ދުވާލު ތަޅާ އަނިޔާކޮށް، ހިތުގަ ޖައްސާ ރޮއްވާފަ، އަނބިންގެ ގާތަށް ރޭގަނޑު އުފާ ހޯދަން ދިއުމުން އުފާ ލިބޭނެތަ؟: އިމާމް މާޒިން ޢާދިލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ދުވާލު ތަޅާ އަނިޔާކޮށް، ހިތުގަ ޖައްސާ ރޮއްވާފަ، އަނބިންގެ ގާތަށް ރޭގަނޑު އުފާ ހޯދަން ދިއުމުން އުފާ ލިބޭނެތަ؟: އިމާމް މާޒިން ޢާދިލް

ބައެއް ފިރިންނަކީ އެމީހުންގެ އަބިންނަށް ވަރަށް އަނިޔާވެރި ބައެކެވެ. ތަޅައި ޖިސްމާނީ އަނިޔާތައްވެސް ކުރެއެވެ. ހިތުގައި ޖައްސައި ރޮއްވައެވެ. ނަމަވެސް ރޭގަނޑުވުން ދުވާލު އަނިޔާތައް ދިން އަނބިމީހާގެ ގާތަށް އުފާ ހޯދަން ދެއެވެ. ބައެއް ފިރިން ރޭގަނޑުވެސް އެފަދަ އަނިޔާތައް ކުރުމަށްފަހު ނިދަން އޮށޯވެފައި އަނބިމީހާގެ ކިބައިން އުފާވެރިކަން ލިބިގަންނަން ބޭނުންވެއެވެ. ނިކަން ބުނެބަލާށެވެ. މިއީ ކޮން ގޮތަކުން ދެކޮޅު ޖެހޭ ކަމެއް ހެއްޔެވެ؟ އެ ހާލަތުގައި ފިރިމީހާ ބޭނުންވެގެން ހުރި އުފާވެރިކަން ބޭނުންވެގެން ހުރި މިންވަރަށް ފޯރުކޮށް ދިނުމަކީ ކުރެވިޑާނެ ކަމެއް ހެއްޔެވެ؟ 

އެހެންކަމާއިއެކުވެސް އުފާވެރިކަން ފޯރުކޮށްދިނުމުގައި ކިތަންމެ ކުޑަ މިންވަރެއް މަދުވި ނަމަވެސް އަނެއްކާވެސް އެއްޗެތި ގޮވައި ތަޅައި އަނިޔާކުރަންވީއެވެ. އެފަދަ ފިރިން ވިސްނައިލުން އެންމެ ރަނގަޅުވާނީ އެމީހުން ދުއްވާ ވެހިކަލާއިމެދުގައެވެ. ދުއްވައި ދުއްވައި ޕެޓްރޯލް ހުސްކޮށްލަނީއެވެ. ޕެޓްރޯލް ހުސްވެގެން ހުއްޓުނީމާ ކިތަންމެ ވަރަކަށް ޗޯކް ކުރި ނަމަވެސް އަދި ފައިބައި ކިތަންމެ ބާރަށް ކޮސްޕި ނަމަވެސް ޕެޓްރޯލް ނުއަޅައި ސްޓާޓް ކުރެވޭނެ ހެއްޔެވެ؟ 

ރަނގަޅަށް ވިސްނާށެވެ. އަނިބިން ގެންގުޅެން ޖެހޭނީ ހިތުގައި ޖައްސައި އަނިޔާ ކޮށްކޮށް، މާޔޫސްކުރުވައި ގޮތް ހުސްކުރުވާކަށް ނޫނެވެ. ކާރުން ޕެޓްރޯލް ހުސްވީމާ ޕެޓްރޯލުކޮޅެއް އެޅީމާ ހަމަ ކުރިން ދުވި ސްޕީޑްގައި ދުއްވުނު ނަމަވެސް އެއްވެސް މީހެއްގެ ހިތުގައި ޖއްސަމުން ގެންދާނަމަ ކުރިން ދިން ލޯޓްބެއް ނުދެވޭނެއެވެ. ދުވާލު ހިތުގައި ޖައްސާފައި ރޭގަނޑު ކިތަންމެ ވަރަކަށް ފިރުމި ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވޭނެއެވެ. 

