ބައެއް މީހުން ﷲ ތަޢާލާ އަށާއި އެކަލާނގެ ރަސޫލް (ޞޢވ) އަށް އަދި ކީރިތި ޤްރުއާނުގެ ޢާޔަތްތަކަށް ހަޖޫ ޖަހައި ފުރައްސާރަކުރެއެވެ. އެއީ ރަސޫލް (ޞޢވ)ގެ ޒަމާނުގައި މުނާފިޤުން ކޮށްއުޅުނު ކަމެކެވެ. ﷲ ތަޢާލާ އަށާއި އެކަލާނގެ ރަސޫލް (ޞޢވ) އަށާއި އަދި ކީރިތި ޤްރްއާނުގެ ޢާޔަތްތަކަށް ހަޖޫ ޖަހައި ފުރައްސާރަ ކުރާ މީޙުންނާއިމެދު އޮތް ޙުކުމް ބަޔާން ކުރާނީ ދީނީ ޢިލްމުވެރިންއެއް ނޫނެވެ. އެމީހުންނަސް އޮތް ބަސްފުޅު ތައުބާ ސޫރަތުގެ މި ދެ އާޔަތުންވެސް ފުދެއެވެ.
"ހަމަކަށަވަރުން ކަލޭގެފާނު އެއުރެންނާއި ސުވާލު ކުރައްވަވައިފި ނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރުކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައި މީހުން ތިއަ މަލާމާތްކޮށް އުޅުނީ، ﷲ އާއި އެކަލާނގެ އާޔަތްތަކާއި، އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟ (65) ތިއަބައިމީހުން ޢުޛްރު ނުދައްކާށެވެ! ތިއަބައިމީހުން އިމާންވުމަށްފަހު، ތިއަބައިމީހުން ތިއަތިބީ ކާފިރުވެފައިކަން ކަށަވަރެވެ. ތިއަބައިމީހުންގެ ތެރެއިން ބައަކަށް ތިމަން ރަސްކަލާނގެ ޢަފޫ ކުރެއްވެވި ނަމަވެސް، އަނެއް ބައަކަށް ތިމަން ﷲ ޢަޛާބު ދެއްވަވަމުއެވެ. އެއީ އެއުރެން ކުށްވެރި ބައަކުކަމުގައިވީ ކަމަށްޓަކައެވެ. (66)"
މި 2 ޢާޔަތް ބާއްވަވައި ލެއްވެވީ މުނާފިޤުން މިފަދަ އަމަލުތައް ކުރާކަން އެނގިގެން ރަސޫލް (ޞޢވ) އެމީހުން ގެންނަވައި ސުވާލު ކުރެއްވެވުމުން އެއީ ތިމަންނަމެން ހަމަ މަޖަލަކަށް ކޮށްލި ކަމެއް ކަމަށް ދެންނެވުމުންނެވެ.
ﷲ ތަޢާލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫ ޖެހުމުގެ މާނައިގައި ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް އިންކާރުކުރުން ހިމެނެއެވެ. ކީރިތި ޤްރުއާނުގެ ޢާޔަތްތައް ދޮގުކުރުންވެސް ހިމެނެއެވެ. ކީރިތި ޤްރްއާނުގެ އާޔަތްތަކާއި ދެކޮޅަށް ޖަދަލުކުރުންވެސް ހިމެނެއެވެ. ވީމާ މިއީ މިކަމުގެ ދާއިރާ ވަރަށް ބޮޑަށް ފުޅައުވެގެންވާ ކަމެކެވެ.
ކީރިތި ޤްރުޢާނުގެ ޢާޔަތެއްގައި ބަޔާން ކުރައްވާފައިވާ ކަމެއް ނުވަތަ އާޔަތުގެ މާނަ ހަމަ ކިޔާލާއިރަށް ފަހުމް ނުވެދާނެއެވެ. މީހަކަށް ކަމެއް ފަހުމް ނުވުމަކީ ނުވަތަ އާޔަތުގެ މާނަ ނުއެނގުމަކީ އާޔަތަށް އިންކާރުކޮށް ފުރައްސާރަކުރަން ޖެހޭ ސަބަބެއް ނޫނެވެ. ނުއެނގިއްޖެނަމަ އިތުރު ތަފްޞީލު ހޯދާށެވެ! ދިނީ ޢިލްމުވެރިން ގާތަށް ގޮސް ސުވާލުކުރާށެވެ! އޮޅުނ ފިލުވާށެވެ!
ބައެއް ފަހަރު ނުއެނގި ތިބެ ސުވަރުގެ އާއި ނަރަކައަށް އެބަ ޖޯކް ޖަހައެވެ. އެއީ ﷲ ތައާލާ އުފައްދަވާފައިވާ ތަންތަނެވެ. އެތަންތަނުގެ ވާހަކަތައް ﷲ ތަޢާލާ ވަނީ ކީރިތި ޤްރުއާނުގައި ބަޔާން ކުރައްވަވާފައެވެ. ވީއިރު ޖޯކް ޖަހައި މެސެޖުތައްކޮށް ހެދުމަކީ ކާކަށް ކުރެވިގެންވާނެ ކަމެއް ހެއްޔެވެ؟
މިފަދަ މެސެޖެއް ލިބިއްޖެނަމަ ރައްދުގައި ކީރިތި ޤްރްއާނުގައި އޮތް އިތުރު ތަފްޞީލް އެނގޭ އާޔަތް އެމީހަކަށް ފޮނުވާށެވެ. އެކަން ކުރުމުގެ ޤާބިލުކަން އެމީހެއްގެ ކިބައިގައި ނެތް ނަމަ އެފަދަ މީހުން ފޮނުވާ މެސެޖްތައް ނުކިޔާށެވެ! އެހެނީ މިފަދަ ކަމެއްގެ ސަބަބުން ތިމާ ހަލާކުގެ ތެރެއަށް ވެއްޓި މުޞީބާތްތައް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.
މިފަދަ ކަންކަން ކުރުމަށްފަހު ދެއްކޭނެ އެއްވެސް ޢުޛުރެއް ނެތްކަން ކީރިތި ޤްރުއާނުން އެއޮތީ ފެންނާށެވެ! "ތިއަބައިމީހުން އިމާންވުމަށްފަހު، ތިއަބައިމީހުން ތިއަތިބީ ކާފިރުވެފައިކަން ކަށަވަރެވެ." ވަޙީ ކުރައްވަވާފައި އޮތުމުން އެފަދަ ކަންކަން ކުރާ މީހުންނަކީ އީމާންވުމަށްފަހު ކާފިރުވެގެން ތިބި މީހުންކަން އެއޮތީ ވަރަށް ސާފުކޮށްގެން އެނގޭށެވެ! އިތުރަށް މީހަކު ދައްކާނެ އެއްވެސް ވާހަކައެއް ނެތެވެ! ވީމާ މިފަދަ އެއްވެސް ކަމެއްގައި ބައިވެރިވެ، ކާފިރުވެދާނެ އެންމެހައި ކަންކަމުން ދުރުހެލިވެގެން ތިބުމަށް ނަޞޭހަތެރިވެ ވަޞިއްޔަތް ކުރަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން
"އަހަރެން ބުނީ މިހެންނޭ، ކުރީ ރީޓްވީޓެކޭ" ބުނާ މީހުންނަށް މި ވާހަކަކޮޅުން އިބްރަތެއް ލިބޭނެ ކަމަށް އުންމީދުކުރެވެއެވެ!