ވަރިކޮށްފަ ބޭރުކޮށްލުމުން ދާނެ ތަނެއް ނެތިގެން މިސްކިތަށް ދިއަ ޒައިނަބަށް ގަނޑުވަރެއް ލިބުނު ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 31ސ
ވަރިކޮށްފަ ބޭރުކޮށްލުމުން ދާނެ ތަނެއް ނެތިގެން މިސްކިތަށް ދިއަ ޒައިނަބަށް ގަނޑުވަރެއް ލިބުނު ގޮތުގެ ވާހަކަ!

އަހަރެންނަކީ މޮރޮއްކޯއަށް ނިޞްބަތްވާ އަންހެނަކީމެވެ. ނަމަކީ ޒައިނަބް ސުލައިމާންއެވެ.  ބޮޑުވެގެން އައިއިރު އަހަރެންގެ ތިބި ހަމައެކަނި ބައަކީ މަންމަ އާއި ބައްޕައާއި ބޮޑުބޭބެއެވެ. ޢާއިލާއަކީ ވަރަށް ފަޤީރު ޢާއިލާއެކެވެ. އެހެންކަމުން ކައިވެނި ކުރެވޭނެ ގޮތް ވެސް ނުވެފައި ހުއްޓައި ބައްދަލުވި ޝާރުޖާގެ މީހަކު އެއްވެސް ޝަރޫޔަކާއި ނުލައި ކައިވެނި ކުރަން އެދުމުން ޢާއިލާއިން އެކަން ކޮށްދިނެވެ. 

ކައިވެންޏަށްފަހު އޭނާ އަހަރެން ގެންދިއައީ ޝާރުޖާއަށެވެ. ފެނުނު ފެނުމަށް އޭނާއަކީ ވަރަށް ރަނގަޅު މީހެކެވެ. ޝާރުޖާއަށް ދިއުމަށްފަހު މަހަކު 500 ދިރުހަމް މައިން ބަފައިންނަށްވެސް ފޮނުވައިދިނެވެ. އެއީ އަހަރެމެން ފަދަ ފަޤީރު ބައަކަށް ވަރަށް ގިނަ ފައިސާއެވެ. 

އެކުގައި ހަމަ އުފަލުގައި ދިރިއުޅެމުން ގޮސް 7 އަހަރުވީތަނާ ކުދިކުދި މައްސަލަތައް ކުރިމަތިވާން ފެށިއެވެ. ނަމަވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ދެ ދަރިން ލިބިފައި ތިބުމާއި އެކަނިވެރިކަމާއި ހުރިހާ ކަމަކަށް ވިސްނައިލުމަށްފަހު ނިންމައިގެން ހުރީ ހަމަ ފެންނަ އެއްވެސް ކަމަކާއި އެއްވެސް ޝަކުވާއެއް ނުކުރުމަށެވެ. ކެތްތެރިކަމާއިއެކު ދިރިއުޅެމުން ދިއައީ ހަމަ ވަރަށް ހިތްވަރުކޮށްގެންނެވެ. ލިބޭ އެންމެ ފުރުޞަތެއް ވެސް ދޫކޮށް ނުލައި އަބަދުވެސް ހުރީ އިސްތިޣްފާރުކުރުންމަތީގައެވެ. ޛިކްރްކުރުންމަތީގައެވެ. އެގޮތަށް އެކަން ކުރުމުން އެއްވެސް ކަމަކާއިމެދު ކަންބޮޑެއް ނުވެއެވެ. އެކަމަށް ﷲ ތައާލާ މިންވަރު ކުރއްވަވާފައިވާ ވަގުތު ޖެހުމުން ހުރިހާ މައްސަލަތައްވެސް ޙައްލުކޮށްދެއްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ހިތުގައި އަބަދުވެސް އޮވެއެވެ. 

އެއްރޭ 10 ޖަހާ އެހާކަންހާއިރު ފިރިމީހާ ގެއަށް އައިސް ޢާދައިގެމަތިން ފެންވަރައި ކައިހަދައިގެން ސިޓިންގރޫމްގައި އިށީނުމަށްފަހު ގޮވާލުމުން ކައިރިއަށް ދިއައިމެވެ. ބުނީ އެރެއިން ފެށިގެން ދެ މީހުންގެ ނިދާ ކޮޓަރި ވަކިކުރަން ބޭނުން ކަމަށެވެ. ލައްބައޭ ނޫން ބަހެއް ނުބުނަމެވެ. ފިރިމީހާ ދެއްކި ކޮޓަރިއަށް އަހަރެން ހަމަ ވަގުތުން ބަދަލުވީމެވެ. އެކަންވެގެން ދިއައީ ވަރަށް ބޮޑު ނަޞީބަކަށެވެ. ރޭގަނޑު ބޭނުންހައި ވަގުތެއްގައި އަޅުކަމުގައި އިނުމަށް މަގުފަހިވީތީއެވެ. އެކަމަށްޓަކައި ﷲ ތަޢާލާއަށް ހާސްފަށުން ޝުކުރުކުރީމެވެ. 

އެގޮތުގައި 2،3 ފާއިތުވި ތަނާ ހަމަ ކުރީ ފަހަރު ފަދައިން އެއްރޭ ގެއަށް އައިސް ފެންވަރައި ކައި ހަދައިގެން ގޮސް ސިޓިންރޫމުގައި އިށީނދެފައި ގޮވާލީމާ ދިއުމުން ބުނީ އަހަރެން ވަރިކުރީ ކަމަށެވެ. އަދި ހަމަ އެވަގުތު އޭނާގެ ރަޙްމަތްތެރި އަންހެނެއްގެ ގެއަށް ބަދަލުވުމަށެވެ. އެކަމަކަށްވެސް ދެކޮޅެއް ނުހަދަމެވެ. އަދި ކަންބޮޑެއްވެސް ނުވަމެވެ. މައްސަލަ ޖެހެން ފެށީންސުރެ އެއީ ކޮންމެ ދުވަހަކު ކޮންމެ ވަގުތަކުވެސް މެދުވެރިވެދާނެ ހާލަތެއް ކަމަށް ބަލައި އަހަރެން ހުރީ އެކަމަށް ވަރަށް ބޮޑަށް ސިކުނޑި ތައްޔާރުކޮށްގެންނެވެ. އެފަދަ ކަމެއް ކުރިމަތިވާ ހިނދު ހިތްވަރު ދެއްވެވުން އެދި އަބަދުވެސް ދިއައީ ދުޢާކުރަމުންނެވެ. 

އެއިރު 2 ދަރިން ތިބީ ނިދައިފައެވެ. އެހެންކަމުން ކުދިންގެ ކޮޓަރިއަށް ވަދެ ކިޔަވާ މޭޒުމަތީގައި ނޯޓެއް ބޭއްވީމެވެ. އިރާދަ ކުރެއްވިއްޔާ މަންމަ އެނބި އަންނާނަމެވެ. ދެކުދިންނަށް ބަލައެއްވެސް ނުލަމެވެ. ރޮވިދާނެތީއެވެ. ރޮމުން ގެއިން ނުކުންތަން ފިރިމީހާއަށް ދައްކަން ބޭނުން ނުވާތީއެވެ. ހަމަ އެއާއިއެކު ދެ ދަރިން އަނބުރައި ލިބޭނެކަމުގެ ޔަޤީންކަން ހިތުގައި އޮތްލެއް ބޮޑުކަމުންނެވެ. 

ކާރުގައި ވަކި ހިސާބަކަށް ދިއުމަށްފަހު އަހަރެން އެދުނީ އިބްން ޠާލިބް މިސްކިތަށް ގެންގޮސް ދިނުމަށެވެ. ޑްރައިވަރު އެކަމަކަށް ދެކޮޅެއް ނުހަދައެވެ. އޭނާ ހީކުރީ އަހަރެން ނަމާދެއްކުރަން އެޅެނީ ކަމަށެވެ. މިސްކިތާއި ހަމައަށް ގޮސް ކާރު މަޑުކުރުމުން ފެއިބުމަށްފަހު ޑްރައިވަރު ލައްވައި ޑިކީ ހުޅުވައިގެން ދަބަސް ނެގުމަށްފަހު އެނބުރި ދިއުމަށް ޑްރައިވަރު ގާތު ބުނީމެވެ. އަދި އެއްވެސް ކަމަކު އަހަރެން ހޯދަން ބޭނުން ވެއްޖެ ނަމަ މިސްކިތުގެ އަންހެނުންގެ ފަޅިއަށް ގޮސް ބައްދަލުކުރުމަށް ބުނީމެވެ.

ޑްރައިވަރު ދިއުމުން ފޮސި ހިފައިގެން މިސްކިތަށް ވަންނަން ހިނގައިގަތް ތަނާ ވެއްޓިފައި އޮތް ހުދު ސިޓީއުރައެއް ފެނުނެވެ. ކޮންމެވެސް މީހަކު އަތުން ވެއްޓިފައި އޮތް މުހިންމު އެއްޗަކަށް ވެދާނެ ކަމަށް ބަލައި ސިޓީއުރަ ނެގީމެވެ. ހީވާ ގޮތުން އެއުރައިގައި ހުރީ ފައިސާކޮޅަކާއި ޗެކްފޮތެކެވެ. އެކަން ވިސްނުމުން ވަކިން ފިކުރު ބޮޑުވިއެވެ. އެހެންވެ ނަގައިގެން މީހަކު އެ ހޯދަން އާދޭތޯ ބައިގަޑިއެއްހައިރު މަޑުވެސް ކޮށްލީމެވެ. އެއްވެސް މީހަކު ނުފެނުމުން ހިފައިގެން އެތެރެއަށް ވަނީއެވެ. 

އެ ރޭ ފަތިސް ނަމާދު ނިމިގެން ކިޔަވަން އިނދެފައި އިރު އެރުމުން ޟުޙާ ނަމާދުވެސް ކޮށްލައިގެން ނުކުމެ މަގުމަތި ބަލައިލީމެވެ. އެއްވެސް މީހަކު އެ ހޯދަން އުޅޭތޯއެވެ. އެއިރު ދެ ފިރިހެނަކާއި އަންހެނަކު އެތަނުގައި ވާހަކައެއްގައި ތިއްބެވެ. ކައިރިވެފައި ސަލާމް ގޮވައިލުމަށްފަހު އެތަނުގައި ތިބި ސަބަބު ބުނެވިދާނެތޯ ސުވާލުކުރުމުން އަންހެން މީހާ ބުނީ އެނާގެ ފިރިމީހާ ރޭގެ ޢިޝާ ނަމާދުން ނިމިގެން ނުކުތްއިރު އެއްޗެއް ވެއްޓި ގެއްލިގެން ފެނޭތޯ ހޯދަނީ ކަމަށެވެ. އެއީ ކޮން އެއްޗެއްތޯ ސުވާލުކުރުމުން ބުނީ ހުދުކުލައިގެ ސިޓީއުރައެއް ކަމަށެވެ. 

މަޑުކޮށްލަން ބުނެފައި ގޮސް ސިޓީއުރަ ހިފައިގެން ނުކުތީމެވެ. ސިޓީ އުރަ ފެނުމުން އެއީ އެމީހުން ހޯދާ އުރަކަމަށް ބުންޏެވެ. ނަމަވެސް އަހަރެން ބުނީ އުރަ ހަވާލުކުރާނީ އެތެރޭގައި އޮތް ކޮންމެވެސް އެކަމއްޗެއް ނަމަވެސް ބުނުމުން ދިމާވާ ނަމަ ކަމަށެވެ. އެހިށާބުން ފިރިމީހާ އެކައުންޓް ނަމްބަރެއް ކިޔާފައި އެ އެކައުންޓުގެ ޗެކް ފޮތް އޮންނާނެ ކަމަށް ބުންޏެވެ. އެހިސާބުން އެއުރަ އަހަރެން އެމީހުންގެ އަތަށް ދިނީމެވެ. ދިނުމުން ކަނޑާލާފައި އޭނާގެ އުރަކަން ސާބިތުކޮށް ދިނެވެ. އަދި އަގެއްގެ ގޮތުން ލާރިތަކެއްވެސް ދޭންވެގެން ދިއްކުރިއެވެ. އެވަގުތު އަހަރެން ބުނީމެވެ. "ތިއަ ފައިސާ ބަހައްޓާށެވެ. އަމާނާތް އެއިގެ އަހުލުވެރިންނަށް ހަވާލުކުރުމަކީ ﷲ އަށްޓަކައިކުރަންޖެހޭ ކަމެއް ބުނާ އަޑު އަހަމެވެ. ވީމާ ތިއަ ފައިސާގައި ހިފައިފިނަމަ ﷲ ތަޢާލާ އަހަރެންނަށް ދެއްވަވާނެ ބައިން އުނިވެދާނެ ކަމަށްޓަކައި އެއްވެސް އަގެއް ބޭނުމެއް ނޫނެވެ." 

އަހަރެން ގޮތް ދޫނުކުރުމުން އެމީހުން އަހަރެންގެ މައުލޫމާތު އޮޅުންފިލުވިއެވެ. އަހަރެން އަހަރެންގެ ޙާލުވެސް ކިޔައިދިނީމެވެ. އެމީހުން ދިއައީ ޢަބްރު ނަމާދަށްފަހު ހަމަ އެތަނުން އެމީހުންނާއި ބައްދަލުކުރުމަށް އެދިފައެވެ. 

ވައުދުވީ ފަދައިން އަހަރެން އެމީހުންނާއި ބައްދަލުކުރީމެވެ. އެއިރު ތިބީ ދެމަފިރިން އެކަންޏެވެ. އެމީހުން އަހަރެންގެ ކިބައިން އެދުނީ އެމީހުންނާއިއެކު އެމީހުންގެ ގެއަށް ގޮސް ދިނުމަށެވެ. އަހަރެން އެ ދައުވަތުވެސް ޤަބޫލުކޮށް އެމީހުންނާއިއެކު ދިއައިމެވެ. ގޮސް ވަނީ ގަނޑުވަރެއް ފަދަ ގެއަކަށެވެ. ސެކިޔުރިޓީންވެސް ތިއްބެވެ. 

މޭޒެއް ކައިރީގައި ތިބެ ސައިބުއިމަށްފަހު ދެމަފިރިން ބުނީ އެގޭގައި އެމީހުންގެ ވަޒީފާއެއްގައި އަހަރެން ގެންގުޅެން ބޭނުން ކަމަށެވެ. ވަޒީފާއަކީ އެމީހުންގެ ދެދަރިންގެ ކަންކަން ނޯކަރުން ކުރާ ގޮތް ބެލެހެއްޓުން ކަމަށެވެ. އެ މަސައްކަތާއި ވެސް ހަވާލުވީމެވެ. 

އެ ދެދަރިންގެ ކަންކަން އަހަރެން ބަލަހައްޓަމުން ގެންދިއައީ އަމިއްލަ ދަރިންގެ ވެސް ކަންކަން ބަލަހއްޓާނެ އުޞޫލުންނެވެ. ނަމަވެސް ވަރަށް ވޭނާއިއެކުގައެވެ. އަމިއްލަ ދަރިން މަތިން ހަނދާންވާވަރުންނެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ރޮވެއެވެ. ނަމަވެސް ކެތްތެރިވީއެވެ. އަހަރެންގެ ދެދަރިން އަހަރެންނަށް ﷲ ތަޢާލާ ދެއްވަވަން އިރާދައިގައިވާ ވަގުތު ޖެހުމުން ލިބޭނެ ކަމުގެ އުންމީދުގައެވެ. 

އެ ގޮތުގައި އެގޭގައި އިންނަތާ ހައަކަ މަސްވީފަހުން ސާހިބާގެ އަނބިމީހާއަށް ޖެހުނު ގަދަ ހުމެއްގައި ފަރުވާ ކުރަމުން ދަނިކޮށް ނިޔާވީއެވެ. އެއީ ވަރަށް ދެރަވިދުވަހެކެވެ. އޭނާއަކީ އަހަރެންނަށް ވަރަށް ހެޔޮ އަންހެނަކަށްވާތީއެވެ. އެދުވަހުން ފެށިގެން ސާހިބު މީހާ އޭނާގެ ހުރިހާ ކަމެއް ބަލަހައްޓަން އަހަރެންނާއި ހަވާލުކުރިއެވެ. އަދި މުސާރަވެސް ބޮޑުކުރިއެވެ. 

އެގޮތަށް އެގޭގައި ވަޒީފާ އަދާކުރުމުގައި ހުއްޓައި ސާހިބު މީހާގެ ތިމާގެ ބައަކު އެގޭގައި ދުވަސްކޮޅަކު މަޑުކުރަން އައެވެ. އެތަނުގައި ހުރި ސާހިބު މީހާގެ ކޮއްކޮ އަކާއި އަހަރެންނާއިމެދު ގާތް ގުޅުމެއް އުފެދުނެވެ. އަދި އޭނާ ކައިވެންޏަށް އެދުނެވެ. އަހަރެން ދިން ޖަވާބަކީ އެކަމާއި ސާހިބު މީހާ އާއި ވާހަކަ ދެއްކުމަށެވެ. 

ސާހިބު މީހާ ގާތު އެވާހަކަ ދެއްކުމުން ބުނީ އިއުތިރާޒެއް ނެތް ކަމަށާއި ނަމަވެސް ޝަރުތެއްގެމަތިން ކަމަށެވެ. އަދި ޝަރުޠަކީ އޭނާގެ ދަރިން ބޮޑެތި ނުވަނީސް އެގެއިން އަހަރެން ނުނެރުން ކަމަށެވެ. އެގޮތަށް އެއްބަސްވުމުން ހަމަ އެދުވަހު ކައިވެނިކޮށްދީފިއެވެ. އޭނާވެސް ވީ ހަމަ ފިރިމީހާ ފަދަ ތަނަވަސް މީހަކަށެވެ. އެހެންކަމުން ވަޒީފާގެ އިތުރުން ތަނަވަސް ދިރިއުޅުމަކާއި އޯގާތެރި ފިރިއަކުވެސް ﷲ ތަޢާލާ ދެއްވެވީއެވެ. 

އެއިގެ އަހަރެއްހައި ދުވަސް ފަހުން ނޫހުން ފެނުނީ އަހަރެން ހޯދަން ބޭނުންވެގެން ކުރީގެ ފިރިމީހާ ޖަހާފައި އޮތް އިޝްތިހާރެކެވެ. އިޝްތިހާރު ފެނުމުން ފިރިމީހާގެ އިޒުނަ އާއިއެކު އަހަރެން ފޯނުކުރީމެވެ. އަދި ބޭނުމަކީ ކޮބައިތޯ ސުވާލުކުރުމުން ބުނީ ކުދިންގެ ކަމަކު ބައްދަލުކުރަން ބޭނުން ކަމަށެވެ. 

