ކައިވެނީގެ ހެދުން ބިމުގައި ދަމާ ހަފްލާތަކުގަ ރަހްމަތުގެ މަލާއިކަތުން ބައިވެރިވެވަޑައެއް ނުގަންނަވާނެ - ބައިވެރިވާނީ ޝައިޠާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ކައިވެނީގެ ހެދުން ބިމުގައި ދަމާ ހަފްލާތަކުގަ ރަހްމަތުގެ މަލާއިކަތުން ބައިވެރިވެވަޑައެއް ނުގަންނަވާނެ - ބައިވެރިވާނީ ޝައިޠާނުން!

ކައިވެނީގެ ހެދުން ނަމަވެސް ބިމުގައި ދެމޭވަރަށް ދިގު ނުކުރާށެވެ. އެހެނީ ބިމުގައި ދެމޭވަރަށް ދިގުކޮށް ފޭރާން ލުމަކީ ޤިޔާމަތް ދުވަހު އެމީހަކަށް ﷲ ތަޢާލާ ނުވެސް ބައްލަވައިވޮޑިގަންނަވާނެ 3 މީހުންގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެފަދަ ބިރުހުރި ކަމެއްގެ ތެރެއަށް އެއްވެސް ވަރަކަށް ނުވަނުމެވެ. 

ކައިވެނީގެ ރަސްމިއްޔާތު ވާންޖެހޭނީ ދެއްކުންތެރިކަމުގެ ރަސްމިއްޔާތަކަށް ނޫނެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ޙަފްލާއަކަށެވެ. ޒަވާޖީ ހަޔާތް ބާއްޖަވެރިކޯށް ދެއްވެވުން އެދި ދުޢާ ކުރުމުގެ ހަފްލާއަޚަށެވެ. ﷲ ތަޢާލާ ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވުމުގެ ހަފްލާއަކަށެވެ. ވީމާ އެކަމަކުން ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުން ލިބިދާނެ އެއްވެސް ކަމެއް ނުކުރާށެވެ. 

ހަމައެޢާއިއެކު ވިސްނައިލާށެވެ! ﷲ ތަޢާލާ ރުހިވޮޑިގެންނުވާ ކަންކަން ހިނގާ ހަފްލާއަކަށް ނުވަތަ ތަނަކަށް ރަހްމަތުގެ މަލާއިކަތުން ވަޑައި ނުގަންނަވާނެތެވެ. އެތަނެއްގައި ތިބޭނީ ޝައިޠާނުންނެވެ. ވީމާ ކައިވެނީގެ ހަފްލާއަކީ ރަޙްމަތުގެ މަލާއިކަތުން ބައިވެރިވަޑައިނުގަންނަވާ އަދި ޝައިޠާނުންތައް ބައިވެރިވާ ހަފްލާއަކަށް ވެއްޖެ ނަމަ ދެމަފިރިންގެ ހަޔާތަށް ވާނީ ކިހިނަކުން ހެއްޔެވެ؟ 

ކުރީގެ ދަރުސެއްގައިވެސް ބަޔާންކުރި ފަދައިން ޤިޔާމަތް ދުވަހު އެމީހަކަށް ﷲ ތަޢާލާ ބައްލަވައިވޮޑިނުގަންނަވާނެ 3 މީހަކުވެއެވެ. އެއިގެ ތެރެއިން އެކަކީ އެމީހަކަށް ކުރެވިފައި ހުންނަ ކަންކަން އިޝްތިހާރުކުރަން ދައްކައި އުޅޭ މީހާއެވެ. އެމީހަކަށް ކުރެވިފައި ހުންނަ ކަންކަން އިޝްތިހާރުކުރުމުގެ ގޮތުން ނުދައްކާށެވެ. ރަނގަޅު ކަމެއް ކުރެވިފައިވާނަމަ އެކަމަކަށް ދެއްވަވަން އޮތް ސަވާބާއި ދަރުމަ އެމީހަކަށް ދެއްވަވާނެތެވެ. ކުރެވިފައި ހުންނަ ނުބައި ކަންކަމުގެ ވާހަކަތައްވެސް އިޝްތިހާރު ނުކުރާށެވެ. އެއީ އެވާހަކަތަކުން ހިތްވަރު ލިބި އެހެން މީހުން އެފަދަ ނުބައިކަންކަން ކުރަން ފަށައިފާނެތީއެވެ. ކަމެއް ކުރެވުމުން އެއޮތީ އެކަން ކުރެވިފައެވެ. ދެން އޮންނާނީ ތައުބާވާންޖެހޭ ކަމެއް ނަމަ ތައުބާވުމެވެ. 

"ތިމަންނަ ކަލޭމެންނަށް މިވެނި ކަމެއް ކޮށްދިނީމޭ" ކިޔައި ކަލަ ގޮވުމަކީ ފިރުއައުނު ކޮށްއުޅުނު އެންމެ ނުބައި އެއްކަންތަކެވެ. އޭނާ އެކަންތައް ކުރީ އޭނާގެ ހެޔޮކަމުގެ ސަބަބުން މީސްތަކުންނަށް އޭނާގެ ކަލާނގެވަންތަކަން އަނގައިދޭށެވެ. އެކަންކަމުގެ ސަބަބުން މީސްތަކުން އޭނާއަށް އަޅުވެތިވާންޖެހޭކަން ހާމަކުރުމަށެވެ. 

ދެވަނަ މީހަކީ އެމީހެއްގެ ހެދުން ބިންމަތީގައި ދެމޭވަރަށް ދިގުކޮށް ލައިއުޅުނު މީހާއެވެ. ފިރިހެނުންގެ ތެރެއިން ތަނބިކަށްޓަށްވުރެ ތިރިއަށް ހުންނަވަރަށް ދިގުކޮށް ނިވައިކޮށްގެން އުޅުނު މީހާއެވެ. މިދެކަންތައްވެސް ގޮސް ގުޅެނީ ބޮޑާކަމާއި ކިބުރުވެރިކަމާއިއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެފަދަ އެއްވެސް ކަމެއް ނުކުރުމެވެ. އެގޮތަށް ފޭރާން ނުލުމެވެ. 

ތިން ވަނަ މީހަކީ އެމީހަކު ވިއްކާ މުދައު ވިއްކުމަށްޓަކައި ގަތް އަގު އޮޅުވާލައި ދޮގުހުވާކޮށްގެން މުދައު ވިއްކައި އުޅުނު މީހާއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ މުދައު ގަތް އަގު ބުނާނަމަ އޮޅުވައި ނުލުމެވެ. ހުވާ ނުކުރި ނަމަވެސް ގަތް އަގު ބުނުމެވެ. އެއިރުން އެކަމުގެ ބިރު ކެނޑިގެން ދިއައީއެވެ. 

ނަމަވެސް މިހާރަކަށް އައިސް މީހުން މިކަންކަމަކަށް ނުބަލައެވެ. ވިއްކާތަކެތި އަވަހަށް ކަސްޓަމަރުގެ ބޮލުގައި އަޅުވައިލުމަށްޓަކައި ގަތް އަގު މާ ބޮޑުކޮށް އެބަ ބުނެއެވެ. އަދި ބައެއް މީހުން އެކަމުގައި އޭނާ ހަދަނީ ތެދުކަން ބަޔާން ކުރުމަށް ކަނޑައެޅިގެން ދޮގު ހުވާ ވެސް ކުރެއެވެ. މިހިރީ ކުދިކުދި ކަންކަން ކަމުގައި ބެލި ނަމަވެސް ޤިޔާމަތް ދުވަހު ސަލާމަތް ނުވެވިދާނެ ބޮޑެތި ފާފަތަކެވެ. 

ޤިޔާމަތް ދުވަހު އެމީހަކަށް ﷲ ތަޢާލާ ބައްލަވައިވޮޑި ނުގެންފިނަމަ އެމީހެއްގެ ޙާލަކީ ކޮބައިކަމާއިމެދު ވިސްނައިލުން ކިތަންމެހައިވެސް ބުއްދިވެރިއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން