ﷲ ގެ ކޯފާ އާއި އިމްތިޙާން ކުރެއްވުމަކީ މުޅިން ތަފާތު ދެކަމެއް! ތަފާތު ދަސްކުރަންޖެހޭނެ!: މުފްތީ މެންކު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ﷲ ގެ ކޯފާ އާއި އިމްތިޙާން ކުރެއްވުމަކީ މުޅިން ތަފާތު ދެކަމެއް! ތަފާތު ދަސްކުރަންޖެހޭނެ!: މުފްތީ މެންކު

ﷲ ތަޢާލާ ތަނަވަސްކަން މިންވަރު ކުރައްވަވައި ގިނަގުނަ ނިޢްމަތްތައް ދެއްވެވުމުން ވެސް ހިތް ހަމަ ނުޖެހި އަބަދުވެސް ކޮންމެވެސް ކަމަކާއިމެދު ކަންބޮޑުވެގެން ނުވަތަ ހިތްދަތިވެގެން އުޅޭ މީހުން ތިބެއެވެ. ދުނިޔޭގެ އާބާދީ 7 މިލިއަނަށް އިތުރުވެގެންދާއިރުވެސް އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނެނީ ވަރަށް މަދު މީހެކެވެ. 1،2،3 ވަނަ ދަރަޖައިގައި ހިމެނެނީވެސް ދުނިޔޭގެ އާބާދީއަށް ބަލައިފިނަމަ ވަރަށް މަދު ބައެކެވެ. ސުވާލަކީ މިހުރިހައި ނިޢްމަތް ތަކެއް ލިބުމުން ވެސް ހިތް ހަމަނުޖެހިގެން އުޅެންޖެހެނީ ކީއްވެގެން ހެއްޔެވެ؟  

ދެން ބަލައިލަންވީ އެންމެ އަސާސީ ބޭނުންތައް ނުފުދިގެން ދަތިހާލުގައި އުޅެންޖެހިފައިވާ މީހުންނަށެވެ. ދުނިޔޭގައި ގިނައީ އެފަދަ ނިކަމެތި ހާލުގައި ދިރިއުޅެން ޖެހިފައިވާ މީހުންނެވެ. ފާހަގަކުރަން ޖެހޭ ކަމަކީ ކުރިމަތިވެފައިވާ ހުރިހާ ދަތިތަކާއިއެކުވެސް ހިތްހަމަ ޖެހިގެން އުފަލުގައި ދިރިއުޅޭ މީހުން ގިނައީ ނިކަމެތި ފަޤީރުންގެ ތެރޭގައި ކަމެވެ. 

މިވާ ގޮތަކާއިމެދު ފުންކޮށް ވިސްނުމުން އެނގެނީ ހިތް ހަމަޖެހިގެން އުފަލުގައި ދިރިއުޅެން އެދޭނަމަ ވަރުގަދަކުރަންވީ އީމާންކަން ކަމެވެ. އުފާވެރިކަން ބޭނުންނަމަ ކުރަންޖެހޭ ކަމަކީ އީމާންކަން ވަރުގަދަކުރުން ކަމެވެ. ﷲ ތަޢާލާ ދެއްވަވާ މިންވަރަށް ޝުކުރުވެރިވުމުގެ އާދަ އެމީހެއްގެ ކިބައިގައި ހަރުލައްވަންވީ ކަމެވެ. 

މިސާލަކަށް ދުނިޔޭގެ އެންމެ އަގުބޮޑު ކާރުތަކުގެ ތެރޭގައި ހިމެނޭ މަރސީދަސް ބެންޒް ކާރެއް ދެއްވެވުމުން ހެލިކޮޕްޓަރެއް ނުލިބިގެން ކަންބޮޑުވާ މީހަކަށް ދުވަހަކުވެސް އުފާވެރިކަމެއް ނުލިބޭނެއެވެ. ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެވެ. 

ކިރިޔާ ކަމެއް ކުރިމަތިވާއިރަށް ގިނަ ބައަކަށް ހީވަނީ އެމީހަކަށް ﷲ ގެ ކޯފާ ލިބެނީ ކަމަށެވެ. އެފަދަ މީހުންނަށް އެވާގޮތަކީ ﷲ ތަޢަލާގެ ކޯފާ އާއި އިމްތިހާން ކުރެއްވުން ވަކިކުރަން ނުއެނގެނީއެވެ. އެކަންވެސް މެދުވެރިވަނީ ޢަޤީދާގެ ބަލިކަށިކަމުންނެވެ. ނުވަތަ އަމަލުކުރެވޭ ގޮތުންނެވެ. މިސާލަކަށް އެމީހަކު ހުރީ ޙައްޤު ގޮތުގައިކަން އެމީހަކަށް ޔަޤީން ކުރެވޭނަމަ ﷲ ތަޢާލާގެ ކޯފާ އެމީހަކަށް ލިބިދާނެ ކަމަށް ޝައްކުކުރަންވީވެސް ކީއްވެގެން ހެއްޔެވެ؟ ޙައްޤު މަގުގައި ހުރި އެއްވެސް މީހަކަށް ﷲ ތަޢާލާގެ ކޯފާއެއް ނުލިބޭނެއެވެ. ނަމަވެސް އިމްތިޙާނު ކުރެއްވެވުމުގެ ގޮތުން ބައެއް މުޞީބާތްތައް ކުރިމަތިކުރައްވަވައިފާނެއެވެ. މުޞީބާތްތައް ކުރިމަތި ކުރއްވަވައެވެ. މުޞީބާތްތައް ކުރިމަތި ކުރައްވަވައި އިމްތިޙާން ކުރައްވަވާނެކަން ކީރިތި ޤްރްއާނުން އެނގެން އޮތްއިރު އެކަން ޤަބޫލު ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ "ތައުބާވުން މަތީގައި ހުއްޓައި ކޯފާއެއް ނުފޮނުއްވަވާނެ"ކަމަށް ވަޙީކުރައްވަވާފައިވުމުން އިތުރަށް ޝައްކުކުރަންވީ ކޮން ކަމަކަށް ހެއްޔެވެ؟ 

ރަނގަޅަށް ވިސްނާށެވެ! ތިބާގެ މިލްކިއްޔާތުގައި އަލިފާން ރޯވެ އަނދައިފާނެއެވެ. ވަގުން ވަދެ އަތުގައި ހުރި ހުރިހާ ފައިސާކޮޅުވެސް ވަގަށް ނަގައިފާނެއެވެ. އަދި ބޮޑު ބައްޔެއްވެސް ޖެހިދާނެއެވެ. މިއިން އެއްވެސް ކަމެއް މެދުވެރިވި ނަމަވެސް އެއީ ﷲ ތަޢާލާގެ ކޯފާ ކަމަށް ނުނިންމާށެވެ. އެއީ ކުރިމަތި ކުރެއްވެވި އިމްތިޙާނެއް ކަމަށް ޤަބޫލުކުރާށެވެ! އެކަން ކުރެވޭނީ އެމީހަކު ހުރީ ޙައްޤުގެ މަގުގައި ކަމަށްވާނަމައެވެ. އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން އެވަރަށް ހުރެގެންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން