ﷲ ރުހިވޮޑިގަންނަވާ އަމަލުތައް އިންސާނުން ކުރުމުން ފަޚުރުވެރިވެވޮޑިގެން އެކަމުގެ ވާހަކަ ﷲ މަލާއިކަތުންނާއި ދައްކަވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ﷲ ރުހިވޮޑިގަންނަވާ އަމަލުތައް އިންސާނުން ކުރުމުން ފަޚުރުވެރިވެވޮޑިގެން އެކަމުގެ ވާހަކަ ﷲ މަލާއިކަތުންނާއި ދައްކަވަނީ ކީއްވެ؟

އިންސާނުން ﷲ ތަޢާލާ ރުހިވިޑިގަންނަވާ އަމަލުތައް ކުރުމުން އެކަމަށް ފަޚުރުވެރިވެވޮޑިގެން އެކަމުގެ ވާހަކަ މަލާއިކަތުންނާއި ދައްކަވައެވެ. އެކަން އަހަރެމެންނަށް ނުއެނގެނީއެވެ. ނުފެންނަނީއެވެ. ނަމަވެސް އެއީ ހިނގަމުންދާ ކަމެކެވެ. ސުވާލަކީ އިންސާނުން ﷲ ތަޢާލާ ރުހިވިޑިގަންނަވާ އަމަލުތައް ކުރުމުން އެކަމަށް ފަޚުރުވެރިވެވޮޑިގެން އެކަމުގެ ވާހަކަ މަލާއިކަތުންނާއި ދައްކަވަނީ ކީއްވެތޯއެވެ؟ 

މިކަމުގެ ތަފްޞީލުތައް ތަފްސީރު ޢިލްމުވެރިން ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. ﷲ ތަޢާލާ އިންސާނުން އުފައްދަވައި ބިމުގައި ލައްވަވަން އުޅުއްވަވާ ކަމުގެ ޚަބަރު މަލާއިކަތުންނަށް ދެއްވެވުމުން ބިމުގައި ﷲ ތަޢާލާއަށް އުރެދި ފަސާދަ ކުރާނެ ބައަކު ލައްވަވަނީތޯ މަލާއިކަތުން ވަނީ ސުވާލު ކުރައްވަވައިފައެވެ. ޖަވާބު ދެއްވަވަމުން ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ މަލާއިކަތުންނަށް އެނގިވަޑައި ނުގަންނަވާ ކަންކަން ތިމަން ﷲ ދެނެވޮޑިގެންވާ ކަމަށެވެ. 

ވީމާ މީސްތަކުން ހެޔޮ އަމަލުތައްކޮށް ﷲ ތަޢާލާއަށް ޛިކުރުކުރުންމަތީގައި ތިބޭވަގުތު އެކަމަށް ފަޚުރުވެރިވެވޮޑިގެން އެކަން މަލާއިކަތުންނަށް އަންގަވަނީއެވެ. ޚާއްޞަކޮށް ގިނަ ބައަކު އެއްތަނަކަށް އެއްވެ ޛިކުރުކުރާނަމަ އެކަމަށް ބޮޑަށް ފަޚުރުވެރިވެވޮޑިގަންނަވައެވެ. އަދި މަލާއިކަތުންނަށް ވަޙީކުރައްވަވަތެވެ. "ނިކަން ދެކިބަލާށެވެ. މީސްތަކުން އެތިބަ ތިމަން ﷲ ގެ މަތިން ހަނދުމަކޮށް ޛިކުރުކުރަނީއެވެ."

މިކަމުން ވެސް އެނގިގެންދަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކުރުކުރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ މުހިންމުކަމެވެ. ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާ އަޅުންގެ ތެރޭގައި ހިމެނުމަށް ގަދައަޅައި އެފަދަ މަޖިލިސްތަކުގައި ބައިވެރިވަން މަސައްކަތްކުރާށެވެ. ދީނީ ނަޞޭޙަތްދޭ މަޖިލިސްތަކުގަ އާއި ދުޢާކުރާ މަޖިލިސްތަކުގައި ގިނަގިނައިން ބައިވެރިވާށެވެ. ޖަމާޢަތުގައި ނަމާދުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ފަޚުރުވެރިވެވޮޑިގަތުން އެމީހަކަށް ލިބިއްޖެ މީހަކަށްވުރެ ބޮޑު ބާއްޖަވެރިއަކީ ކާކު ހެއްޔެވެ؟ ވީމާ އެފަދަ ބާއްޖަވެރިންގެ ތެރޭގައި ވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން