ސިހުރެއްގެ ސަބަބުން ޝައިޠާނުންތަކެއް ތަޅައި އަނިޔާ ކުރަމުންދަނިކޮށް ޝަހާދަތް ކިޔައި އިސްލާމްވުމުން ޝައިޠާނުންތައް ފިލި ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ސިހުރެއްގެ ސަބަބުން ޝައިޠާނުންތަކެއް ތަޅައި އަނިޔާ ކުރަމުންދަނިކޮށް ޝަހާދަތް ކިޔައި އިސްލާމްވުމުން ޝައިޠާނުންތައް ފިލި ގޮތުގެ ވާހަކަ!

އޮސްޓްރޭލިޔާގައި ދިރިއުޅޭ ހިންދޫ ޒުވާނަކު އަހަރެންނާއި ބައްދަލުކުރިއެވެ. ދެމީހުންގެ މެދުގައި ދެކެވުނީ ދީނުގެ ވާހަކަތަކެވެ. އަހަރެން ދިއައީ އިސްލާމް ދީނުގެ މަތިވެރިކަން ބަޔާންކޮށްދީގެން އޭނާ އިސްލާމް ދީން ޤަބޫލުކުރޭތޯ މަސައްކަތްކުރަމުންނެވެ.

ކުއްލިއަކަށް ފެނުނީ އޭނާގެ ގައިން އޮއްދާ ހިއްލަން ފެށިތަނެވެ. އެއާއިއެކު އޭނާ ވަށައިގެން ހޯދަން ފެށިއެވެ. ތިއަވަނީ ކިހިނެއްތޯ ސުވާލުކުރުމުން ބުނީ މިތިބަ މީހުން ތިމަންނާއަށް އަނިޔާ ކުރަނީ ކަމަށެވެ. އެވާހަކައާއި ގުޅިގެން ކުރި ސުވާލުތަކުން އެނގުނީ އޭނާއަކީ ސިހުރު ހަދަން ދަސްކުރަމުންދާ ޒުވާނެއް ކަމެވެ. އަދި މިއުޅެނީ ދަސްކުރަން ހެދި ސިހުރެއް ނުބައިކޮށް ހެދިގެން ކަމެވެ. ޝައިޠާނުންތައް އައިސް ދިމާކޮށްލައި އަނިޔާ ކުރަނީ ކަމެވެ. 

އަހަރެން ބުނީމެވެ. ކުރެވިގެން ތިއުޅެނީ ފާފަތަކުގެ ތެރެއިން ބޮޑުފާފައެކެވެ. ސިހުރު ހެދުމަކީ ﷲ ތަޢާލާ ވަރަށް ބޮޑަށް ނަހީކުރައްވަވާފައިވާ ކަމެކެވެ. ވީމާ ތިއަ މުޞީބާތުން ސަލާމަތްވުމަށްޓަކައި ވެސް އަވަހަށް އިސްލާމްވާށެވެ! ﷲ ތަޢާލާގެ އެއްކައުވަންތަކަމާއި ރަސޫލް (ޞޢވ)ގެ ރަސޫލުކަން ޤަބޫލުކުރާށެވެ. އަދި އެކަމަށް ހެކިވާށެވެ! އެއިރުން ތިއަ ޝައިޠާނުން ތަކަށް ޖެހޭނީ އަނިޔާކުރުން ހުއްޓާލާފައި ކަލޭ ދޫކޮށް މިތަނުން ދާށެވެ. ކަލެއަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. 

އެގޮތަށް ވާހަކަ ދެއްކުމުން އިރުކޮޅަކު ވިސްނަން އިނދެފައި އޭނާ ޝަހާދަތް ކިޔައި އިސްލާމްވިއެވެ. އޭނާ، ދުލުން ޝަހާދަތް ކިޔުމާއިއެކު އޭނާއަށް ހަމަހިމޭންކަން އަންނަންފެށިއެވެ. ދާދިކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ އިނީ ހަމަޖެހިލައިގެންނެވެ. އޭނާ ބުނީ ޝައިޠާނުންތައް އޭނާ ދޫކޮށްލާފައި ހިނގައްޖެ ކަމަށެވެ. މިއަދު އޭނާއަކީ އިސްލާމް ދީން ދަސްކުރާ، އިސްލާމް ދީނަށް އަމަލުކުރަން މަސައްކަތްކުރާ ޒުވާނެކެވެ. 

މިއީ އަލަށް އިސްލާމްވުމުންވެސް މިންވަރު ކުރެއްވެވި ބޮޑު ނިޢްމަތެވެ. ދެއްކެވި ބޮޑު މުޢްޖިޒާތެއް ފަދަ ކަމެކެވެ. ވީއިރު އަހަރެމެން މުސްލިމުން ގިނަގިނައިން ޝަހާދަތް ކިޔައި ޝަހާދަތުގެ މާނަ ހިތްމައްޗަށް ގެންނަ ނަމަ ކުރާނެ ފައިދާގެ ބޮޑުކަމާއިމެދު ނިކަން ވިސްނައި ފިކުރުކޮށްބަލާށެވެ! 

- އިމާމް މާޒިން އަޙްމަދުގެ ދަރުސަކުން

މިއަދު އޮންލައިން