ކުރީ ޒަމާނުގައި ހަނގުރާމަތައްކޮށް، ތަޅާފޮޅައި ޒުވާބުކޮށް އުޅުނީ ޤަބީލާތަކުގެ މެދުގައި އޮތް ވާދަވެރިކަމާއި ފިތުނަވެރިކަމުގައެވެ. ހަމަ އެކަނި ޖަމަލަކަށްޓަކައި ނުވަތަ މުދަލަކަށްޓަކައިވެސް އެމީހުން އެތައް އަހަރެއް ވަންދެން ތަޅާފޮޅައި ހަނގުރާމަކޮށް ލޭ އޮހޮރުވައި އުޅުނެވެ. ހަމައެކަނި ތިމާ ނިޞްބަތްވާ ޤަބީލާއަށް ނަޞްރުދިނުމުގެ ގޮތުންނެވެ.
މިއަދު އެކަން މިވަނީ ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމަށް ބަދަލުވެފައެވެ. ތިމާ ތާއީދުކުރާ ޕާޓީގެ ފިކުރު މަތިކުރުމަށް މަސައްކަތް ކުރަނީއެވެ. ޕާޓީން ނިންމާ ކަންކަމަކީ ޙައްޤު ގޮތް ނޫން ކަމުގައިވީނަމަވެސް ނެއެވެ.
ﷲ ތަޢާލާ އަންގަވާފައިވަނީ އިސްލާމް ދީނުގައިވާ ހައްޤު ގޮތް ނޫން ގޮތްތައް ބަލައި ނުގަތުމަށެވެ. އެފަދަ ކަންކަމުގެ ތެރެއަށް ނުވަނުމަށެވެ. ﷲ ތައާލާ ވަނީ މީސްތަކުން ބައިބައިބައިވެ ޢަދާވާތްތެރިކަމުގެ ސަބަބުން) ނަރަކައިގެ ތުންފަތްމަތީގައި ވަނިކޮށް (އިސްލާމް ދީން ބާވައިލައްވަވައި އެދީނުގެ ސަބަބުން) މީސްތަކުން އެކުވެރި ކުރައްވަވައި ނަރަކައިން ސަލާމަތްކޮށްދެއްވަވައިފައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ އެކަލާނގެ ބާވައިލެއްވެވި ދީނުގައި ހިފެހެއްޓުމަށާއި ބައިބައިވެ ނުގަތުމަށެވެ. ﷲ ތައާލާ ދެއްވަވާފައިވާ ނިޢްމަތްތައް ހަނދުމަކުރުމަށެވެ.
--ރޭގެ މަޣްރިބް ނަމާދަށްފަހު އިބްރާހީމީ މިސްކިތުގައި ޝައިޚް އާދަމް ނިޝާން ދެއްވި ދަރުސުން
ޝައިޚް އާދަމް ނިޝާންގެ ދަރުސްގައިވަނީ މީސްތަކުންގެ މުދަލަށް އަރައިގަތުމާއި ގެއްލުން ދިނުމާއި މީސްތްކުންގެ އަބުރަށް އަރައިގަތުން ފަދަ ކަންކަން ކުރުމަކީ ﷲ ތަޢާލާއަށް އިމާންވެގެން ހުރި މީހަކު ކުރާނެ ކަންކަން ނޫން ކަމުގައި ބަޔާން ކުރައްވަވައިފައެވެ. އެހެންކަމާއިއެކުވެސް ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމުގެ ތެރެއިން މިފަދަ ކަންކަން ހިނގުން ޢާންމުވަމުންދާކަން ފާހަގަކުރެވެއެވެ.