މިވެސް ދާދިފަހުން މީހަކު ކިޔައިދިން ވާހަކައެކެވެ. އަނބިމީހާ އެއްޗެތި ހިއްކަން އަޅާނެ ރޯނެއް ދަމައިދޭން އެދުމުން ރޯނެއް ދަމައިދިނީއެވެ. އަނބިމީހާ ހެދުން ހިއްކަން އަޅައި ނުނިމެނީސް އެއްކޮޅަށް ޖެހި މޮހޮރު އުފުރި ހެދުންތަކާއިއެކު ރޯނު ވެއްޓި ހުރިހާ ހެދުމެއްގައި ކިލާ އުނގުޅިއްޖެއެވެ. އަނބިމީހާއަށް ޖެހުނީ އަލުން ހެދުންތައް ދޮންނާށެވެ. އަދި އެހެން މީޙަކު ހޯދައިގެން އަލުން ރޯނުވެސް ދަމާށެވެ!
ނިކަން ބުނެބަލާށެވެ! މިހާލަތުގައި އަނބިމީހާއަށް ކަމެއް ކޮށްދެވުނު ކަމަށްވާނެ ހެއްޔެވެ؟ ނޫނީ ވާނީ އިތުރު ތަކްލީފެއް ޖެއްސުނު ކަމަށް ހެއްޔެވެ؟
ކާމިޔާބު މީހަކީ ކޮންމެ ކަމެއް ކުރި ނަމަވެސް އުނދަގުލާއިއެކު ނަމަވެސް ރަނގަޅު ފިޔަވަޅު އަޅާ މީހާއެވެ. ކަންކަން ކުރަން އޮންނަ އެންމެ ރަނގަޅު ގޮތުގައި ކުރާ މީހާއެވެ. މީސްތަކުން ތިބާ ކުރާ ކަންކަމަށް ސަމާލުކަން ނުދިން ނަމަވެސް، ބަލައި ނުގަތް ނަމަވެސް ތިމާ ކުރާ ކަންކަން އެންމެ އިޚްލާޞްތެރި ކަމާއިއެކުގައި ކުރާމީހާއެވެ. އަދި އެކަމެއް ކުރުމަށް ކިތަންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނުކަމުގައި ވީނަމަވެސް މެއެވެ.
ކަންކަން ކުރުމުގައި ބަލަން ޖެހޭނީ އެކަމެއް ކުރެވެން އޮތް އެންމެ ފަސޭހަ ގޮތަކަށް ކޮށް ނިންމައިލުމަކަށް ނޫނެވެ. އެކަމަކުން އެންމެ ބޮޑަށް ފައިދާ ކުރާނެ ގޮތަކަށް ކުރުމަށެވެ. އެންމެ ރަނގަޅު ގޮތުގައި ކުރަން އިތުރު ވަގުތާއި އިތުރު ހަކަތަ ވެސް ބޭނުންވާނެއެވެ. އިތުރު ވަގުތާއި އިތުރު ހަކަތަ ބޭނުންކޮށްގެންވެސް ކުރަން ޖެހޭނީ ހަމަ އެކަމަކުން އެންމެ ފައިދާ ހުރި ގޮތުގައެވެ.
މި އުޞޫލު ބޭނުން ކުރަން ޖެހޭނީ ހަމަ އެކަނި ދިރިއުޅުމުގެ ކަންކަމަކު ނޫނެވެ. އަޅުކަން ކުރުމުގައިވެސް މެއެވެ. ހަޤީޤަތަށް ބަލައިފިނަމަ މިއުޞޫލު އުފެދެނީ އަޅުކަން ކުރުމުގެ ތެރެއިންނެވެ. އެހެނީ މިސާލަކަށް ބުނާ ނަމަ މިސްކިތައް އަރައި ހަރަކާތްތަކެއް ކޮށްގެން ފޭބުމަކުން އަދި ނަމާދެއް ކުރި ކަމަކަށް ނުވެއެވެ. "ސުއިންސުއިން" ލައްވަމުން އެއްޗެތިތަކެއް ކިޔުމަކުން ކީރިތި ޤްރްއާން ކިޔެވި ކަމަކަށް ނުވެއެވެ. ކީރިތި ޤްރްއާން ކިޔެވިކަމަށްވާނީ އެކިޔަވާ އެއްޗެއް އެންމެ ކުޑަމިނުން އެމީހަކަށް ސާފުވާ ގޮތަށް ތަޖުވީދުމަގުން ކިޔެވުމުންނެވެ.
އަހަރެމެންނަށް ކުރަން ޖެހޭ ކަމަކީ އަޅުކަން ކުރުމަށް އަންގަވާފައި އޮތް ގޮތުން ޢިބްރަތް ޙާޞިލުކޮށް ކުރާ ކޮންމެ ކަމެއް ކުރުމުގައިވެސް އެގޮތަށް އަމަލުކުރުމެވެ. ކާމިޔާބު މީހަކަށް ވެވޭނީ އެއިރުންނެވެ. ކުރާ އަމަލުތައް ބޭކާރުވެގެން ނުދާނީވެސް އެއިރުންނެވެ.