ބައްދަލުކުރަން ދިއައީ ފިރިމީހާގެ ދައްތައަކާއި އެކުއެވެ. އޭނާ ބުނީ އެކްސިޑެންޓެއްވެ ނުހިނގޭ ކަމަށާއި އެހާލު ޖެހުމުން ފަހުން ކއިވެނިކުރި އަނބިމީހާ އޭނާ ދޫކޮށްލާފައި ހިނގައްޖެ ކަމަށެވެ. އެހެންކަމުން 2 ދަރިންނާއި އޭނާ ބަލައިދިނުމަށް އެގޭގައި އިނދެ ދިނުމަށެވެ. އެހިސާބުން ފިރިމީހާއަށް ގުޅައި މަޝްވަރާ ކުރުމަށްފަހު ޖަވާބުގައި އަހަރެން ބުނީ ފިރިއަކު އެބަހުރި ކަމަށާއި 2 ކުދިން ދީފި ނަމަ ގެންގޮސްގެން ބެލުމުގެ ތަނަވަސްކަން ވެސް ﷲ ތަޢާލާ ދެއްވަވާފައިވާ ކަމަށެވެ. އަދި އޭނާއަކީ 2 ދަރިންގެ ބައްޕަ ކަމަށްވާތީ އޭނާގެ ކަންކަން ބަލަހައްޓާނެ ނޯކަރަކު ލައިގެން އެކަންވެސް ކޮށްދީފާނެ ކަމަށެވެ. އޭނާ އެކަން ޤަބޫލުކުރުމުން ގެއިން ނުކުމެގެން ދިއައީ ދެދަރިން ގޮވައިގެންނެވެ. އަދި ވައުދުވީ ފަދައިން އޭނާގެ ކަންކަން ވެސް ބަލަހައްޓައިދިނީމެވެ. 

އެދުވަހަކީ އެންމެ މުއްސަނދިވީ ދުވަހެވެ. ސާހިބު މީހާގެ 2 ދަރިންނާއި ފިރިމީހާގެ ކުރީ ކައިވެންޏަށް ލިބިފައިވާ 2 ދަރިންނާއި އަހަރެންގެ 2 ދަރިންނާއިއެކު 6 ދަރިންގެ މަންމައަކަށްވީ ދުވަހެވެ. އެދުވަހަކީ އެންމެ ބޮޑު އުފަލެއްވެސް ލިބުނު ދުވަހެވެ. ގެންގުޅެން ނުލިބިގެން އަބަދު ރޮމުން އައި 2 ދަރިން ވެސް ﷲ ތަޢަލާ ދެއްވެވި ދުވަސް ކަމުގައިވާތީއެވެ. 

މިހާރު އަހަރެންގެ އުމުރަކީ 78 އަހަރެވެ. ދިރިއުޅެމުން މިދަނީ ދެވަނަ ފިރިމީހާ އާއިއެކު އޭނާގެ ގޭގައެވެ. ދަރިންތައް ކިޔަވައި ބޮޑެތިވެ އެކުދިންގެ އަމިއްލަ މަސައްކަތުގައި ތަނަވަސްކަމާއިއެކު ދިރިއުޅެމުން ގެންދަނީއެވެ. ބަލައި ބޮޑުކުރި 6 ދަރިންނަށް ދަރިން ލިބި ޢާއިލާ މިވަނީ ވަރަށް ބޮޑުވެފައެވެ. ފިރިމީހާ ވަނީ އޭނާގެ ދަރިންނާއި އެއްފަދައިން އަހަރެންގެ ދަރިންނަށްވެސް ތަނަވަސްކަން ހޯދައިދީފައެވެ.

މިވާހަކަ އަހަރެން ގަލްފް ނޫހާއި ހިއްސާ މިކުރީ އަހަރެންގެ ހަޔާތުން އެހެން އަންހެނުންނަށް ޢިބްރަތެއް ޙާޞިލުކުރެވިދާނެ ކަމުގެ އުންމީދުގައެވެ. ހަމައެކަނި ﷲ ތަޢާލާއަށް އިތުބާރުކޮށް ވާގިއެދިގެން ސާބިތުކަމާއިއެކު އުޅޭ ހަމަ އެކަކު ވެސް ބާކީ ނުކުރައްވަވާނެ ކަމާއި ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ މަގެއް ދައްކަވާނެ ކަމުގެ މެސެޖުން ދުނިޔޭގެ ހުރިހާ އަންހެނުންނަށް ހިތްވަރު ދިނުމުގެ ބޭނުމުގައެވެ.  

- މީގެ 2 އަހަރުކުރިން ގަލްފް ޓައިމްސްގައި ޝާއިއުކޮށްފައިވާ ވާހަކައެއްގެ ޚުލާޞާ ތަރުޖަމާއެއް.

 

މިއަދު އޮންލައިން