ބައެއް ފަހަރު ސިހުރުވެރިން ބުނެފާނެއެވެ. "މިތަވީދު ގެންގޮސް ގޭގެ ސީލިންގގެ މިވެނި ކަނެއްގައި އެލުވާށެވެ. އެއިރުން މިވެނި ކަމެއް ކުރި މީހެއްގެ މޫނުގެ ހިޔަނި އެތަނުން ފެންނާނެއެވެ." ފަހަރެއްގައި އެބުނާ ގޮތަށް އެކަން ވެ ވެސްދާނެއެވެ. ނަމަވެސް ފެންނާނީ ހަޤީޤަތުގައި އެކަންކުރި މީހާގެ މޫނު ނޫންކަމަށް ވުމަކީ 99 އިންސައްތަ ޔަޤީން ކަމެކެވެ. އެހެނީ އެތަނުން އެފެންނަ ހިޔަންޏަކީ ޝައިޠާނާ ދައްކާ ހިޔަންޏަކަށްވާތީއެވެ. ޝައިޠާނާ ދައްކާނީ ޝައިޠާނާ ދައްކަން ބޭނުންވާ މީހެއްގެ ހިޔަންޏެވެ. އެހެންކަމުން މިފަދަ ކަންކަމުގައި އިތުބާރުކުރުމުން ޢާއިލާތަކުގެ މެދުގައި ބޮޑެތި ފިތުނަތައް އުފެދިހުރީ ވަރަށް ގިނައިންނެވެ.
އަދިވެސް ބުނަން ހެއްޔެވެ. ސިހުރުވެރިން ދޭ މިފަދަ އެއްވެސް އެއްޗެއް ގޭގައި އެލުވުމަކީ ތިމާ ދިރިއުޅޭގެއަށް ނުބައި ޝައިޠާނުން ވަނުމަށް ދެވޭ ދަޢުވަތެކެވެ. އެހިސާބުން ޝައިޠާނުންތައް ގެއަށް ވެރިވެގަނެ ގޭގެ ހުރިހާ ކަމެއް ފިތުނަވެރިކޮށްލާނެއެވެ. އެކަން ފަހުން އެނގުމުން އެ ޝައިޠާނުންތަކުގެ ފިތުނައިން ސަލާމަތްވުމަށް ކުރަންޖެހޭ މަސައްކަތް މާގިނަވެފައި ބޮޑުވާނެއެވެ.
ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ޣައިބު އެނގޭ ކަމަށް ބުނާ މީހާގެ ގާތަށް ގޮސް އޭނާ ބުނާ ބަސް ޤަބޫލުކުރާ މީހާއަކީ ތިމަން ކަލޭގެފާނު ގެންނެވި ކަންކަމަށް އީމާންވާ މީހުންގެ ތެރެއިންވާ މީހެއް ނޫން ކަމަށެވެ. ޣައިބު އެނގޭ ކަމަށް ބުނާ މީހުންގެ ބަސް ޤަބޫލުކުރުމުން އެމީހުންގެ ނަމާދު ޤަބޫލުނުކުރައްވަވަނީ ﷲ ތަޢާލާ ނޫން ފަރާތަކަށް، މީހަކަށް ޣައިބު އެނގޭކަމަށް ޤަބޫލުކުރުމުން އެއީ ޝަރީކު ކުރުމުގެ އަމަލަކަށްވެ ބޮޑުފާފައަކަށްވެގެންދާތީއެވެ. މިސާލަކަށް އެމީހަކަށް އެ ޤަބޫލު ކުރެވެނީ ﷲ ތަޢާލާ ނޫން ފަރާތަކަށް އެމީހަކަށް އެހީތެރިވެދެވިދާނެ ކަމަށެވެ. އެއީ ކާކަށް ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟
މީހުންނަށް ލިބޭ މާޔޫސްކަމުގައި ފަންޑިތަ ހަދާ މީހުން، ސިހުރުހަދާ މީހުން، ފާލަބަލާ މީހުންގެ ގާތަށް ގޮސް އެހީތެރިކަން ހޯދައެވެ. އެފަދަ އެއްވެސް މީހެއްގެ އެހީތެރިކަން ހޯދުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ނަމަވެސް އެކަން ކުރާ މީހުން އެބަތިއްބެވެ. އެފަދަ މީހުންނަށް އެމީހުންގެ ބަސްތައް އެހަިފަސޭހައިން ޤަބޫލުކުރެވެނީ އެހީއަށް އެދިގެން ދިއަ މީހާގެ ބައެއް މަޢުލޫމާތު އެމީހުން ހާމަކުރާތީއެވެ. އެހިސާބުން ހިތަށް އަރަނީ އެމީހަކީ ވަރަށް މޮޅު މީހެއް ކަމަށާއި ވަރަށް ގިނަ ކަންތައްތަކެއް އެނގޭ މީހެއް ކަމަށެވެ. އަދި އެ މައުލޫމާތު އެމީހާއަށް އެނގުނީ އެމީޙެއްގެ ކިބައިވާ ޚާއްޞަ ކަމަކުން ކަމަށެވެ.
މީސްތަކުންނޭވެ! އެއީ އެއްގޮތަކަށްވެސް އެހެންވާ ކަމެއް ނޫނެވެ. ކޮންމެ އިންސާނަކާއިއެކު މަލާއިކަތުން ތިއްބަވާފަދައިން ކޮންމެ އިންސާނަކާއިއެކު ޝައިޠާނަކުވެސް ހުންނާނެއެވެ. އެމީހާއަށް މައުލޫމާތު އަނގައިދެނީ އެ ޝައިޠާނާއެވެ. ސިހުރުވެރިންގެ ނުބައިކަން ހައްދުފަހަނައަޅައި ދިއުމުން އެމީހުންނާއި ޝައިޠާނުންނާއި އޮންނާނީ ގުޅިފައެވެ. އެހެންކަމުން އެފަދަ މީހުން ދައްކަންވީ ވާހަކަ ޝައިޠާނާ ބުނެދެނީއެވެ. އެއީ އެބަސްތަކުގެ ސަބަބުން ކަމުގައި އެދިގެން ދިއަ މީހާ އިސްލާމް ދީނުން ބޭރުކުރުމަށެވެ. ވީމާ ފަށަމުން ބަޔާންކުރި އެއްވެސް މީހެއްގެ ވާހަކަ އަޑު އެހުމަކީ ވެސް ވަރަށް ނުރައްކައުތެރިކަމެކެވެ.
ތިބާގެ އެންމެ ކުޑައިރުންސުރެ އެ ޝައިޠާނާ ތިބާ އާއިއެކުގައިވެއެވެ. ތިބާ މާކުރިން ކުރި ހުރިހާ ކަމެއްވެސް އެ ޝައިޠާނާއަށް އެނގޭނެއެވެ. ވީމާ ތިބާގެ ވާހަކަތައް ތިބާއަށް ޤަބޫލުކުރެވޭ ފެންވަރަށް ކިޔައިދިނުމަކީ ޝައިޠާނާއަށް އެއްވެސް އުނދަގޫ ކަމެއް ނޫނެވެ.
މުސްލިމުންގެ ތެރެއިން ގިނަ ބައަކު އެމީހުންގެ އަމިއްލަ ދަރިން ކައިވެނިކޮށްގެން އުޅޭ މީހާ އާއި ދުރުކުރުވުމަށްވެސް މިފަދަ މީސްމީހުންގެ އެހީތެރިކަން ހޯދައެވެ. އެފަދަ ބެލެނިވެރިން އެކުރަނީ ވަރަށް ބޮޑު ފާފައެކެވެ. އެއްވެސް މީހެއްގެ ކައިވެނި ރޫޅުވަން އެއްވެސް ބާވަތެއްގެ ކަމެއް ކުރުމަކީ ވަރަށް ބޮޑު ނުބައި ކަމެކެވެ. ދަރިންގެ ކިބައިން ހިތް ހަމަ ނުޖެހޭ ކަމެއް ފެންނަނަމަ އޮތީ ކައިވެނި ރޫޅުވުމެއް ނޫނެވެ. އެކަމެއް އިޞްލާޙްމުރަން ނަޞޭޙަތް ދިނުމެވެ. ކައިވެނި ރޫޅުވަން އެއްވެސް ބާވަތެއްގެ މަސައްކަތެއް ކޮށްފިނަމަ އެއަރައިގްނެވެނީ ބޮޑުވެގެންވާ ފާފައަކަށެވެ.
ބައެއް މައިން ބަފައިން އެމީހުން ބޭނުންވާ މީހަކާއި ދަރިފުޅު ކައިވެނި ކުރުވަން ބޭނުންވެގެންވެސް ސިހުރުވެރިންގެ އެހީތެރިކަން ހޯދައެވެ. އެކުރެވެނީވެސް ބޮޑުވެގެންވާ ފާފައެކެވެ. ދަރިފުޅު އަމިއްލައަށް ކައިވެނި ކުރާނެ މީހަކު ހޯދުމުން އެމީހަކާއި ހިތް ހަމަނުޖެހިގެން ނަމަވެސް ސިހުރުވެރިންގެ އެހީތެރިކަން ހޯދުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ. އަދި އެކަންވާނީ ދަރިފުޅަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށްވެސްމެއެވެ.
ދަރިފުޅު ކައިވެނިކުރަން އުޅޭ މީހާ އާއިމެދު ހިތްހަމަ ނުޖެހޭނަމަ ވިސްނައިދޭށެވެ. އަމިއްލައަށް އެކަން ނުކުރެވޭނަމަ އިތުބާރު ކުރެވޭ މީހަކު މެދުވެރިކޮށްގެންވެސް ވިސްނައިދޭށެވެ. ދަރިފުޅު އެކަން ޤަބޫލު ނުކުރި ނަމަވެސް ﷲ ތަޢާލާގެ އިންތަކުން ބޭރުވެގެން ނުވާނެއެވެ. ސިހުރު ހަދައިގެން ނުވާނެއެވެ. ތަޅައި އަނިޔާކޮށްގެން ނުވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން