އޭނާއަކީ ތަނަވަސްކަން ލިބިފައިވާ މީހެކެވެ. ނަމަވެސް ނުހިނގޭ މީހެކެވެ. އެތައް އަހަރެއް ވަންދެން އެތައް ޑޮކްޓަރުންނާއި ޙަކީމުން ލައްވައި ބޭސްކުރުމުން ވެސް ބުނަނީ ދެން ނުހިނގޭނެ ކަމަށެވެ. އެންމެފަހުން އޭނާ ދަރިންނަށް ބުންޏެވެ. "ދެން އަހަރެން ދާން ބޭނުމީ އިންސާނުން އެދޭ އެއްވެސް ކަމަކަށް ނޫނެކެވެ ނުބުނާނެ ފަރާތަކަށެވެ." އެއީ ކޮން ފަރާތެއް ތޯ ސުވާލުކުރުމުން ބުނީ ޢުމުރާއަކަށާއި ޙައްޖުވުމަށް ދާން ބޭނުން ކަމަށެވެ. ނުހިނގޭތީ ނުދެވޭނެ ކަމަށް ބުނުމުން ވެސް ބުނީ ދެވޭނެ ކަމަށާއި ދާން ބޭނުން ކަމަށެވެ.
ބައްޕަ އެދުނު ފަދައިން އޭނާގެ ދަރިން އޭނާ ޙައްޖަށް ގެންދިއުމުން ޙަރްމަފުޅު ކައިރީގައި އިނދެ ރޮއި ދުޢާކުރަން ފެށިއެވެ. އެތައް ގަޑިއިރެއްވަންދެން ދުޢާކުރިތަނާ ހޭނެތުނެވެ. ހޭނެތިފައި އޮއްވައި އޭނާއަށް ހުވަފެނުގައި މީހަކު އައިސް ތެދުވެ ހިނގައި ގަންނަން ބުންޏެވެ. ހޭލެވުނުއިރު އޭނާއަށް ނުހިނގޭކަން ހަނދާނެއް ނެތެވެ. ހަނދާން ހުރީ ހުވަފެނެވެ. ހުވަފެނުގައި ބުނިފަދައިން ތެދުވެ ހިނގައިގަތީއެވެ. އެވަގުތުން ފެށިގެން އޭނާއަށް ވަނީ ހިނގިފައެވެ.
މި މުޢްޖިޒާތެއް ފަދަ ކަމާއި ގުޅިގެން އޭނާ ކުރީ ކޮން ދުޢާއެއްތޯ މީސްތަކުން ސުވާލުކުރުމުން ބުންޏެވެ. "އަހަރެންނަކީ މާގިނަ ދުޢާތައް ދަންނަ ބޮޑު އިލްމުވެރިއަކީއެއް ނޫނީމެވެ. އަހަރެން ﷲ ތަޢަލާއަށް ދަންނަވަމުން ގެންދިއައީ، އާދޭސް ދެންނެވީ އަހަރެންނަށް ހިނގޭނެ ގޮތް ހައްދަވައި ދެއްވެވުމަށެވެ. ނޫންނަމަ ފުރާނަ ގެންދެވުމަށެވެ. އަދި ކޮންމެވެސް އެއް ގޮތެއް މިންވަރު ކުރައްވަވަންދެން ދުޢާކުރުންމަތީގައި ދެމި އިންނާނެ ކަމަށްވެސް ދެންނެވީމެވެ."
މީސްތަކުންނޭވެ! މިހިރީ އަހަރެމެންގެ ލޯތަކަށް ދައްކަވާފައިވާ ކަންކަމެވެ. ނިކަން ވިސްނައިބަލާށެވެ! އެ ހާލުގައި ވެސް އޭނާ ޙައްޖަށް އެދިއައީ ﷲ ތަޢާލާ އޭނާގެ ދުޢާ އިޖާބަ ކުރައްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައެވެ. ދެން ދާން ބޭނުމީ މީސްތަކުން އެދޭ އެދުންތައް ފުއްދަވައި ނުދެއްވަވައި ދޫކޮށް ނުލައްވަވާނެ ފަރާތަށް ކަމަށް ބުނުމުން އޭނާގެ ހިތުގައި ﷲ ތަޢާލާގެ ރަހްމަތްފުޅާއިމެދު އޮތް ޔަޤީންކަމުގެ ބޮޑުކަން ހާމަވެގެންދެއެވެ. އަހަރެމެންވެސް ވާންވީ އެފަދަ މީހުންނަށެވެ. އެފަދަ މީހަކަށް ވެވޭވަރަށް ތަޤްވާވެރިކަން އިތުރުކުރަންވީއެވެ. އެއިރުން މާޔޫސްވާކަށް ނުޖެހޭނެއެވެ.
އަހަރެމެންގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނީ ކޮން ވަގުތަކު ކޮން ގޮތަކަށްކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ރަނގަޅު ގެއަކަށް ނުވަތަ ކާރަކަށް އެދި ދުޢާކުރަމުން ދަނިކޮށް ހެޔޮލަފާ ތަޤްވާވެރި އަންތބަކު މިންވަރު ކުރައްވަވައިފާނެއެވެ. ކިޔަމަންތެރި ދަރިންތަކެއް ދެއްވަވައިފާނެއެވެ. އަދި އެނޫން ނިޢްމަތްތައް ވެސް ދެއްވަވައިފާނެއެވެ.
ތިބާ ކުރާ ދުއާ މިދުނިޔޭގައި ހުއްޓައި އިޖާބަ ނުކުރައްވަވައިފިނަމަ އާޚިރަތް ދުވަހުން ތިބާއަށް ފަރުބަދަތަކެއްހައި ގިނަ ސަވާބުތައް ދެއްވަވާނެތެވެ. އަދި ވަޙީކުރައްވަވާނެތެވެ. މިއީ ތިބާ ކުރި ދުޢާތަކަށް ތިމަން ﷲ ދެއްވަވާ ނިޢްމަތްތަކެވެ. އަހަރެންގެ ދުޢާއަކީ އަހަރެމެންނަށް ޢާޚިރަތުގައި އެފަދަ ގިނަގުނަ ސަވާބުތައް ލިބުމެވެ. އާމީން!
- އިމާމް މާޒިން ޢާދިލްގެ ދަރުސަކުން