ރަމަޟާން މަސް ދާދި ކައިރިވެއްޖެއެވެ. ރަމަޟާން މަހަކީ މުސްލިމުން ވީހައި ގިނައިން އަޅުކަންކުރާ މަހެވެ. ކީރިތި ޤްރްއާން ކިޔެވުން ގިނަ ކުރަމުއެވެ. ނަމާދުކުރުން ގިނަ ކުރަމުއެވެ. ރޭއަޅުކަން ކުރުންވެސް ގިނަކުރަމުއެވެ.
ރަމަޟާން މަސް އައުމުގެ ކުރިން އެ މާތް މައްސަރަށްޓަކައި އެކި މީހުން ތައްޔާރުވަނީ އެކި ގޮތަށެވެ. އެއްބައަކު އިތުރު އަޅުކަން ކުރަން ތައްޔާރުވަމުންދާއިރު ގިނަ ބައަކު ދުވަނީ ސޭލްތައް އަޅުވާފައިވާ ބޮޑެތި ފިހާރަތަކާއި ދިމާއަށެވެ. އެހެންކަމުން ވިސްނުންތެރިކަމާއިއެކު މިބަސްކޮޅު ނިކަން އަޑުއަހައިލަބަލާށެވެ.
ރަމަޟާން މަހަށް ތައްޔާރުވާން ކުރާ ހުރިހާ ކަމަކާއިއެކުވެސް ގިނަ ބައަކަށް ވަރަށް ބޮޑަށް އިހްމާލްވެވޭ އެއްކަމެއް އެބައޮތެވެ. އެއީ ޞަދަޤާތް ކުރުމެވެ. އެހެންކަމުން މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވާއިރު ވިސްނައިލުން މުހިންމު ބައެއް ކަންކަމާއި ވަރަށް ފަސޭހައިން ޞަދަޤާތް ކުރެވިދާނެ، ގޭގެ ޚަރަދުތަކަށް އުނިކަމެއް ނުގެނެސް ޞަދަޤާތް ކުރެވިދާނެ ގޮތް ކަމަށް އަހަރެންނަށް ވިސްނޭ ބައެއް ކަންކަން ބުނެދޭނަމެވެ. އަދި އެކަންކަން ކުރަންވީ ކީއްވެގެންކަން ވެސް ބުނެދޭނަމެވެ.
ފުރަތަމަ ކަމެއްގެ ގޮތުން މިއަހަރު ކޮންމެހެން ބަދަލުކުރަން ނުޖެހޭ ފަރުނީޗަރާއި ގޭތެރޭ ސާމާނާއި ބަދިގޭ ސާމާނު މިއަހަރު ބަދަލު ނުކުރާށެވެ. އެކަމަށް ހުރި ފައިސާ ރައްކާކުރާށެވެ. އެއަށްފަހު ކެއުމުގެ ޚަރަދުތައްވެސް ކުޑަކުރެވެން އޮތް ވަރަކަށް ކުޑަކުރާށެވެ. މިސާލަކަށް ދުވާލަކު ދެ ވައްތަރުގެ ފަނި ގިރުމުގެ ބަދަލުގައި އެއް ވައްތަރުން ފުއްދައިލާށެވެ. އިސްރާފްވާވަރަށް އެއްވެސް އެއްޗެއް ތައްޔާރު ނުކުރާށެވެ. އެގޮތަށް އަމަލުކުރަމުން ގެންދިއުމުން ކޮންމެވެސް މިންވަރެއް ބާކީ ވެސް ކުރެވޭނެއެވެ.
