ތިރީސް ކައްވަޅު ކޮނުނުއިރުވެސް ހަރުފައިން ސަލާމަތެއްނުވި - ކައްވަޅުގެ ޢަޛާބަށް ޝައްކު ކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ތިރީސް ކައްވަޅު ކޮނުނުއިރުވެސް ހަރުފައިން ސަލާމަތެއްނުވި - ކައްވަޅުގެ ޢަޛާބަށް ޝައްކު ކުރަނީ ކީއްވެ؟

މީހަކު މަރުވެގެން ވަޅުލުމަށްޓަކައި 30 ކައްވަޅު ކޮނުނުއިރުވެސް ކޮނެ ނިންމާފައި ބަލައިލާއިރު ފުލުގައި އޮންނަނީ ބިޔަ ކަޅު ހަރުފައެކެވެ. ވިސްނާށެވެ. އެއް ވަޅެއް ދެ ވަޅެއް ނޫނެވެ. 30 ވަޅެވެ. ނަމަވެސް އެ ހަރުފައިން ސަލާމަތެއް ނުވެވުނެވެ. ދެން ހަދާނެ އެއްވެސް ގޮތެއް ނެތިގެން އިމާމް އަކާއި މަޝްވަރާ ކުރުމުން ވިދާޅުވީ ﷲ ތަޢާލާއަށް ވަކީލުކޮށްފައި އެތަނުން ވަޅެއްގައި ވަޅުލުމަށެވެ.  

ކުރިންވެސް މިހާދިސާ ވާނީ ސަމާލުކަމަށް ގެނެސްފައެވެ. މިއަދު ބޭނުންވަނީ އިތުރު ވިސްނައިލާށެވެ. ބުނެވޭ ގޮތުން ކޮންމެ ކައްވަޅެއްގައި ހަރުފައެއް އޮތީއެއް ނޫނެވެ. އެއްވަޅުން ހަރުފަ ފެނުމުން އެވަޅު ދޫކޮށްލާފައި ގޮސް މާދުރުން ވަޅެއް ކޮނެ ނިންމާއިރު އެވަޅުގައިވެސް އޮންނަނީ ހަމަ އެ ބިޔަ ކަޅު ހަރުފައެވެ.  

ނިކަން ވިސްނައިބަލާށެވެ. އެ ސަހަރާގައި އަބަދުވެސް މީހުން ވަޅުލައެވެ. މިފަދަ އެއްވެސް ކަމެއް ދުވަހަކުވެސް މެދުވެރިވެފައެއް ނުވެއެވެ. ހަމައެޢާއިއެކު ވިސްނައިލަން ޖެހޭ ކަމަކީ އެ ހިލަ ބިމުގައި އެއްވަޅުން އަނެއް ވަޅަށް އެ ހަރުފައަށް އެހައި ފަސޭހައިން ބަދަލުވެވުނު ސަބަބަށެވެ. ދުވެ ދަނީ ކިހިނެއް ހެއްޔެވެ؟ ބިމުގެ އަޑިން ހެއްޔެވެ؟ ބިންމަތީގައި ދުވާތަން ފެނިފައެއް ނުވެއެވެ. ވީއިރު އެއްވަޅުން އަނެއް ވަޅަށް ބަދަލަވީ ކިހިނަކުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ބިރުވެތިވާށެވެ! މިހިރީ ޢިބްރަތް ޙާޞިލުކުރަން ﷲ ތަޢާލާ އަހަރެމެންނަށް ދެއްވަވާ ފުރުޞަތުތަކެވެ. މިކަމުން އެނގިގެންދަނީ ކިތަންމެ ފުނަށް ކޮނެފައި ހަށިގަނޑު ވަޅުލި ނަމަވެސް ކައްވަޅުގެ ޢަޛާބުން ސަލާމަތް ނުވެވޭނެ ކަމެވެ. އެމީހަކަށް ލިބެންޖެހޭ ޢަޛާބުން އެއްވެސް މިންވަރެއް އުނި ނުވާނެ ކަމެވެ. ވީމާ އެކަމަށް ވިސްނަން ޖައްސަންވީ މަރުވުމުން ވަޅުލަން ވަޅުކޮންނަ މީހުންނަކަށް ނޫނެވެ. ނުވަތަ އެމީހެއްގެ ޢާއިލާއަކަށްވެސް ނޫނެވެ. އެކަމަށް ވިސްނަންވީ ދުނިޔޭގައި ހުރެ އެމީހެކެވެ. ކައްވަޅުގައި ކުރެވޭ 3 ސުވާލަށް ޖަވާބު ދިނުމުގެ ކުޅަދާނަކަން ހޯދަން މަސައްކަތްކުރުމަކީ އެމީހަކު ކުރަންޖެހޭ ކަމެކެވެ. ޖަވާބު ނުދެވިއްޖެނަމަ އެމީހަކު ވެގެންދާނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ޤަބޫލުކޮށް އެކަމަށް މަސައްކަތް ކުރަންވީ އެމީހެކެވެ. ކައްވަޅުގެ ޢަޛާބާއި ނަރަކައިގެ ޢަޛާބުން ސަލާމަތްވާން ދުނިޔޭގައި ހުރެ މަސައްކަތް ނުކޮށްފި މީހަކަށް އެކަންކަމުން ސަލާމަތެއް ނުވެވޭތީއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން