އިސްލާމް ދީނުން އުނި ކަންކަން ދައްކަން މަސައްކަތްކުރާ މީހަކަށްވުރެ ބޮޑު ޖާހިލަކު ނުވެއެވެ. އެއީ ކީރިތި ޤްރްއާނުން ވަރަށް ފުރިހަމައަށް ސާބިތުވާން އޮތް ކަމެކެވެ. އެހެންކަމުން އިސްލާމް ދީނުގެ ޙުކުމްތަކަށް ކުޑައިމިސް ބަސްތައް ބުނެ އިސްލާމް ދީނުން އުނިކަން ދައްކަން ވަކާލާތުކުރާ މީހުންނަށް ތާއީދުކޮށް، އެފަދަ މީހުންގެ ބަސްތައް ޤަބޫލުކޮށް އަދި އެފަދަ މީހުންގެ ފަހަތުގައި ތިބުމަށްވުރެ ބޮޑު ޖާހިލުކަމަކީ ކޮބައިހެއްޔެވެ؟
"އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީނެވެ! މިދީނުގެ އަސާސްތައް، ޙުކުމްތައް އައިސްފައިވަނީ 7 އުޑު މަތިންނެވެ! ޙިކުމަތްވަންތަ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ! ކަން އޮތީ މިހެން ކަމަށްވީއިރު، މި ފުރިހަމަ ޙުކުމްތަކަށް، ކުޑައިމީސް ބަހެއް ބުނުމުގެ ޖާގަ، އުނިކަން ހުރި އިންސާނުންނަށް ލިބޭނީ ކިހިނަކުންތޯއެވެ؟
"—ޝައިޚް ޢަލީ ޒައިދު
ﷲ ތަޢާލާ މީސްތަކުން އުފައްދަވާފައިވަނީ މަށިންނެވެ. ކައިބޮއި ނިދައި ފާޚާނާކުރަން ޖެހޭ ބައެއްގެ ގޮތުގައެވެ. މަލާއިކަތުން އުފައްދަވާފައިވަނީ ނޫރުންނެވެ. އިންސާނުންނަށް ބޭނުންވާ އެއްވެސް ކަމަކށް ބޭނުންފުޅު ނުވާ ގޮތަށެވެ. އިންސާނުން ލައްވަވާފައި މިވަނީ ބިންމަތީގައެވެ. މަލާއިކަތުން ލައްވަވާފައިވަނީ އުޑުގައެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައެވެ.
އެހެންކަމާއިއެކުވެސް މަލާއިކަތް ބޭކަލުންނަށްވެސް އެނގިވަޑައިގަންނަވަނީ ﷲ ތަޢާލާ އުނގަންނަވައި ދެއްވެވި މިންވަރެކެވެ. އިތުރު އެއްވެސް ކަމެއް އެނގިވަޑައެއް ނުގަންނަވައެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާ ބާވައިލެއްވެވި އިސްލާމް ދީނުން އުނި ސިފަ ދެއްކުމަކީ ކޮން އިންސާނަކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟ އެކަން ކުރަން އުޅެފިނަމަ މުރުތައްދުވުން ނޫން ކަމެއް ނުވާނެއެވެ! އެކަމުގެ ހެކި އަންނަނިވި 4 އާޔަތުން ލިބިގެންދާނެއެވެ.
"ހަމަކަށަވަރުން ކަލޭގެފަނުގެ ވެރި ރަސްކަލާނގެ ބިމުގައި ޚަލީފާއަކު (އާދަމްގެފާނު) ލައްވަވާހުށީމޭ މަލާއިކަތުންނަށް ވަޙީ ކުރެއްވެވި ހިނދު، ހަނދުމަކުރައްވާށެވެ. އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިނބރަސްކަލާނގެއަށް ޙަމްދާއިއެކު ތަސްބީޙަކިޔައި، އިނބަރސްކަލާނގެއަށް ޓަޤްދީސް ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭ އޮހޮރުވާނޭ ބައަކު އިނބަރަސްކަލާނގެ އެ ބިމުގައި ލައްވަވަނީތޯއެވެ؟ އެކަލާނގެ ވަޙީ ކުރެއްވެވިއެވެ. ހަމަކަށަވަރުން، ތިއަބައިމީހުންނަށް (މަލާއިކަތުންނަށް) އެނގިގެން ނުވާ ކަންތަތއްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ."
(ބަޤަރާ ސުރަތުގެ 30)
އަދި އެވަރުން ދޫކޮށް ލެއްވެވީއެއްވެސް ނޫނެވެ. މަލާއިކަތުންނަށް އެކަން ސާބިތުވެސް ކޮށްދެއްވެވީއެވެ.
"އަދި އާދަމްގެފާނަށް ހުރިހާ ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވެވިއެވެ. (އެބަހީ: ނަން ކިޔުނު ތަކެއްޗާއި އެތަކެތީގެ ޙަޤީޤަތްތަކެވެ.) ދެން އެކަލާނގެ މަލާއިކަތުންނަސް ހުށަހަޅުއްވަވައި، ވަޙީ ކުރެއްވެވިއެވެ. ތިއަބައިމީހުން ތިއަކުރާ ދައްވާގައި (ތެދުވެރިކަމެއް ވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިއަބައިމީހުން ތިމަން ރަސްކަލާނގެއަށް، ނިކަން އަންގައިދީބަލާށެވެ!
(.) އެ މަލާއިކަތުން ދެންނެވޫއެވެ. އިނބަރަސްކަލާނގެ ހުސްޠީހިރުވަންތަކަމާއިއެވެ! އިނބަ ރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައި ދެއްވެވި އެއްޗެއް މެނުވީ، އަޅަމެންނަކަށް ނުއެނގޭނެއެވެ. ހަމަކަށަވަރުން، އިނބަ ރަސްކަލާނގެއީ މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެއެވެ."
(ބަޤަރާ ސޫރަތުގެ 31،32)
ދެން ކަންތައް ވެގެންދިއަ ގޮތަށްވެސް ވިސްނާށެވެ.
"އެކަލާނގެ ވަޙީ ކުރެއްވެވިއެވެ. އޭ އާދަމްގެފާނެވެ! ކަލޭގެފާނު އެމަލާއިކަތުންނަށް އެތަކެތީގެ ނަންތައް އުނގަންނަވައި ދެއްވާށެވެ! ދެން އެކަލޭގެފާނު (އާދަމގެފާނު)، މަލާއިކަތުންނަށް އެތަކެތީގެ ނަންތައް އަންގަވައި ދެއްވެވި ހިނދު، އެކަލާނގެ ވަޙީ ކުރެއްވެވިއެވެ. ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އުޑުތަކާއި ބިމުގެ ޣައިބު ދެނެވޮޑިގެނަވަމޭ، އަދި ތިއަބައި މީހުން ފައުޅުކުރާ ކަންތަކާއި ވަންހަނާކުރާ ކަންތައް ދެނެވޮޑިގެންވަމޭ، ތިއަބައި މީހުންނަށް ވަޙީ ނުކުރައްވަން ހެއްޔެވެ؟"
(ބަޤަރާ ސޫރަތުގެ 33)