ފަރުނީޗަރު ގަތުމުން ބާކީ ކުރެވުނު ފައިސާ ރަމަޟާން މަސް ލައިގަތުމާއިއެކު ފުރަތަމަ ދުވަހު ޞަދަޤާތްކޮށް ނިންމައިލާށެވެ. އެހެނީ ފަހުން ކުރަން ހުއްޓައި ޞަދަޤާތް ނުކުރެވެނީސް މަރުވެދާނެ ކަމަށްޓަކައެވެ. އެއަށްފަހު ކޮންމެ ދުވަހަކު ޚަރަދުކުރަން ނިންމާފައިވާ ފައިސާއިން އެދުވަހަކު ބާކީ ކުރެވުނު އަދަދެއް އެދުވަހު ޞަދަޤާތްކޮށް ހުސްކޮށްލާށެވެ. މިސާލަކަށް ދުވާލަކު ޚަރަދުކުރަން ބަޖެޓުކޮށްފައިވަނީ 300 ދިރްހަމް ކަމަށްވެދާނެއެވެ. ބާޒާރު ކުރުމުން ބާކީކުރެވުނީ 50 ދިރުހަމް ކަމަށްވެދާނެއެވެ. އެ 50 ދިރުހަމް ހަމަ އެދުވަހު ޞަދަޤާތްކޮށްލާށެވެ.
ގިނަގިނައިން ޞަދަޤާތް ކުރުމުގެ މުހިންމުކަން ބަޔާންކޮށްދެއްވަމުން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ވީހައި ގިނައިން ޞަދަޤާތް ކުރާށެވެ. ހަމަކަށަވަރުން އެ ޞަދަޤާތްވެގެންދާނީ އާޚީރަތް ދުވަހަށްޓަކައި ތިބާއަށް ޖަމާކުރެވޭ ކޮއްތުކަމުގައެވެ. ވީމާ މިއަދު ކާތަކެތި ކުޑަކޮށް މަދުކޮށްލައިގެންވެސް ޢާޚިރަތް ދުވަހަށް ކޮއްތުކޮޅެއް ޖަމާކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ.
މިފަދަ ގޮތްގޮތަށް ކަންކަން ކޮށްގެން ނަމަވެސް ރަމަޟާން މަހު ޞަދަޤާތްކުރުން އިތުރުކުރަން ޖެހޭ ސަބަބަކީ ރަމަޟާން މަހު ކުރާ ހެޔޮ އަމަލުތަކުގެ ސަވާބު އެތައް ގުނައަކަށް ﷲ ތަޢާލާ އިތުރުކޮށްދެއްވަވާނެތީއެވެ. ވީމާ ކުރާ ޞަދަޤާތުން ލިބޭ ސަވާބުވެސް އެހެން މަސްމަހު ކުރާ ޞަދަޤާތަށްވުރެ އެތައް ގުނައަކަށް އިތުރުކޮށްދެއްވަވާނެތެވެ.
ވިސްނަންވީ މި ރަމަޟާން މަހަކީ ތިބާއަށް ދުނިޔޭގައި ހުންނަން ލިބޭ އެންމެ ފަހު ރަމަޟާން މަހަށް ވެދާނެ ކަމާއިމެދުގައެވެ. އެކަން އެހެން ވެއްޖެނަމަ ދުނިޔެ ދޫކުރަން ޖެހޭނީ އައުކުރިހާ ފަރުނީޗަރުތައް ދޫކޮށްލައިފައެވެ. ކެއިހާ އަގުބޮޑުތަކެތި ފާޚާނާ ތަށްޓަށް ދޫކޮށްލައިފައެވެ. ނަމަވެސް މިބުނެދިން ގޮތުން ނަމަވެސް ޞަދަޤާތް ކުރެވިފައިވާނަމަ ކައްވަޅަށް ދާނީ އެކަމުގެ ސަވާބުތައް ހިފައިގެންނެވެ. ކޮންމެ މަހަކުވެސް، ކޮންމެ ދުވަހަކު ވެސް ކުރެވުނު ވަރަކަށް ޞަދަޤާތްކުރަންވާނެއެވެ. އެހެންކަމާއިއެކުވެސް ރަމަޟާން މަހު ޞަދަޤާތް ކުރުން ގިނަ ކުރަންވީ ކީއްވެގެންކަން މިހާރު ބުނެދެވިއްޖެ ނޫން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން