މޫސާ ޢަލައިހިއްސަލާމްގެ ހުށަހެޅުއްވުމަށް ޖަވާބު ދެއްވަމުން ޚިޟްރު ޢަލައިހިއްސަލާމް ވިދާޅުވިއެވެ.
(قَالَ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرًا ﴿٦٧﴾وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِ خُبْرًا﴿٦٨﴾)“އެބޭކަލަކު ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލޭގެފާނަކަށް ތިމަންކަލޭގެފާނާ އެކުގައި ކެތްކުރެއްވުމަކަށް ކުުޅަދާނަވެގެނެއް ނުވާނެތެވެ.ކަލޭގެފާނަށް އެކަމެއްގެ حقيقةއެނގިވަޑައިނުގަންނަވާ ކަމެއްގެ މައްޗަށް ކަލޭގެފާނަށް ކެތްކުރެއްވޭނީ ފަހެ، ކޮންފަދައަކުންތޯއެވެ؟”
މިތަނުގައި އުފެދޭ ސުވާލަކީ: މޫސާ ޢަލައިހިއްސަލާމް އަށް އެކަންތައްތަކުގެ ޚަބަރު ކުރިން ލިބިވަޑައިގެންފައިނުވާނެކަން ޚިޟްރު ޢަލައިހިއްސަލާމް އަށް އެނގިވަޑައިގަތީ ކިހިނަކުން ހެއްޔެވެ؟
މީގެ ޖަވާބަކީ މޫސާ ޢަލައިހިއްސަލާމް ވިދާޅުވެފައިވެއެވެ. ( هَلْ أَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا) "ކަލޭގެފާނަށް ދެއްވާފައިވާ علمން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު تبعވަންތޯއެވެ؟"" މިއިން އެނގެނީ ޚިޟްރު ޢަލައިހިއްސަލާމްގެ ކިބައިގާވާ އެ ޢިލްމަކީ މޫސާ ޢަލައިހިއްސަލާމް އަށް ކުރިން ލިބިވަޑައިގެންފައި ނެތް ޢިލްމެއް ކަމެވެ.
މޫސާ ޢަލައިހިއްސަލާމް ޖަވާބުގައި ވިދާޅުވިއެވެ.
(قَالَ سَتَجِدُنِي إِن شَاءَ اللَّـهُ صَابِرًا وَلَا أَعْصِي لَكَ أَمْرًا ﴿٦٩﴾ )" އެކަލޭގެފާނު ވިދާޅުވިއެވެ. اللَّهއިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ."
މިފަދައިން މޫސާ ޢަލައިހިއްސަލާމް ވިދާޅުވީ އެވަގުތު އެކަލޭގެފާނަށް ކެތްތެރިވެވަޑައިގެންނެވޭނެ ކަމަށް ލަފާފުޅު ކުރައްވާފައެވެ. އެހެންކަމުން، އެކަލޭގެފާނު އެކަން ގުޅުއްވާފައިވަނީ ވެސް ﷲގެ އިރާދަފުޅާ އެވެ. "ﷲ އިރާދަކުރެއްވިއްޔާ ކެތްތެރިވާ މީހެއްގެ ގޮތުގައި ތިބާ ދެކޭނެއެވެ. އަދި ތިބާގެ އަމުރަކަށް ނުކިޔަމަންތެރި އެއް ނުވާނަމެވެ."
(سَتَجِدُنِي إِن شَاءَ اللَّـهُ صَابِرًا ) މިއީ އިސްމާޢީލް ޢަލައިހިއްސަލާމް ވިދާޅުވި ފަދަ ބަސްފުޅެކެވެ. އެކަލޭގެފާނުގެ ބައްޕާފުޅު އިބްރާހީމް ޢަލައިހިއްސަލާމް ވިދާޅުވި ހިނދުގައެވެ. އެވާހަކަތައް ބަޔާންކުރައްވާ ސޫރަތުއް ޞާއްފާތުގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ.(فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّابِرِينَ ﴿١٠٢﴾ )މާނައަކީ: " ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ قربانކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް أمرކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّهއިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ."
މޫސާ ޢަލައިހިއްސަލާމް ޚިޟްރު ޢަލައިހިއްސަލާމްގެ ގާތުގައިވެސް ވެވަޑައިގަތީ ހަމައެވަޢުދެވެ. ކެތްތެރިވާނެ ކަމަށާއި އެއްވެސް ކަމަށް ނުއުރެދޭނެކަމަށެވެ. އެހިނދު ޚިޟްރު ޢަލައިހިއްސަލާމް ވިދާޅުވިއެވެ.
(قَالَ فَإِنِ اتَّبَعْتَنِي فَلَا تَسْأَلْنِي عَن شَيْءٍ حَتَّىٰ أُحْدِثَ لَكَ مِنْهُ ذِكْرًا ﴿٧٠﴾ )" އެބޭކަލަކު ވިދާޅުވިއެވެ. ފަހެ، ކަލޭގެފާނު ތިމަންކަލޭގެފާނާއެކު ވަޑައިގަންނަވަނީނަމަ، އެކަމެއްގެ ވާހަކައިން ތިމަންކަލޭގެފާނު ކަލޭގެފާނަށް ބަޔާންކޮށްދެއްވައިފުމަށް ދާންދެން އެއްވެސް ކަމަކާ ދޭތެރޭ ތިމަންކަލޭގެފާނާ سؤالނުކުރައްވާށެވެ!"
މިއީ މުޢައްލިމް (އުނގަންނައިދޭ ފަރާތުން) ދަރިވަރަށް ދޭ އިރްޝާދެކެވެ. އެހެނީ މުޢައްލިމް އަށް ރައްދު ދިނުމުގައި އަވަސްވެ ނުގަތުމެވެ. އަދި އެކަންތައްތައް ކިޔައިދެއްވަންދެން ކެތްތެރިވުމަށެވެ. މިއީ ދަރިވަރުން އުސްތާޛުންނާއި މެދުގައި ބަހައްޓަން ޖެހޭ އަދަބުވެރި ކަމެކެވެ.
(فَانطَلَقَا حَتَّىٰ إِذَا رَكِبَا فِي السَّفِينَةِ خَرَقَهَا ۖ قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْئًا إِمْرًا ﴿٧١﴾ )
(فَانطَلَقَا) މޫސާ އާއި ޚިޟްރު ކުރިޔަށް ހިންގަވައިވަޑައިގަތެވެ. މިތަނުގައި އުފެދޭ ސުވާލަކީ މޫސާ ޢަލައިހިއްސަލާމްގެ ޚާދިމް ކޮބައި ހެއްޔެވެ؟ އޭނާ އެދެބޭކަލުންނާއި އެކު ދަތުރު ނުކުރައްވާ ވަކިވެވަޑައިގަތީ ހެއްޔެވެ؟ ޖަވާބަކީ: އެކަލޭގެފާނަކީ މޫސާ ޢަލައިހިއްސަލާމް އާއި ގުޅިފައިވާ ބޭކަލެކެވެ. ވީމާ، މޫސާ ޢަލައިހިއްސަލާމް ވަޑައިގަންނަވާ ކޮންމެ ތަނަކަށް އެކަލޭގެފާނުވެސް ވަޑައިގަންނަވާނެއެވެ. އެހެންކަމުން، މޫސާ ޢަލައިހިއްސަލާމް ކުރިޔަށް ހިންގަވާ ވަޑައިގެންފިޔޭ ވަޙީ ކުރެއްވީމާ، އޭގެ ތެރޭގައި އެކަލޭގެފާނުގެ ޚާދިމްވެސް ހިމެނެއެވެ.
(حَتَّىٰ إِذَا رَكِبَا فِي السَّفِينَةِ ) އެދެބޭކަލުން ނަވަށް ސަވާރުވެ ވަޑައިގަތެވެ.
(خَرَقَهَا ) ޚިޟްރު ޢަލައިހިއްސަލާމް ނަވުގެ ފޫދުއްވާލެއްވިއެވެ. އެހިނދު މޫސާ ޢަލައިހިއްސަލާމް ވިދާޅުވިއެވެ.
(أَخَرَقْتَهَا لِتُغْرِقَ أَهْلَهَا ) " އެ ނައު ތިޔަ ފޫދުއްވައިލެއްވީ އޭގެ أهلވެރިން غرقކޮށްލެއްވުމަށްތޯއެވެ؟" މިއީ ޚިޟްރު ޢަލައިހިއްސަލާމްގެ ޢަމަލުފުޅަށް އިންކާރު ކުރެއްވުމުގެ ގޮތުން މޫސާ ޢަލައިހިއްސަލާމް ވިދާޅުވި ބަސްފުޅެކެވެ. ނަމަވެސް، މީގެ ކުރިން އެކަލޭގެފާނު ވަނީ ( سَتَجِدُنِي إِن شَاءَ اللَّـهُ صَابِرًا وَلَا أَعْصِي لَكَ أَمْرًا ) "اللَّهއިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ." މިފަދައިން ވިދާޅުވެފައެވެ. ނަމަވެސް، ހިނގާދިޔަކަންތަކުގެ ބޮޑުކަމުން އެކަލޭގެފާނަށް ކެތްތެރިވެވަޑައިނުގެންނެވުނީއެވެ. ކަނޑުމަތީގައިވާ އޮޑި އެއް ފޫއަޅުވާލުމުން އޭތި ޣަރަގުވެދާނެތީވެއެވެ.
( لَقَدْ جِئْتَ شَيْئًا إِمْرًا ) "ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކެވެ."
މިތަނުގައި ޖުމްލަ ވަރުގަދަ ކުރެއްވުމަށް ތިން ތައުކީދު (ޔަގީންކޮށްދެއްވުން) ގެންނަވާފައިވެއެވެ. އެއީ:
1. ލާމް
2. ގަދް
3. ގަސަމް (ހުވާ)، ހުވާ ދޭހަވަނީ ލާމް ގެންނަވާފައި އިނީމައެވެ.
(قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرًا ﴿٧٢﴾ )"އެބޭކަލަކު (ޚިޟްރު ޢަލައިހިއްސަލާމް) ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނާއެކުގައި ކަލޭގެފާާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ތިމަންކަލޭގެފާނު ނުދަންނަވަންތޯއެވެ؟"
އެހިނދު މޫސާ ޢަލައިހިއްސަލާމް ޢުޛުރު ހުށަހަޅުއްވާ މާފަށް އެދިވަޑައިގަތެވެ. ވިދާޅުވިއެވެ.
(قَالَ لَا تُؤَاخِذْنِي بِمَا نَسِيتُ وَلَا تُرْهِقْنِي مِنْ أَمْرِي عُسْرًا ﴿٧٣﴾ ) " އެކަލޭގެފާނު (މޫސާ ޢަލައިހިއްސަލާމް) ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ހަނދުމަފުޅުނެތުން ކަލޭގެފާނު، ކަމަކަށް ނުހައްދަވާށެވެ! އަދި ތިމަންކަލޭގެފާނުގެ ކަންތަކަށް ދަތިކަމެއް، އުނދަގުލެއް ނުޖައްސަވާށެވެ!"
މޫސާ ޢަލައިހިއްސަލާމް ހަނދާން ނެތެން ދިމާވި ސަބަބަކީ: ހިނގާދިޔަކަންތަކުގެ ބޮޑުކަމުން ޙައިރާންވެ ބަސްހުއްޓުމުގެ ސަބަބުންނެވެ. އެކަލޭގެފާނު އެއޮޑި އަކަށް އަރުއްވައިގެން ހުންނެވި އޮޑީގައި ބާގަޑެއް އެޅުއްވީއެވެ. މީގެ ސަބަބުން އޭގައި ތިބި އެންމެން ޣަރަގުވެގެން ހިނގައިދާފަދަ ކަމެކެވެ. އެހެންކަމުން، ބިރުން ގޮސް ކުރީގެ ކަންތައްތައް މަތިން ހަނދާންނެތޭ ވަރުގެ ބޮޑު ކަމެކެވެ.
( بِمَا نَسِيتُ ) ތިމަންކަލޭގެފާނު ހަނދުމަފުޅުނެތުން،
(وَلَا تُرْهِقْنِي مِنْ أَمْرِي عُسْرًا) " އަދި ތިމަންކަލޭގެފާނުގެ ކަންތަކަށް ދަތިކަމެއް، އުނދަގުލެއް ނުޖައްސަވާށެވެ!"
(فَانطَلَقَا حَتَّىٰ إِذَا لَقِيَا غُلَامًا فَقَتَلَهُ قَالَ أَقَتَلْتَ نَفْسًا زَكِيَّةً بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْئًا نُّكْرًا ﴿٧٤﴾ )
(فَانطَلَقَا) އެދެބޭކަލުން ކުރިޔަށް ވަޑައިގަތެވެ.
(حَتَّىٰ إِذَا لَقِيَا غُلَامًا فَقَتَلَهُ) "ކުޑަފިރިހެންކުއްޖަކާ ބައްދަލުވެވަޑައިގެންނެވި ހިނދު، އެބޭކަލަކު އެކުއްޖާ قتلކުރައްވައިފިއެވެ."
މިތަނުގައި (قَتَلَهُ) ވަޙީ ކުރެއްވުމުގެ ބަދަލުގައި (فَقَتَلَهُ) ފާފަކާއި އެކު ގެންނަވާފައިވުމުގެ ޙިކްމަތެއްވެއެވެ. އޭގެ ޙިކްމަތަކީ މިކުޑަފިރިހެން ކުއްޖާ މަރާލުމުގެ ހިނދުކޮޅެއްކުރިން ކަމެއް ހިނގިކަން އެންގެވުމަށެވެ.
(قَالَ أَقَتَلْتَ نَفْسًا زَكِيَّةً) އެހެން ގިރާއަތެއްގައި އައިސްފައިވެއެވެ. (زَاكِيَة)މާނައަކީ: މަޢްޞޫމް ޠާހިރު ކުޑަކުއްޖެކެވެ. ކުޑަކުދިންނަކީ އެކުދިންގެ ފަރާތުން އެއްވެސް ކަހަލަ ގޯސްކަމެއް ލިޔުއްވާނޭ ކުދިންނެއް ނޫނެވެ. އެހެންކަމުން، އެއީ ފާފަތަކުން ޠާހިރުވެގެންވާ ކުދިންތަކެކެވެ.
(بِغَيْرِ نَفْسٍ) އެކުއްޖާ އަކީ މީހަކު މަރާފައިވާ ކުއްޖެއް ނޫނެވެ. އެއީ މަޢްޞޫމް ޠާހިރު ކުއްޖެކެވެ.
- ނުނިމޭ -