރުމުން ސަބަބަކަށް ދެއްކީ ފިރިމީހާ ލޯބި ނުދިނުން ކަމަށެވެ. އެހެން މީހަކާއިއެކު ގުޅުން ހިންގަން ޖެހުނީ އެސަބަބަށްޓަކައި ކަމަށެވެ. މިއީ އަނބިމީހާއެވެ. ފިރިންގެ ކިބައިންވެސް ހަމަ މިފަދަ މައްސަލަތައް ކުރިމަތިވާނެއެވެ. ކޮންމެ މީހަކުވެސް ވިސްނަންވީ މިއަދު ދުނިޔޭގައި މިދައްކާ އުޒުރުތައް ނުދެއްކޭނެ ދުވަސް ކުރިމަތީގައި އެބައޮތްކަމެވެ. މާދުރު ކީއްކުރަންހެއްޔެވެ؟ ދާދި ގާތުގައެވެ. މިއަދު ވެސް މަރުވެއްޖެ ނަމަ އެމީހަކަށް އެއޮތީ އެދުވަސް އައިސް ޖެހިފައެވެ. 

ދިރިއުޅުމުގެ ކޮނަމެ ކަމެއްވެސް ކުރަންޖެހޭނީ އިންޞާފުންނެވެ. އަދުލުވެރިކަމާއިއެކުގައެވެ. ދެމަފިރިއަކަށް އެކުގައި އުޅެވެން ނެތްނަމަ އިސްލާމް ދީނުގައި އޮތް ފަދައިން ދުރުވާށެވެ. ކައިވެނިމަތީގައި ތިބެ މަކަރުވެރި ގޮތުގައި ފާފަތައް ނުކުރާށެވެ. ޚިޔާނާތްތެރި އެއްވެސް އަމަލެއް ނުހިންގާށެވެ. އެފަދަ އެއްވެސް ކަމެއް ކޮށްފިނަމަ އެއީ ތިމާ އަމިއްލައަށް ހޯދައިގަންނަ ޢަޛާބަކަށް ނޫނީ ނުވާނެއެވެ. 

ބަލަން ޖެހޭނީ އަނބިމިހާއަށް ނުވަތަ ފިރިމީހާއަކަށް ނޫނެވެ. ﷲ ތަޢާލާއަށެވެ. ބިރުގަންނަވީ ޒަރެއްގެ މިންވަރުވިޔަސް ހެޔޮކަމެއް ކޮށްފި މީހާވެސް އަދި ޒަރެއްގެ މިންވަރު ނަމަވެސް ނުބައި ކަމެއް ކޮށްފި މީހާވެސް އެކަމުގެ ރަހަ ދެކޭނެ ކަމަށް ބަޔާންކުރައްވަވާފައިވާ އާޔަތަށެވެ. މިހާ ސާފުކޮށް އެނނެގެން އޮތަ ކަމެއްގައި މަގުގެއްލިގެން ދާބައަކު ކަމުގައި ނުވާށެވެ! މިއަދު މިކަންކަމަށް ފަރުވާތެރި ނުވެއްޖެ ނަމަ ފަހަކުން ނުވެވޭނެއެވެ. ވީމާ މިހިނދުން ފެށިގެން ކޮންމެ މީހަކުވެސް އެމީހާއަކީ އިންޞާފުވެރިއެއްކަމުގައި ވުމަށް ގަދައަޅައި މަސައްކަތްކުޜާށެވެ. ތިމާގެ އަމިއްލަ ނަފްސް ސަލާމަތް ކުރެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން.

މިއަދު އޮންލައިން