މީހުންގެ ޙައްޤުތަކަށް އަރައިގަނެ މީހުންގެ މުދާ ދިރުވާލައިގެން ތިބެ ރޯދަ ހިފުމަކީ ވިސްނަންޖެހޭނެ ކަމެކެވެ. ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭނެ ކަންކަމުގެ ތެރޭގައި މީސްތަކުންގެ ހައްޤުތައް ފުރިހަމައަށް އަދާކުރުން ހިމެނެއެވެ. ތިމާގެ ނަފްސް ޠާހިރުކުރަން ޖެހޭނެއެވެ. އެހެން މީހުންގެ ހައްޤުތައް އަދާކުރުމަކީ ނަފްސް ޠާހިރުކުރުމުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.
މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދައި ފައިސާ ދައްކަންޖެހޭ ދުވަސް އައުމުން އެކަމާއިމެދު އެއްވެސް ވަރަކަށް އަޅައިވެސް ނުލާބައަކު އަޅުގަނޑުމެންގެ ތެރޭގައި އެބައުޅެއެވެ. އަނބުރާ ފައިސާ ދޭން ބުނި ދުވަސް އައުމުން ތިމާއަށް ފައިސާ ދިން މީހާ ފެނުމުން އެއީ ނުވެސް ދަންނަ މީހަކަށް ހަދައި އަޅައިވެސް ނުލާ މީހުން އެބައުޅެއެވެ. އެފަދަ ކަންކަމަކީ މުސްލިމުން އެއްގޮތަކަށްވެސް ކުރަން ހެޔޮވާނެ ކަންކަން ނޫނެވެ.
މަކަރާއި ޙީލަތުން ފައިސާ ހޯދުމަށްފަހު ނުވަތަ ތިމާއަށް ބޭނުމެއް ޖެހިގެން ފައިސާ ހޯދުމަށްފަހު އެކަމަށް ޚިޔާނާތްތެރިވުމަކީ މީހުން ބުރަމަސައްކަތްކޮށްގެން ހޯދާ އެމީހުންގެ މުދާ ދިރުވައިލުމެވެ. އެފަދަ ކަންކަން ކުރާއިރު ތިމާގެ އަމަލުތައް ހިސާބުކުރެވޭނެ ދުވަހެއް އޮތްކަމާއި މީސްތަކުންގެ ހައްޤުތައް އަދާކުރަން ޖެހޭނެ ދުވަހެއް އޮތްކަމަށް ވިސްނައި ބިރުވެޔިވާންޖެހޭނެ އެވެ.
(މިއީ މީގެ 2 އަހަރުކުރިން ޝައިޚް ޢަލީ ޒައިދު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސަކުން ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މިއަހަރުގެ ރަމަޟާން މަސް ފެށެން ދާދި ގާތްވެފައިވުމުން މި މައްސަލަ ސަމާލުކަމަށް ގެނައުމުގެ ގޮތުން ޝާއިޢުކުރީއެވެ.)
ތިމާ އާއި ތިމާގެ އަނބިދަރިން ދިރިއުޅުމަށް ތަންތަން ކުއްޔަށް ހިފުމަށްފަހު ކުލި ނުދެއްކުމުން ޝަރީއަތަށް ދިއުމުން ކޯޓުގައި "އެއީ ތިމަންނަ ކުއްޔަށް ހިފިތަނެއް ނޫނޭ، އެގްރިމަންޓް ކޮށްފައި އޮންނަނީ އަޅުގަނޑުގެ ކުންފުނީގެ ނަމުގައޭ، ފައިސާ ހޯދަން ކުންފުންޏާއި ދައުވާ ކުރާށޭ، ބުނަން ކެރޭ މުއްސަނދި ވިޔަފާރިވެރިން އެބަ ތިއްބެވެ. އަދި އެފަދަ މީހުން ރޯދަ ހިފާކަމަށްވެސް ބުނެއެވެ. ވީމާ ޝައިޚް ޢަލީ ޒައިދުގެ ނަޞޭޙަތްފުޅަކީ މިފަދަ އެންމެންނަށް ވަރަށް މުހިންމު އިލްތިމާސެއްކަން ފާހަގަ ކުރެވެއެވެ.