ނަރަކައިގެ އަލިފާންގަނޑަކީ ޤިޔާމަތް ދުވަހު ރޯކުރެވޭ އަލިފާންގަނޑެއް ނޫނެވެ. ނަރަކައިގެ އަލިފާންގަނޑު ވަނީ މީގެ އެއްތައެތައް ބިލިއަން އަހަރުތަކެއް ކުރިން ރޯކުރެވިފައިއެވެ. އެއިރުންސުރެ އެ އަލިފާންގަނޑު އަންނަނީ އަނދަމުންނެވެ. މިކަމުގެ ޙިކުމަތަކީ ނަރަކައިގެ އަލިފާނުގެ ހޫނިމިން ގަދަވެފައިވުމެވެ.
މީސްތަކުންނޭވެ! ނަރަކައިގެ އަލިފާނަކީ މިދުނިޔޭގައި މިފެންނަ ފަދަ ރީނދޫ ކުލައިގެ ނޫނީ އޮރެންޖުކުލައިގެ އަލިފާނެއް ނޫނެވެ. ހޫނުގަދަކަމުންގޮސް ނަރަކައިގެ އަލިފާންގަނޑު ހުންނާނީ ކަޅުކުލައިގައެވެ. ނަރަކައިގެ އަލިފާނުގެ ހޫނު މިނާއި އަޅައި ބަލައިފިނަމަ މިދުނިޔޭގައި މިގެންގުޅޭ އަލިފާނަކީ އަލިފާނެއް ނޫނެވެ! އެހެނީ ނަރަކައިގެ އަލިފާނުގެ ހޫނުމިން 70 ގުނަ އިތުރުވާނެއެވެ. އަދި 100 ގުނަ އިތުރުވާނެ ކަމަށްވެސް އެބައޮތެވެ. ނަރަކައަށް އެޅޭނީ ޖިންނީންނާއި އިންސާނުންނެވެ. ގިނައިން އެޅުނު ވަރަކަށް ހޫނުމިން ދާނީ ގަދަވަމުންނެވެ.
ނަރަކައިގެ ސައިޒަށް ބަލައިފިނަމަ އެއީ ބިޔަވެގްންވާ ތަނެކެވެ. ދުނިޔެ ފެށުނީންސުރެ ދުނިޔެ ނިންމެންދެން ދުނިޔޭގައި އުޅޭނެ އެންމެންގެ ތެރެއިން ކޮންމެ 1000 އަކުން 999 މީހުންނާއި ﷲ ތަޢާލާ ފިޔަވައި މީސްތަކުން އަޅުކަން ކުރަން ގެންގުޅުނުހައި ތަކެތި އެޅުމުންވެސް ނުފުރޭނީ ކިހައި ބިޔަވީމައި ހެއްޔެވެ؟ އަދި ނަރަކައިގައި ތިބޭ މީހުންނަށް އަނިޔާކޮށް ގެއްލުންދޭނެ ބޮޑެތި ހަރުފަތަކާއި އެހެންވެސް ބިރުވެރިހައި ތަކެތި ނަރަކައި އުޅޭނެއެވެ.
ޤިޔާމަތް ދުވަހު މީސްތަކުންނާއި ނަރަކަ ކައިރި ކުރެވޭނެއެވެ. ނަރަކަ ރުޅިގަދަވެފައި ހުންނަވަރުން ނަރަކަ މައިތިރި ކުރުމަށް 70000 ޗޭނު ޖެހިފައި ހުންނާނެއެވެ. ކޮންމެ ޗޭނެއްގައި 70000 މަލާއިކަތުން ތިއްބަވާނެއެވެ. ނަރަކަ އެހައި ރުޅިގަދަވެފައި ހުންނަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ޤިޔާމަތް ދުވަހު ﷲ ތަޢާލާ ކޯފާވެވޮޑިގެން ހުންވާވަރު ބޮޑުކަމުންނެވެ.
ނަރަކަ އާއި ނަރަކައިގައި ލިބިގެންދާނެ އަޒާބުގެ ގަދަފަދަ ކަމާއި ބިރުވެރިކަމުގެ ވާހަކަތައް ވަރަށް ގިނަ އެވެ. އަދި އެވާހަކަތައް އެންމެންވެސް އަޑުއަހަމުއެވެ. ނަމަވެސް މައްސަލައަކީ އަޑު އިވުނު ނަމަވެސް ބިރު ނުގަނެވޭތީއެވެ! ދޭން ޖެހޭ ސަމާލުކަން ނުދެވޭތީއެވެ. އެކަންކަން ހިތްމައްޗަށް ގެނެވޭނަމަ ހަމަ އެކަކުވެސް ﷲ ތަޢާލާ ނަހީ ކުރެއްވެވި އެންމެ ކަމެއް ވެސް ނުކުރާނެއެވެ! ވީމާ މިފަދަ ވާހަކަތައް ގިނަގިނައިން އަޑުއަހާށެވެ! އަދި ނަރަކައިން ސަލާމަތްވުމަށް ގިނަގިނައިން މަސައްކަތްކުރާ ބައަކަށްވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން