މިއަދުގެ ދުނިޔޭގައި އެންމެ ގިނައިން ދައްކާނީ އަންހެނުންގެ ހައްޤުތަކާއި އަންހެނުން ކުރިއަރުވާ ވާހަކައެވެ. ނަމަވެސް ހަޤީޤަތަކީ ކޮބައި ހެއްޔެވެ؟ އަންހެނުން ހަދަނީ އެއް ފަހަރު ބޭނުންކޮށްފައި އެއްލައިލާ ކަރުދާސް ތުންފުއްސަށެވެ. އަންހެނުން ގެންގުޅަނީ ކުޑަކުދިން ބާބީ ޑޯލް ގެންގުޅޭ އުޞޫލުންނެވެ.
ކުޑަކުދިން ކުޅެން ގެންގުޅޭ ބާބީ ޑޯލް ވެސް ވަރަށް ރީތިކޮށް ޒީނަތްތެރިކުރުވާނެއެވެ. ކުޅެ ނިމުމުން ވައްޓައިލާނީ ވަށިގަނޑަށެވެ. ހަމަ މިމޭރުމުން ކުޑަ ދުވަސްކޮޅަކު ނަލަހައްދައި ޒީނަތްތެރި ކުރުވައިގެން އަންހެނުން ގެންގުޅެ ބޭނުންކުރާނެއެވެ. ފޫހިވުމުން ބޭނުންކޮށްފައި ޓިޝޫ އެއްލައިލާ ފަދައިން އެއްލައިލާނެއެވެ. އެއްލައިލުމުން ދެން ޖެހެނީ އެހެން ފިރިހެނެއްގެ ސަމާލުކަން ހޯދަން އިތުރަށް ޒީނަތްތެރިވާށެވެ! އެގޮތުގައި ދެމިހުންނާށެވެ!
ބައެއް ޤައުމުތަކުގައި ކައިވެނި ނުކުރި ނަމަވެސް ފިރިހެނަކާއިއެކު 6 މަސް ދުވަސް ވަންދެން އުޅެފިނަމަ އެ ފިރިހެނެއްގެ މުދަލުން ބައެއް ހޯދަން ދައުވާ ކުރެވެއެވެ. އެޤައުމުތަކުގެ ފިރިހެނުން އެކަމަށް ހޭލުންތެރިވެއްޖެއެވެ. މިހާރު ހަދާ ގޮތަކީ 3، 4 މަސް ވަންދެން ކުޑަކުދިން ބާބީ ޑޯލް ނަލަހައްދައިގެން ކުޅެން ގެންގުޅޭ ފަދައިން ނަލަހައްދައިގެން ބޭނުންކޮށްލުމަށްފަހު ބޭރުކޮށްލަނީއެވެ.
މިޒަމާނުގައި އަންހެނުން މިވަނީ ނުއެނގި ތިބެ ނަމަވެސް އެމީހުންނަކީ އަޅުންކަމަށް އަމިއްލައަށްވެފައެވެ. ފިރިހެނުންނަކަށްޓަކައި މޭކަޕްކުރުމާއި ގަހަނާ އެޅުމުގެ އަޅުންނަށްވެފައެވެ. އެމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުންނަށް މިލިބިގަނެވެނީ އަމިއްލަ އުފަލެއް ކަމަށެވެ. ނަމަވެސް ހަޤީޤަތުގައި މިކުރެވޭ ކަމަކީ ހިލޭ ފިރިހެނުންގެ އަޅުންނަށްވެ އެމީހުންގެ ހިތްތަކަށް އުފާ ހޯދައި ދިނުމެވެ.
ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނިވެ އުޅުން އިސްލާމް ދީނުގައި މަނާކޮށްފައިވަނީ މިޙާލަތުން އަންހެނުން ސަލާމަތް ކުރުމަށެވެ. އިސްލާމް ދީނުގައި އަންހެނުން ބާބީ ޑޯލް ހެއްދުން މަނާކޮށް މޭކަޕް ނުކުރުވަނީ އަންހެނުންނަކީ އުފެދުމުގައިވެސް ޒީނަތެއް ކަމުގައި ޤަބޫލުކުރާތީއެވެ.
މުސްލިމުންގެ ތެރެއިން ބައަކަށް، އިސްލާމް ދިނުގައި އަންހެނުންނަށް ދެވިފައިވާ މަތިވެރި މަޤާމަކީ އަންހެނުން އަޅުވެތިކުރުން ކަމަށް ބެލެވުނު ނަމަވެސް އެހެން ދީންތަކުގެ މީހުންނަށް އެކަން ޤަބޫލުކުރެވޭ ގޮތް މިހާރު ދަނީ ތަފާތުވަމުންނެވެ. އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ މަޤާމަކީ އެންމެ މަތިވެރި މަޤާމުކަން ޤަބޫލުކޮށް އެހެން ދީންތަކުގެ މީހުން ދަނީ އިސްލާމްވަމުންނެވެ. އެއިގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނެއެވެ.
- އިމާމް މާޒިން ޢާދިލްގެ ދަރުސަކުން