އުވައިސް - މަންމައަށް ކިޔަމަންވުމުން ކުރައްވާ ކޮންމެ ދުޢާއެއް އިޖާބަކުރައްވަވާނެކަން 7 އުޑުމަތިން އެންގެވުނު ތާބިޢީއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
އުވައިސް - މަންމައަށް ކިޔަމަންވުމުން ކުރައްވާ ކޮންމެ ދުޢާއެއް އިޖާބަކުރައްވަވާނެކަން 7 އުޑުމަތިން އެންގެވުނު ތާބިޢީއެއް!

އުވައިސް އަލްޤަރްނީއަކީ ތާބިޢީ ބޭކަލެކެވެ. ޞަޙާބީއެއް ނޫނެވެ. ނަމަވެސް އުވައިސް އަލްޤަރްނީ ޢާއި ބައްދަލުވެވަޑައިގަތުމުން ފާފަ ފުއްސަވައި ދެއްވެވުން އެދިވަޑައިގެން ދުޢާކޮށްދެއްވުމަށް ވިދާޅުވުމަށް މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނަށް ރަސޫލް (ޞޢވ) ޙަދިޘްފުޅު ކުރެއްވެވިއެވެ. އަދި އޭނާގެ ސިފަތައް ޢުމަރުގެފާނަށް ބަޔާންކޮށް ދެއްވެވިއެވެ. 

ސުވާލަކީ ދުވަހަކު ރަސޫލް (ޞޢވ) އާއި ބައްދަލުވެފައިނުވާ، ޔަމަނުގައި އުޅުއްވި ބޭކަލެއްގެ ސިފަފުޅު ރަސޫލް (ޞޢވ) އަށް އެނގިވަޑައިގެންނެވި ގޮތެކެވެ. އަދި އޭނާގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެ ކަމަށް ވިދާޅުވާން އެނގިވަޑައިގެންނެވި ސަބަބާއިމެދުގައެވެ. ހަޤީޤަތަކީ ﷲ ތަޢާލާ އެކަންކަން ބަޔާން ކުރެއްވެވުމުން ޖިބްރީލްގެފާނު އެވާހަކަފުޅުތައް ރަސޫލް (ޞޢވ)އަށް އަންގަވައިދެއްވަވާފައިވާ ކަމެވެ. 

ނިކަން ވިސްނައިބަލާށެވެ! ޞަހާބީންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ހުރިހާ ބޭކަލުންނަކީ އެބޭކަލުންގެ ހުރިހާ ދުޢާތަކެއް އިޖާބަ ކުރެއްވެވިގެންވާ ބޭކަލުންކަން އެނގޭކަށް ނެތެވެ. އުވައިސް އަށް ޞަޙާބީއަކަށްވެވަޑައި ނުގެންނެވުނު ނަމަވެސް، ތާބިޢީ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ނަމަވެސް އުވައިސް އަށް ލިބިވަޑައިގަތީ އެންމެ މަތީ ދަރަޖައެވެ. ކުރައްވަވާ ކޮންމެ ދުޢާއެއް ﷲ ތަޢާލާ އިޖާބަ ކުރެއްވެވުމަށްވުރެ މަތިވެރި ދަރަޖައަކީ ކޮބައިހެއްޔެވެ؟ 

އުވައިސް އަލްޤަރްނީއަށް މިފަދަ ދަރަޖައެއް ލިބިވަޑައިގެންނެވި ސަބަބުކަމަށް އަހަރެންނަށް އެނގިފައި އޮތް ގޮތް ކިޔައިދޭނަމެވެ. 

އުވައިސްގެ ބައްޕަ ވަނީ ނިޔާވެފައެވެ. މަންމަގެ ހުރިހާ ކަމެއް ވަރަށް ޒިންމާދާރުކަމާއިއެކު ބަލަހައްޓަވަމުން ގެންދެވީ އުވައިސްއެވެ. އެހެންކަމާއިއެކުވެސް މަދީނާއަށް ވަޑައިގެން ރަސޫލް (ޞޢވ) ފައިންޕުޅު ދެކެލައްވަން އުވައިސް ވަރަށް ބޮޑަށް ބޭނުންވެ ލެއްވެވިއެވެ. މަންމަ އަށް ވަރަށް އާދޭސް ކުރެއްވުމުން މަންމަ ހުއްދަ ދިނީ އެންމެ 2 ދުވަހު މަދީނާގައި ހުންނެވުމަށެވެ. 2 ދުވަސްވުމުން އެނބުރި ވަޑައިގަތުމަށެވެ. އެއީ އުވައިސް ނެތުމުން މަންމައަށް ވަރަށް ދަތިވާނެތީއެވެ. 

ކަން ދިމާވިގޮތުން އުވައިސްއަށް މަދީނާއަށް ވަޑައިގެންނެވުނުއިރު ރަސޫލް (ޞޢވ) މަދީނާއަކު ނެތެވެ. އެނބުރި ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ 2 ހަފްތާވަރު ފަހުންނެވެ. އެހެންކަމުން އުވައިސްއަށް އޮތީ 2 ގޮތެކެވެ. އެއްގޮތަކީ ރަސޫލް (ޞޢވ) އެނބުރިވަޑައިގަންނަވަންދެން މަދީނާގައި މަޑު ކުރެއްވެވުމެވެ. ނަމަވެސް އެއިރުން މަންމަ ދިން ހުއްދަ އާއި ޚިލާފް ވެވަޑައިގެންނެވޭނެއެވެ. ދެވަނަ ގޮތަކީ މަންމަ ބޭނުންވި ގޮތަށް އަމަލުކުރެއްވެވުމެވެ. އެއިރުން ރަސޫލް (ޞޢވ) އާއި ބައްދަލުވެވަޑައެއް ނުގަންނަވާނެއެވެ. ޞަހާބީއެއްގެ ދަރަޖަ ލިބިވަޑައެއް ނުގަންނަވާނެއެވެ. 

ޔަމަނުން މަދީނާއަށް ދަތުރެއް ކުރުމަކީ 1 މަސް ދުވަހުން ކުރެވޭ ކަމަކަށްވެފައި އުފުލަން ޖެހޭ ތަކްލީފް ބޮޑުކަމުން މިދެގޮތުން ކުރެ ގޮތެއް ނިންމަވަން އުވައިސްއަށް ވަރަށް އުނދަގޫފުޅުވިއެވެ. ނަމަވެސް ނިންމެވީ މަންމަ ބުނެފައިވާ ގޮތަށް އަމަލުކުރެއްވުމަށެވެ. އެއީ ކިތަންމެ ބޭނުންފުޅުވި ނަމަވެސް ޞަޙާބީއަކަށްވުމަކީ މަޖުބޫރު ކަމަކަށް ނުވެފައި މަންމަގެ އަމުރަށް ކިޔަމަންވުމަކީ ﷲ ތަޢާލާ ވާޖިބު ކުރައްވަވާފައިވާ ކަމަކަށްވާތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރެއްވުމަށްޓަކައެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުގައި އުވައިސްގެ ޤަދަރު އުފުލިގެން ދިއައީ މައިމީހާގެ މައްޗަށް އޮތް ލޯބީގެ ބޮޑުކަމުންނެވެ. އެމިންވަރަށް މަންމައަށް ކިޔަމަންތެރިކަން އަދާކުރެއްވެވުމުންނެވެ. އެ ސަބަބަށްޓަކައި އުވައިސްގެ ވާހަކަ ޖިބްރީލްގެފާނު މެދުވެރިކުރައްވަވައި ރަސޫލް (ޞޢވ)އަށް ބަޔާންކޮށްދެއްވެވީއެވެ. 

މީސްތަކުންނޭވެ! އަހަރެމެންނަކީ ދުޢާ އިޖާބަ ކުރެވޭ ބައަކަށް ވުމަށް އެދޭނަމަ މައިންބަފައިންނަށް ކަމޭ ހިތައި އޯގާތެރިވެ ކިޔަމަންތެރިވާންޖެހޭ މިންވަރު އުވައިސްގެ ހާދިސާއިން އެނގިގެންދެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން