ޤްރުއާނަށް ލޯބިކުރާކަމަށް ބުނުމުގެ ޝަރުޠު ހަމަނުވާ މީހަކު އެފަދަ ބަހެއް ބުނުމުން ލިބޭނީ އިތުރު ޢަޛާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ޤްރުއާނަށް ލޯބިކުރާކަމަށް ބުނުމުގެ ޝަރުޠު ހަމަނުވާ މީހަކު އެފަދަ ބަހެއް ބުނުމުން ލިބޭނީ އިތުރު ޢަޛާބު!

ސުވާލުކޮށްފިނަމަ ކޮންމެ މުސްލިމަކު ވެސް ބުނާނީ ކީރިތި ޤްރުއާނަށް ލޯބިކުރާ ކަމަށެވެ. އަދި މީހަކު ސުވާލެއް ނުކުރި ނަމަވެސް ކީރިތި ޤްރުއާނަށް ލޯބިކުރާ ކަމަށް ބުނެއެވެ. އަދި އެއިގެ އިތުރުން "އައި ލަވް ޤްރުއާން" ލިޔެފައި ހުންނަ ރީތި ތަޞްވީރުތައްވެސް ގޭގައި ބަހައްޓައި އުޅެއެވެ. މިޒަމާނުގައި އެފަދަ ތަޞްވީރެއް ގޭގައި ބެހެއްޓުމަކީވެސް ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެއީ ގެއަށް ޒިޔާރަތްކުރާ އެހެން މީހުންނަށް އެ މެސެޖު ލިބުމުން ކޮށްފާނެ ފައިދާއެއް އޮތުމުންނެވެ. 

ނަމަވެސް ވިސްނަން ޖެހޭ ކަމަކީ ކީރިތި ޤްރްއާނަށް ލޯބިކުރުމަކީ ބަހައްޓާ ޕޯސްޓަރަކުން ނުވަތަ ދުލުން ބުނާ ބަހަކުން ކުރެވޭނެ ކަމެއް ނޫނެވެ. ކީރިތި ޤްރުއާނަށް ލޯބިކުރާނަމަ އެ ފޮތް ކިޔަވަން ޖެހެއެވެ. އެފޮތުގައި ބުނާއެއްޗެއް އެނގެން ޖެހެއެވެ. އަދި އަމަލުވެސް ކުރަންޖެހެއެވެ. އެއިގެ އިތުރުން ތިމާގެ އަނބިދަރިންނަށާއި ބެލެނިވެރިކަމުގައި ތިބި ބައަކަށާއި އަދި އެހެން މީހުންނަށް ކީރިތި ޤްރުއާން އުނގަންނައިދޭން މަސައްކަތްވެސް ކުރަން ޖެހެއެވެ. ޢިލްމު ހުރި ނަމަ ޢިލްމުންނެވެ. ތަނަވަސްކަން ހުރިނަމަ ފައިސާއިންނެވެ. އަދި އެވަރުވެސް ވާން ނެތްނަމަ އެހެން މީހުންނަށް ހިތްވަރު ދީގެންނެވެ. 

މިތަނުގައި އެއްވެ ތިބި މީހުންގެ އަދަދު ދެ ތިން ހާހަށް އަރާނެއެވެ. ނަމަވެސް ކީރިތި ޤްރުއާނުން ހިތުދަސްކޮށްފައި ވަނީ ކިހައި މިންވަރެއްތޯ ސުވާލުކޮށްފިނަމަ ލަދުގަންނަން ނުޖެހޭނެ މީހަކު ވަރަށް މަދުވާނެއެވެ. މާނަ އެނގޭ މިންވަރާއިމެދު ސުވާލުކޮށްފި ނަމަވެސް ހަމަ ވާނީ އެގޮތެވެ. އެންމެ ގިނައިން ކިޔައި އުޅޭ ކާފިރޫން ސޫރަތާއި އިޚްލާޞް ސޫރަތުގެ މާނަ އެނެގެނީ ކިތައް މީހުންނަށްތޯ އެހި ނަމަވެސް މެއެވެ. ދެން ނިކަން ބުނެބަލާށެވެ! ކީރިތި ޤްރުއާނަށް ލޯބިކުރާ ކަމަށް ބުނުމުގެ އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ 

ނަމަވެސް މަޝްހޫރު މިވެނި ލަވައެއް އެނގެނީ ކިތައް މީހުންނަށްތޯ ސުވާލުކޮށްފިނަމަ ގިނަ ބައަކަށް އެނގޭނެއެވެ. އަލްޙަމްދު ބާވައިލެއްވެވުނީ ކޮންރަށެއްގައިކަން ނުއެނގުނު ނަމަވެސް ލަވަކިޔާފައިވާ މީހާ އާއި ލަވައިގެ އުމުރުވެސް އެނގޭނެއެވެ. އަލްޙަމްދުގައި ވަނީ ކިތައް އާޔަތްތޯ ސުވާލުކޮށްފިނަމަ އަދަދު ހޯދަން ސޫރަތް ކިޔަވައި އިނގިލިމަޅަން ޖެހުނު ނަމަވެސް ލަވައިގެ ހުރިހާ ތަފްޞީލުތަކެއް އެނގޭނެއެވެ. އެކަމަކުވެސް ބުނާނީ ހަމަ ކީރިތި ޤްރުއާނަށް ލޯބިކުރަމޭ ހެއްޔެވެ؟ 

ތިމާ ބޮޑުވެ ތަޝައްރަފު، ފުދި ނަމާދުކުރަމުން ގެންދާއިރު ނަމާދުގައި އާންކޮށް ކިޔަވާ ސޫރަތްތަކުގެ މާނަ ނުއެނގޭނަމަ އެކަން ވާނީ ވަރަށް ލަދުވެތިކަމަކަށް ނޫން ހެއްޔެވެ؟ ނަމަވެސް ސުވާލަކީ އެ ލަދުވެތިކަމުން ސަލާމްވެ ހުރީ މިއަދު ކިތައް މީހުން ހެއްޔެވެ؟ ކޮންމެއަކަސް ކީރިތި ޤްރުޢާނަށް ލޯބިކުރާ ކަމަށް ބުނުމުގެ ކުރިން މި ކިޔައިދިން ކަންތައްތަކާއިމެދު ފުންކޮށް ވިސްނައިލާށެވެ! އެއަށްފަހު ތިމާއަކީ އެފަދަ ބަހެއް ބުނަން ޝަރުޠު ހަމަވާ މީހެއް ކަމާއިމެދު އަމިއްލަ ނަފުސާއި ސުވާލުކޮށްލާށެވެ! ޝަރުޠު ހަމަނުވާނަމަ ބުނާ ބަސް ވާނީ ހެދޭ އިތުރު ދޮކަށެވެ! ދޮގު ހެދުމުން ލިބޭނީ އިތުރު އަޒާބެވެ! 

- މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން