އާދަމްގެފާނު ކަންތައް ކުރެއްވި ގޮތާ އިބިލީސް ކަންތައް ކުރި ގޮތް - ނަރަކައަށާ ސުވަރުގެ ވަނުމަށް އޮތް މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
އާދަމްގެފާނު ކަންތައް ކުރެއްވި ގޮތާ އިބިލީސް ކަންތައް ކުރި ގޮތް - ނަރަކައަށާ ސުވަރުގެ ވަނުމަށް އޮތް މަގު!

އާދަމްގެފާނާއި ޢާދަމްގެފާނަށް ކުރެއްވެވުނު ކުށާއި ކުށެއް ކުރެއްވެވިއްޖެކަން އެނގިވަޑައިގަތުމުން ވަގުތުން ތައުބާވެވަޑައިގެން ފާފަ ފުއްސަވައި ދެއްވެވުމަށް އެދިވަޑައިގެންނެވި ކަމުގެ ވާހަކަ ކީރިތި ޤްރުއާނުގެ ކިތައް ތަނުގައި ބަޔާން ކުރައްވަވާފައިވާކަން އެނގޭ ހެއްޔެވެ؟ ކީރިތި ޤްރައާން ބަލައި ދިރާސާކުރާށެވެ! ތަފާތު 10 ތަނަކުން ފެންނާނެއެވެ. މިހައި ގިނަ ތަންތަނުގައި އެވާހަކަތައް ބަޔާން ކުރައްވަވާފައި އެވަނީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. އެކަމަށް (ފާފައެއް ކުރެވުމުން އަވަހަށް ތައުބާވުމަށް) ﷲ ތަޢާލާ ލޯބިކުރައްވަވާ މިންވަރު ހަމަ ބޮޑުކަމުންނެވެ. 

އިބިލީހުގެ ފަރާތަށް ވިސްނައިލަބަލާށެވެ! އާދަމްގެފާނަށް ސަޖިދަކުރަން އެންގެވުމުން އެކަމަށް އިންކާރުކޮށް ދެކޮޅު ހެދުމަކީ ކުށެއްކަން އެނގުމުން އޭނާ ބޭނުންވީ ތައުބާވުމަކަށް ނޫނެވެ. އޭނާގެ ބަހަކީ "އާދަމްގެ ދަރިފަސްކޮޅު އެކުގައި ގޮވައިގެން ނަރަކައަށް ދާނެ" ކަމަށެވެ. އެގޮތަށް އެކަން ނުކުރެވޭނެ ކަމާއި އިބިލީހާއިއެކު ނަރަކައަށް ގެންދެވޭނީ ﷲ ތަޢާލާއަށް އުރެދުނު ބައަކުކަމުގައި ވަޙީ ކުރެއްވެވީ ﷲ ތަޢާލާއެވެ. އެހެންކަމުން ކުށެއް ކުރެވިއްޖެނަމަ ވަގުތުން ތައުބާވާ މީހުން ވެގެންދާނީ އާދަމްގެފާނު އަމަލުކުރެއްވެވި ގޮތަށް އަމަލުކުރާ މީހުންގެ ތެރެއިންނެވެ. ތައުބާނުވެ ލަސްކޮށް ފާފަކުރުންމަތީގައި ދެމިހުންނަނަމަ އެމީހަކު އެހެރީ އިބިލީހުގެ މަގުގައި އިބިލީހާއިއެކުގައެވެ. 

ވިސްނާށެވެ! މިއީ ފާއެއް ކުރެވުމުން ވަގުތުން ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢަލާއަށް ދަންނަވާ މީހާ އާއި ތައުބާ ނުވެ ފާފަކުރުނަމަތީގައި ދެމިހުންނަ މީހާ އާއި ދެމީހުންގެ ހުރި ތަފާތެވެ. ވީމާ ތައުބާ ނުވެ ހުރުމުގެ ނުބައިކަން ބޮޑުކަން މިވަރުންވެސް އެނގިގެންދެއެވެ. 

ފާފަ ނުކުރެވޭނެ ހަމަ އެކަކުވެސް ނުހުންނާނެ ކަމާއި އެންމެ ހެޔޮކަން ބޮޑު މީހަކީ ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެގަންނަ މީހާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ފާފަކުރެވި ތައުބާ ނުވެ ހުންނަނަމަ އެމީހަކާއި ﷲ ތަޢަލާ އާއި ދެމެދު ދާނީ ދުރުކަން އުފެދެމުންނެވެ. އާޚިރު ނަތީޖާއަކަށްވާނީ ދެމެދުގައި އުސް ފާރެއް ލެވުމެވެ. އަވަސް އަވަހަށް ތައުބާވާން ޖެހެނީ އެކަމުން ސަލާމަތްވުމަށެވެ. އަހަރެމެން އަބަދުވެސް މަސައްކަތް ކުރަންވާނީ ﷲ ތަޢާލާ އާއި ވީހައި ބޮޑަށް ކުއްތަން ވުމަށެވެ. ޒައްރެއްގެ މިންވަރުންވެސް ދުރުނުވާނެ ގޮތަށް ކަންތައްތައް ކުރުމަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން