އަހަރެންނަކީ އެމެރިކާ ސިފައިންގެ ތެރޭގައި އެތައް އަހަރަކު ޚިދުމަތް ކުރި މީހަކީމެވެ. އިސްލާމުންނާއިމެދު އިވެމުން އައި އަޑުތަކަށް ބަލައި ރުޅިގަދަވަމުން ގޮސް މަދުވެގެން 200 މީހުން މަރައިލެވޭނެ ގޮތަށް މިސްކިތެއް ގޮއްވާލަން ރާވަމުން ދިއައިމެވެ. އެކަން ކުރަން ބޭނުންވާ ބޮން އަމިއްލަ ގޭގައި ހަދަމުން ދިއަ މީހަކީމެވެ.
އެކަންކަން ކުރީ އެކަން ކޮށްފިނަމަ ޖަލުގައި ބަންދުވާނެކަންވެސް އެނގިހުރެއެވެ. އެއިރު އަހަރެން ބޭނުންވީ ޖަލުގައި ބަންދުވާން ޖެހުނު ނަމަވެސް މުސްލިމުންނަށް ބޮޑު ގެއްލުމެއް ދިނުމަށެވެ. އަހަރެން އެމަސައްކަތް ކުރަމުން ގެންދިއައީ އެއްވެސް މީހަކަށް ނުއަންގައި ސިއްރުންނެވެ.
އެމަސައްކަތުގެ ތެރޭގައި އުޅެނިކޮށް އެއްރެއަކު އަހަރެންގެ އަނހެން ދަރިފުޅު ގެއަށް އައިސް މޫނުބުރުގާ އަޅައިގެންހުރި މުސްލިމް އަންހެނަކު އޭނާއަށް އެހީތެރިވެދިން ގޮތުގެ ވާހަކަ ކިޔައިދިނެވެ. އަދި ދަރިފުޅު އޭނާއަށް ވަރަށް ތަޢްރީފްވެސް ކުރިއެވެ. އެރޭ ނިދަން އޮވެގެން ވިސްނީމެވެ. ކުރަން މިއުޅެވެނީ ހަމަ ރަނގަޅުކަމެއް ބާވައެވެ! މުސްލިމުންނަކީ އެހައި ގޯސް ބައެއްގެ ގޮތުގައި ޤަބޫލުކުރެވިގެން މިއުޅެނީ ކީއްވެގެންބާވައެވެ!
ކޮންމެއަކަސް އަނެއް ދުވަހު ހެނދުނު ސިޓީގެ އިސްލާމިކް ސެންޓަރަށް ދިއައިމެވެ. އަދި މި އައީ ޤްރުއާނުގައި އޮތް އެއްޗެއް އޮޅުންފިލުވަންވެގެން ކަމަށްވެސް ބުނީމެވެ. އެމީހުން ދިނީ ޚަޠިމެކެވެ. ދީފައި ބުނީ އެއްވެސް ކަމެއް އޮޅުން ނުފިލައިފިނަމަ އެމީހުންނާއި ސުވާލުކުރުމަށެވެ. ދެން އެ ފޮތް ހިފައިގެން ގެއަށް ގޮސް ކިޔަންފެށީމެވެ. އެ ފޮތް ކިޔަންފެށިތާ 8 ހަފްތާ ފުރުނު ދުވަހަކީ އަހަރެން އިސްލާމް ދީނަށް ވަން ދުވަހެވެ. ޝަހާދަތް ކިޔައި އަހަރެންނަކީ އިސްލާމެއްކަން މުޅި ދުނިޔެއަށް އިއުލާނުކުރި ދުވަހެވެ.
މިއަދު އަހަރެންނަކީ ހަމަ އެކަނި ނަމާދުކޮށްލައިގެން ހުރި މުސްލިމަކީމެއް ނޫނެވެ. އަހަރެންނަކީ އެނގޭ މިންވަރަކުން އެހެން މީހުންނަށް އިސްލާމް ދީން އޮޅުންފިލުވައިދީ ދީނަށް ދައުވަތުދެމުން ގެންދާ މީހެކެވެ. އަހަރެން އަހަރެންގެ މިވާހަކަކޮޅު ހާމަ މިކުރީ އެންމެ ބޭނުމަކުއެވެ. އިސްލާމް ދީނުގެ ހަޤީޤަތް ނުއެނގި ތިބެ ގިނަ ބައަކު އިސްލާމް ދީނަށް ނަފްރާތީ ފުރަތަމަ އިސްލާމް ދީނުގެ ހަޤީޤަތް އޮޅުންފިލުވުމަށް ނަޞޭޙަތްތެރިވުމަށެވެ.
- މިއީ އިސްލާމް ވުމުގެ ކުރިން އެމެރިކާގެ ކުރީގެ ސިފައިންގެ މީހަކު ބުނެފައިވާ ބަސްކޮޅެކެވެ.