އަނހެނުންނަކީ ވަރަށް ނާޒުކު ބައެކެވެ. އެއީ ބިއްލޫރިކޮޅުތަކެއްގެ މިސާލެވެ. ކޫރުން އެޅުނީމާ ކޫރުން ފިލުވުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ. އަދި ތަޅައިގެން ދިއުމުން ކުރިން ހުރި ގޮތަށް ރެނދު ބެއްދުމަކީވެސް ހަމަ ހިލާ ކުރެވޭނެ ކަމެއް ނޫނެވެ. 

އަހަރެމެން މިސާލު ނަގަން ޖެހޭނީ ރަސޫލް (ޞޢވ) ގެންގުޅުއްވެވި އަނބިއަނބިކަނބަލުންގެ އަދަދަކުން ނޫނެވެ. އަނބިއަނބިކަނބަލުންނާއިމެދު އަމަލު ކުރެއްވެވި ގޮތުންނެވެ. ބެހެއްޓެވި އޯގާތެރިކަމުންނެވެ. ރަޙްމާލީ ލޯތްބާއި ކުލުނާއި ފަރުވާތެރިކަމުންނެވެ. ރަސޫލް (ޞޢވ) އެއްވެސް އިންސާނަކާއި ދިމާއަށް، އަނބިއަނބިކަނބަލުންވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ހަނގުރާމައެއްގައި މެނުވީ އަތްޕުޅު ހިއްލަވާފައެއް ނުވެއެވެ. ވީއިރު އަހަރެމެންނަށް އަނބިންގެ ގައިގައި ތަޅައި އަނިޔާކުރަން ހުއްދަ ލިބެނީ ކޮން ގޮތަކުން ހެއްޔެވެ؟ އެއްވެސް އަނބިކަނބަލެއްގެ ހިތްޕުޅަށް އުނދަގޫފުޅުވާނެ އެއްވެސް ކަމެއް ކުރައްވަވާފައެއް ނުވެއެވެ. ވީއިރު އަހަރެމެން ހަަމ ރުޅި އަންނައިރަށް ހިތަށް އެރިހާ އެއްޗެއް ގޮވައި ހިތަށް އެރިހާ ކަމެއް ކޮށް އެކަނބަލުންގެ ހިތުގައި ޖައްސަން އޮތީ ކޮން ހައްޤެއް ހެއްޔެވެ؟ 

"އޭ މީސްތަކުންނޭވެ! އަނބިންގެ މައްޗަށް ތިއަބައި މީހުންނަށް ޙައްޤުތަކެއް ލިބިގެންވެއެވެ. ހަމައެފަދައިން ތިއަބައިމީހުންގެ މައްޗަށް އެކަނބަލުންނަށްވެސް ޙައްޤުތަކެއް ލިބިގެންވެއެވެ. ތިއަބައިމީހުން އެމީހުންނަކީ އަނބިންކަމުގައި ބަލައިގަތީ ﷲ ތަޢާލާގެ ނަންފުޅު މެދުވެރިކޮށްކަމާއި ﷲ ތަޢާލާގެ އިޒުނަފުޅާއިއެކުގައިކަން ހަނދާން ނައްތައި ނުލާށެވެ. އަދި އެމީހުންނަށް ބޭނުންވާ ކަންކަން އޯގާތެރިކަމާއިއެކު ކޮށްދޭށެވެ. އަދި އެކަނބަލުން ނުގެންގުޅެވިގެން ދޫކޮށްލާނަމަވެސް އެކަނބަލުންނަށް އަނިޔާވެރި ނުވެ އަދުލުވެރިކަމާއިއެކު ކަންކަން ކުރާށެވެ." ރަސޫލް (ޞޢވ) ހައްޖިތުލްވިދާޢުގެ ޚުޠުބާގައި މިމޭރުމުން އުންމަތަށް ވަސިއްޔަތް ކުރެއްވެވިކަން ހަނދާނުގައި ބަހައްޓާށެވެ. ހިތާމައަކީ ރަސޫލް (ޞޢވ) ދެއްވަވާފައިވާ މިފަދަ އިރުޝާދުތައް އަހަރެމެންގެ ހަނދާނުގައި މިއަދު ނުހުންނަ ކަމެވެ. ހަމައެކަނި އެމީހެއްގެ އަމިއްލަ އެދުންތައް ކުރިއަށް ނެރެވޭ ކަމެވެ. 

- އިމާމް މާޒިން ޢާދިލްގެ ދަރުސަކުން.

މިއަދު އޮންލައިން