އެއިރު އަހަރެން ހުރީ ހައްޖުވުމަށް ގޮސް މިނާގައެވެ. އިސްލާމް ދީނަށް މަތިވެރި ޚިދުމަތްތަކެއް ކުރަމުން ދިއަ މުޙައްމަދު ޔައްޤޫބް ޖަމާލް ނިޔާވި ޚަބަރު ލިބުމުން ކުރި އަސަރު ބުނެދޭކަށްވެސް ނުއެނގެއެވެ. މީހަކު ނިޔާވެގެން އެއަށްވުރެ ވަކިން ދެރަވި ހަނދާނެއް ނެތެވެ.
އެންމެ ފުރަތަމަ ޒުވާނާ އާއި ބައްދަލުވީ އޭނާގެ އުމުރުން އެންމެ 12 އަހަރުގައެވެ. ދީނުގެ ކަމަކަށް ފައިސާ ހޯދަން ބޭއްވި ހަފްލާއަކުންނެވެ. އެރޭ 5000 ޑޮލަރު ފަނޑަށް ހޯދާނެ ކަމަށް އެ ކުޑަ ކުއްޖާ ވަދުވުމުން ތިހައި ހަގު ކުއްޖަކު ތިހައި ގިނަ ފައިސާ ހޯދާނީ ކިހިނަކުންތޯ ސުވާލުކުރީމެވެ. ޖަވާބުގައި ބުނީ ފައިސާ ހޯދާ ގޮތާއިމެދު އިމާމް ކަންބޮޑު ނުވުމަށެވެ. ﷲ ތަޢަލާގެ ވާގިފުޅާއިއެކު ފައިސާ ހޯދާނެ ކަމަށެވެ. އޭނާ، އޭނާގެ ވައުދު ފުއްދިއެވެ.
މުޙައްމަދަކީ އިސްލާމް ދީނުގެ ކަންކަން އުނގެނުމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ބެހެއްޓި ޒުވާނެކެވެ. ޢިލްމުވެރިންނާއި ވަރަށް ގާތުން މަސައްކަތްކުރި ޒުވާނެކެވެ. އެ ހަގު އުމުރުގައިވެސް އެހެން މީހުންނަށް ދީނުގެ ބައެއް ކަންކަން އޮޅުންފިލުވައިދެވޭނެ ވަރަށް އޭނާ ވަނީ ކުރިއަރައިފައެވެ. އަދި އޭނާ ދިއައީ އެ މަސައްކަތްވެސް އަމަލީ ގޮތުން ކުރަމުންނެވެ.
އޭނާއަކީ އިސްލާމް ދީން މަތިވެރިކުރުމަށް ގަދައަޅައި މަސައްކަތްކުރި ކުއްޖެކެވެ. އޭނާ ޢާއިއެކު ޓީވީ ޕްރޮގްރާމްތައް ވެސް އުފައްދާފައިވާނެއެވެ. އޭނާ އުޅުނީ އެއްވެސް ބައްޔެއްގައެއްވެސް ނޫނެވެ. ހަމަ އަރާމުގައި ނިދާލާފައި އޮއްވާ ނިޔާވީއެވެ.
މިވާހަކަތައް މިދައްކަނީ މިކަމުން ޙާޞިލުކުރަން ޖެހޭ ވަރަށް މުހިންމު ޢިބްރަތްތަކެއް ހުރުމުންނެވެ. ކޮންމެ އުމުރުރެއްގައި ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމަށް ތައްޔާރުވެގެން ތިބުމުގެ މުހިންމުކަން ބަޔާން ކުރުމަށެވެ. މުޙައްމަދު ދުނިޔެ ދޫކޮށްފައި އެދިއަހައި މާތް ގޮތުގައި ދުނިޔެ ދޫކުރަން ހުރިހާ ކުޑަކުދިންނާއި ޒުވާނުން އަދި އެނޫން މީހުންވެސް ތައްޔާރުވެގެން ތިބުމުގެ މުހިންމުކަން ހާމަކުރުމަށެވެ.
މަރަކަށް ނުފިލޭނެއެވެ. ކޮންމެ ތަނެއްގައި ހުރި ނަމަވެސް ބައްދަލުކުރާނެއެވެ. ބައްދަލުކުރާނީ ކުރިން އެނގުމަކާއި ނުލައެވެ. ވީމާ އެންމެ ކުޑައިރުންސުރެ ވެސް މަސައްކަތްކުރަންވީ ދުނިޔެއިން ކަންތައްތަކެއް ޙާޞިލުކުރުމަކަށް ނޫނެވެ. ތައްޔާރުވާންވީ މަރާއި ކުރިމަތިލާން ޖެހިދާނެ ވަގުތަކަށެވެ.
މިވާހަކަކޮޅުން ގިނަ ބައަކަށް ޢިބްރަތެއް ޙާޞިލުވާނެ ކަމަށް އުންމީދު ކުރަމެވެ. ދުޢާއަކީ ﷲ ތާޢާލާ މުޙައްމަދުގެ ފާފަތައް ފުއްސަވައިދެއްވަވައި އޭނާގެ ފުރާނަ ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައި ލައްވަވައިދެއްވެވުމެވެ! ހަމަ އެޢާއިއެކު މުޙައްމަދު ފަދަ ކުދިންކަމުގައި އިސްލާމީ އުންމަތުގެ ހުރިހާ ކުދިންވެސް ލައްވަވައިދެއްވެވުމެވެ! އާމީން.
- މުހައްމަދު ހޮބޮލޮސްގެ ދަރުސަކުން