މިހާރަކަށް އައިސް މީސްތަކުންނަށް ތަޢްރީފް ކުރުމުގައި ޘަނާގެ ބަސްތައް ކިޔަމުން ގެންދެއެވެ. މީހަކު ތައްރީފް ޙައްޤު ކަމެއް ކޮށްފިނަމަ އެކަމަކަށް ތައްރީފް ކުރި ނަމަވެސް އެއްވެސް މީހަކަށް ޘަނާގެ ބަސްތައް ކިޔުމެއް ނެތެވެ. ޘަނާގެ ބަސްތައް ކިޔައި ޚުޝާމަދު ކުރުމަކީ މީސްތަކުން މަގުފުރެދުމަށް މަގުފަހިވެގެންދާ ސަބަބެކެވެ.
މީހަކު ރަނގަޅު ކަމެއް ކޮށްފާނެއެވެ. ނަމަވެސް ކޮންމެ މީހެއްގެ ކިބައިގައިވެސް އުނި ސިފަތަކެއްވެސް ހުންނާނެއެވެ. ވީމާ އެއްވެސް މީހަކީ ހުރިހާ އުނި ސިފަތަކުން ސަލާމަތްވެގެންވާ މީހެއް ނޫނެވެ. އެންމެހައި އުނި ސިފަތަކުން ސަލާމަތްވެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ ވާހަކަ ދައްކާއިރު މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ.
މީސްތަކުންނަށް ތައްރީފްކުރުމުގައި ހައްދުފަހަނައަޅައި ދިއުމަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ. އެގޮތަށް ތަޢްރީފް ކުރުމުން ތައްރީފް ކުރާމީހާ ނުއެނގި ހުރެ ނަމަވެސް ވެއްޓިގެން އެދަނީ ފުން ވަޅުގަނޑަކަށެވެ. އަދި މީސްތަކުންނަށް އޮތީ އެފަދަ ބަސްތައް އަޑުވެސް ނުއެހުމެވެ. ހަމައެއާއިއެކު އެފަދަ ބަސްތައް ބުނާނަމަ އެމީހަކު އެކަމުން ސަލާމަތްކޮށްދިނުމުގެ ގޮތުން އެކަން ހުއްޓުވަން މަސައްކަތް ކުރަންވެސް ވާނެއެވެ.

"ހަމްދް ހުރީ (އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވެގެންވަނީ) އުޑުތަކާއި ބިން ހައްދަވައި އަނދިރިކަމާއި، އަލިކަން ދެއްވެވި ﷲ އަށެވެ. ދެންވެސް ކާފިރުވި މީހުން އެއުރެންގެވެރި ރަސްކަލާނގެއާއި، އެހެންތަކެއްޗާއި ހަމަހަމަކޮށް ޝަރީކު ކުރެތެވެ." (އަންޢާމް ސޫރަތުގެ 1)