ކިތަންމެ މަތިވެފައި މުއްސަނދި ނަމަވެސް މަސްތުވާ ތަކެތި ބޭނުންކުރަނީ ދިރިހުރި ނަމަވެސް މަރުވެފައިވާ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކިތަންމެ މަތިވެފައި މުއްސަނދި ނަމަވެސް މަސްތުވާ ތަކެތި ބޭނުންކުރަނީ ދިރިހުރި ނަމަވެސް މަރުވެފައިވާ މީހުން!

ބަނގުރަލާއި އެ ނޫންވެސް މަސްތުވާ ތަކެތި ބޭނުންކުރަނީ ދިރިހުރި ނަމަވެސް މަރުވެފައިވާ މީހުންނެވެ. އެމީހަކަށް ކިތަންމެ ގިނަ އަނބިންނާއި ކިތަންމެ ބޮޑު ތަނަވަސްކަމަކާއި އަދި ކިތަންމެ މަތީ މަޤާމެއް ލިބިފައިވީނަމަވެސް އެއިން އެއްވެސް ކަމަކުން އެއްވެސް އުފާވެރިކަމެއް ނުލިބޭތީއެވެ. އެކަން އެހެން އެވަނީ އެމީހަކާއި ﷲ ތައާލާ އާއި ދެމެދު އޮންނަންޖެހޭ ގުޅުންތައް ޖެނޑިގެން ދިއުމުންނެވެ. 

ﷲ ތަޢަލާ އާއި ގުޅުން ނެތް މީހަކަށް ލިބޭނެ އެއްވެސް ޙަޤީޤީ އުފާވެރިކަމެއް ނެތެވެ. ދުނިޔޭގެ އެންމެ ބޮޑެތި ބިލިއަނަރުން އޯވަރޑޯޒްވެ މަރުވަމުން އެދަނީ އެމީހުންނަކީ ކިތަންމެ ބޮޑެތި މުއްސަނދިން ކަމުގައިވީނަމަވެސް އެމީހުންގެ ދިރިއުޅުމުގައި އެއްވެސް އުފާވެރިކަމެއް ނެތުމުންނެވެ. އެއްވެސް އުފާވެރިކަމެއް ހުރިނަމަ އުފާވެރިކަން ހޯދަން ތިމާގެ ޞިއްހަތަށް ގެއްލުން ލިބޭ، ފުރާނައަށް ނުރައްކާ ކުރާ އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. އެބާވަތުގެ އެއްވެސް އެއްޗެއް ބޭނުނަކުރާކަށް ނުޖެހޭނެއެވެ.

ﷲ ތަޢަލާ އާއި ބާއްވަން ޖެހޭ ގުޅުން ނުބާއްވައި އުޅުމަކީ ވަރަށް ބޮޑެތި ގެއްލުންތައް މިދުނިޔޭގައިވެސް ލިބިގެންދާ ކަމަކެވެ. މުއްސަނދިން ފަޤީރުވެއެވެ. ލިބިފައިވާ މަތީ މަޤާމުތައް ގެއްލިގެން ދެއެވެ. ނުހަނު ބުރަ މަސައްކަތުން އެތައް ކަރަދެއްކޮށްގެން ހޯދި އަނބިމީހާ އާއި ދަރިންކޮޅުވެސް ގެއްލިގެންދެއެވެ. މީހުން ތެރޭގައި އަބުރު ގެއްލި ފަޟީޙަތްވެގެންވެސް ދެއެވެ. 

ﷲ ތަޢާލާ އާއި ބާއްވަން ޖެހޭ ގުޅުން ނުބާއްވައި އުޅޭނަމަ ހަސަދަވެރިން އަހަރެމެންގެ މައްޗަށް ވަރަށް ފަސޭހައިން ވެރިވެގަންނާނެއެވެ. އަހަރެމެންގެ ޙައްޤުތައް ޖަހައިގަނެގެން ގެންދާނެއެވެ. އިސްލާމީ އުންމަތް މިއަދު ނިކަމެތިވަމުންދާ އެންމެ ބޮޑު ސަބަބަކީވެސް ހަމަ އެއީއެވެ. 

ނިކަން ވިސްނައިބަލާށެވެ. ދުނިޔޭގެ އެންމެ މަޖާ މީހާ ކަމަށް ހެދިގެން ދުނިޔޭގެ އެންމެން  ހެއްވަމުން ދިއަ މީހަކު ވަނީ ދާދިފަހުން އޯވަރޑޯޒްވެގެން މަރުވެފައެވެ. އެކަމުން ވެސް އެނގެނީ އޭނާއަކީ ކިތަންމެ އުފާވެރި މީހެއްގެ ގޮތުގައި އޭނާގެ މޫނު ދުނިޔެއަށް ދެއްކި ނަމަވެސް އޭނާގެ ހަޔާތުގައި އެއްވެސް އުފާވެރިކަމެއް ނެތްކަމެވެ. އޯވަރޑޯޒްވެގެން މަރުވާ ބިލިއަނަރުންނާއި އަދި ބަނގުރަލާއި އެނޫންވެސް މަސްތުވާތަކެތި ބޭނުން ކުރާ އެންމެންގެ ކިބައިންވެސް އެނގެނީ އެމީހުންގެ މޫނުމަތިން ކިތަންމެ ބޮޑު އުފާވެރިކަމެއް ދެއްކި ނަމަވެސް ހަޤީޤަތުގައި އެމީހުންނަކީ ދިރި ތިބި ނަމަވެސް މަރުވެފައިވާ ބައެއް ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން